ސަރުކާރުން ޓެކްސް ބޮޑުކުރަން ނިންމުމުން، ވޯލްޑް ބޭންކުން އެކަމަށް ތައުރީފުކޮށްފި

ވޯލްޑް ބޭންކުން އޭޝިއާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ނައިބުރައީސް މާޓިން ރައިސާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ސާލިހް އާ ބައްދަލުކުރައްވަނީ--- ފޮޓޯ/ރައިސާގެ ޓްވިޓާ

ރާއްޖޭގެ އިޤްތިސާދު ހަރުދަނާކޮށް ކުރިއެރުވުމަށް މިފަހުން ސަރުކާރުން ޓެކްސް ބޮޑުކުރި ކުރުމަށް ވޯލްޑް ބޭންކުން ތައުރީފުކޮށްފިއެވެ.

ވޯލްޑް ބޭންކުން އޭޝިއާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ނައިބު ރައީސް މާޓިން ރައިސާ ރާއްޖެއަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅާ ގުޅޭގޮތުން، އެ ބޭންކުން މީޑިއާތަކާ ހިއްސާކުރި ނޫސްބަޔާނުގައި ބުނެފައިވަނީ، މާލިއްޔަތު އާރާސްތުކުރުމަށް އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުން ޓެކްސް ބޮޑު ކުރި ކުރުމަކީ އެ ބޭންކުން ބަލައިގަންނަ ކަމެއް ކަމަށެވެ.

ރާއްޖޭގައި ޓެކްސް ބޮޑުކުރުމަށް ނިންމި ނިންމުމަށް ވޯލްޑް ބޭންކުން ތާއީދުކޮށްފައިވާއިރު، އެ ބޭންކުން ދެކުނު އޭޝިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް ހަދާދް ވަނީ، ރާއްޖޭގެ އާމްދަނީ އިތުރުކުރުމަށް އަވަހަށް ޓެކްސް ނަގަންޖެހޭކަމަށް މިދިޔަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައެވެ.

ވޯލްޑް ބޭންކުން ނެރުނު ބަޔާނުގައި މާޓިން ރައިސާ ވިދާޅުވެފައިވަނީ، ކާރިސާތަކަށް ތައްޔާރުވެފައިވާ އިގްތިސާދެއް ބިނާކުރުމަށްޓަކައި ދިވެހިރާއްޖެއިން، ގެންނަމުންދާ މުހިންމު އިސްލާހުތަކާއި އިންވެސްޓްމަންޓްތަކަށް ވޯލްޑް ބޭންކުގެ ފުރިހަމަ އެއްބާރުލުން ލިބޭނޭކަމަށެވެ.

ވޯލްޑް ބޭންކުން އޭޝިއާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ނައިބުރައީސް މާޓިން ރައިސާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލުންނާއި ބައްދަލުކުރައްވަނީ--- ފޮޓޯ/ރައިސާގެ ޓްވިޓާ

ރާއްޖެއަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅުގައި މާޓިން ރައިސާ ވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި އެންވަޔަރަންމަންޓް މިނިސްޓަރު އާމިނަތު ޝައުނާއާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުންތަކުގައި ދެއްކެވި ވާހަކަފުޅުގައި ރައިސާ ވަނީ ދަރަނި ބޮޑުވުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެމެހެއްޓެނިވި އަދި ކާރިސާތަކަށް ތައްޔާރުވެފައިވާ އިގްތިސާދެއް ބިނާކުރުމަށްޓަކައި ގެންނަމުންދާ މުހިންމު އިސްލާހުތަކާއި އިންވެސްޓްމަންޓްތަކަށް ވޯލްޑް ބޭންކުން އެއްބާރުލުން ދޭނެކަން ތަކުރާރުކުރައްވާފަ އެވެ.

"ފަގީރު ގައުމެއްގެ ގޮތުގައި އޮތް ރާއްޖެ ވަނީ ޖީލެއްގެ ތެރޭގައި މެދުމިނުގެ އާމްދަނީ ލިބޭ ގައުމަކަށް ތަރައްގީވެފައި. ރާއްޖޭން ވަނީ ކޮވިޑް-19ގެ ބަލިމަޑުކަން ވެސް ރަނގަޅަށް ބަލަހައްޓާފައި. ނަމަވެސް، ދަރަނީގެ މިންވަރު މައްޗަށް ދިއުމާއި ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާއި ލޮނުގަނޑު އުފުލުން ފަދަ ކަންކަމުގެ ސަބަބުން އާ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވޭ" މާޓިން ރައިސާ ވިދާޅުވި އެވެ.

ވޯލްޑް ބޭންކުން އޭޝިއާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ނައިބުރައީސް މާޓިން ރައިސާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން-- ފޮޓޯ/ރައިސާގެ ޓްވިޓާ

އޭނާ ވިދާޅުވީ ރާއްޖޭގެ އިޤްތިސާދުގެ ދުވެލީގެ ކުރިއެރުން ދެމެހެއްޓުމަށްޓަކައި ހަރުދަނާ މާލީ ސިޔާސަތުތައް ތަންފީޒުކޮށް، ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު ވަރުގަދަކުރަންޖެހޭ ކަމަށެވެ. އަދި ހެޔޮ އަގުގައި އާންމު ޚިދުމަތްތައް ދިނުމަށް ސްމާޓް އިންވެސްޓްމަންޓްތައް ކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއްކަން ރައިސާ ވަނީ ފާހަގަކުރައްވާފައެވެ.

މާޓިން ރައިސާގެ ދަތުރުފުޅުގައި ވަނީ، އެ ބޭންކުގެ އެކްސެލެރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓްގެ އެހީގައި މާލޭގައި ފަސް މެގަވޮޓްގެ ސޯލާ ފޮޓޯވޯލްޓައިކް (ޕީވީ) ބެހެއްޓުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

ވޯލްޑް ބޭންކުން އޭޝިއާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ނައިބުރައީސް މާޓިން ރައިސާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ހުޅުލެ-ހުޅުމާލެ ލިންކް ރޯޑުގައި ކުރިއަށްގެންދާ ވޯލްދް ބޭންކްގެ އެސްޕަޔާ ޕްރޮޖެކްޓް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވަނީ-- ފޮޓޯ/ރައިސާގެ ޓްވިޓާ

މި މަޝްރޫއުގެ ސަބަބުން، ޑީސަލް ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ވުރެ ދެބައިކުޅަ އެއްބަޔަށް ވުރެ ކުޑަ އަގެއްގައި ކަރަންޓް އުފެއްދި، އޭގެ ސަބަބުން ދައުލަތުގެ ބަޖެޓާއި ބޭރު ފައިސާ ސަލާމަތްކުރުމަށް މުހިންމު އެހީއަކަށް ވެގެންދާނެކަމަށް ވޯލްޑް ބޭންކުން ދެކެއެވެ.

މީގެ އިތުރުން، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި އީޖާދީ ވިސްނުންތަކާއި ވަސީލަތްތައް އަދި ޑޭޓާ ބޭނުންކުރެވޭނެ ގޮތްތައް ދެނެގަތުމަށް ވޯލްޑް ބޭންކާއި ދިވެހި ސަރުކާރުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މަތީ ފެންވަރުގެ، ދެ ދުވަހުގެ މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ވެސް ރައިސާ ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

ރައީސާގެ މި ދަތުރުފުޅުގައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ނާޒުކު ގުދުރަތީ މާހައުލާއި މުހިންމު އުމްރާނީ ވަސީލަތްތަކާއި ރައްޔިތުންގެ ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރުތައް ގާތުން ބައްލަވާލެއްވުމަށް ކ. ގުޅިއަށް ޒިޔާރަތްކުރައްވާފައެވެ.

ވޯލްޑް ބޭންކުން އޭޝިއާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ނައިބުރައީސް މާޓިން ރައިސާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ގުޅިއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން-- ފޮޓޯ/ރައިސާގެ ޓްވިޓާ

މާޓިން ރައިސާގެ މި ދަތުރުފުޅަކީ، މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. ރާއްޖެއަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އިއްޔެ މާޓިން ރައިސާ ވަނީ ފުރާވަޑައިގެންފައެވެ.

comment ކޮމެންޓް