މިފަހަރު ޖަލަށް ފޯނު ވައްދަން އުޅުނީ ފައިވާނުގެ ދަށްްފުށުގައި ހަރުކޮށްގެން

އޭނާ ޖަލަށް ފޯނު ވައްދަން އުޅުނީ ކޯޓު އަޑުއެހުމަށް ގެންދިއުމަށްފަހު އަނބުރާ ޖަލަށް ގެނައިއިރު، އޭނާ ބައްދަލުކުރި މީހަކާ ފައިވާން ބަދަލުކޮށްގެން--- ފޮޓޯ/ ކޮމިޝަނާ އޮފް އަޙްމަދު މުޙައްމަދުފުޅު

ފައިވާނުގެ ދަށްފުށުގައި ހަރުކޮށްގެން ފޯނެއް ޖަލަށް ވައްދަން އުޅުން މީހަކު އަތުލައިގެންފިއެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު މިއަދު ވިދާޅުވީ ބަންދުގައި ހުރި މީހަކު ކޯޓު އަޑުއެހުމަށް ގެންދިއުމަށްފަހު އަނބުރާ ޖަލަށް ގެނައިއިރު، އޭނާ ބައްދަލުކުރި މީހަކާ ފައިވާން ބަދަލުކޮށްފައި ވާ ކަމަށެވެ. އަދި އެ ފައިވާނުގެ ދަށްފުށް ކަފާލާ ފޯނާއި، ސިމްކާޑުގެ އިތުރުން ޗާޖަރެއް ރައްކާކޮށް ޖަލަށް ވައްދަން މަސައްކަތް ކުރަނިކޮށް އަތުލާގަނެވިފައިވާ ކަމަށް ވެސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވިއެވެ.

ޖަލަށް މަނާތަކެތި ވައްދާ މައްސަލައާ ގުޅިގެން މިދިޔަ ހަފުތާގައި ކ. މާފުށީ ޖަލުގައި ވެސް ވަނީ އޮޕަރޭޝަނެއް ހިންގާފައެވެ.

މޯލްޑިވްސް ކަރެކްޝަން ސާވިސްގެ އެދުމުގެ މަތިން ކ. މާފުށީ ޖަލުގައި ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނުގައި ފޯނާއި ސިމް ކާޑާއި މަސްތުވާތަކެތި އަތުލައިގަނެފައިވާ ފުލުހުން ބުންޏެވެ.

ޖަލުތަކަށް ވެއްދުން މަނާ ތަކެތި ވައްދަން މަސައްކަތްކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އަޙްމަދު މުޙައްމަދުފުޅު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އެކަން ހައްލުކުރުމަށް ޓަކައި ފާއިތުވި އަހަރުތަކުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް