ބުނެދޭން ނޭނގުނަސް ... އެންމެންވެސް އުއްމީދުކުރާނީ މިފަދައިން ވުމަށެވެ. އިގުތިސާދީ ގޮތުން ފުދުންތެރިވެ ޢަދުލުވެރިކަން ގާއިމުވެފައި އޮތުމެވެ. ދިރިއުޅުމުގެ ފަސޭހަކަމާއި ހިތްހަމަޖެހުން ލިބިގެންވުމެވެ. ހުރިހައި ގޮތަކުންވެސް ފައިދާކުރަނިވި މުޖުތަމައެއް ބިނާވެ ދުނިޔެއާއި އާޚިރަތުގެ ހެޔޮކަން ލިބުމެވެ! މި އުއްމީދު ފުރިހަމަވާން އެދޭނަމަ ... އަހަރެމެންގެ ވިސްނުމަށާއި އަޚުލާގާއި ސުލޫކަށް ބޮޑެތި ބަދަލުތަކެއް ގެންނާން ޖެހެއެވެ. މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "ހަމަކަށަވަރުން، ބަޔަކުމީހުންގެ ޙާލަތު އެބަޔަކު އަމިއްލަޔަށް ބަދަލުކޮށްފުމަށްދާންދެން، ﷲ، އެޙާލަތު ބަދަލެއްނުކުރައްވާނެތެވެ."(ރަޢުދު: 11) ވީމާ އަހަރެމެންގެ ވިސްނުމާއި އަޚުލާގު ހުރި ހިސާބެއް ވަޒަންކޮށްލުމަށްޓަކައި، އަންނަނިވި ފޮޅުވަތްތަކުގައިވާ ކަންކަމަށް ނަޒަރު ހިންގައިލަމާހެއްޔެވެ.
ތަފާތު ކުށްތަކަށް އަރައިގަތުމަށްފަހު އެކަމާ ފަޚުރުވެރިވެ އެ ވާހަކަތައް މީހުންގާތުގައި ދެއްކުމަކީ މޮޅުކަމެއްނޫނެވެ. ދެމަފިރީންކަމުގައިވިޔަސް އާއްމުކޮށް މީހުންނަށް ފެންނާނޭހެން ގައިގޯޅިކޮށް އުޅުމަކީ ކޮށްގެންވާނޭކަމެއްނޫނެވެ. ތިމާގެ ވަށައިގެން ތިބޭ އެހެން މީހުންނަށް ބަލައިލުމެއްނެތި ހުތުރު ބަހުން ވާހަކަދެއްކުމާއި އެފަދަ އިޝާރާތްތައް ބޭނުންކުރުމަކީ ދަށު ދަރަޖައިގެ ކަންކަމެވެ. ބޭއަދަބީ ބަސްތަކާއި ކުރެހުންތައް ހުންނަ ފޭރާން ލައިގެން އާއްމުންގެ ތެރެއަށް ނިކުމެ އުޅުމަކީ ތިމާމެންގެ ގޮތެއްނެތްކަމުގެ އަލާމާތެކެވެ. އާއްމު ދަތުރުފަތުރުގައި ބޭނުންކުރާ އުޅަނދުތަކުގައި ފަސިންޖަރުން ތިބޭއިރު ލަވަޖެހުމާއި ފިލުމު ބެލުމާއި އަޚުލާގީ ފެންވަރު ދަށް ވާހަކަތައް އަޑުއިވޭނޭހެން ބެހެއްޓުމަކީ ދެރަ ކަންކަމެވެ.
ވިސްނުމާއި ސުލޫކުގެ ދާއިރާއިން ޚާއްޞަ އަހަންމިއްޔަތުކަމެއް ދޭންޖެހިފައިވާ އަނެއްކަމަކީ، ފަރުދީ މަސްއޫލިއްޔަތު އަދާކުރުމާއެކު އަނެކާގެ ހައްގުތަކާމެދު ސަމާލުކަން ދިނުމެވެ. ކުރާ ކަމަކުން ތިމާއަށް ފައިދާތަކެއް ލިބޭއިރު، އެކަމުން އަނެކާއަށް ލިބިދާނެ ގެއްލުމަކަށް ނުވަތަ ވެދާނެ އުނދަގުލަކާމެދު ވިސްނުން ބެހެއްޓުމެވެ. މިސާލަކަށް؛ ފުރާދުއްވާ އުޅަނދުފަހަރުން މީހުންނާއި މުދާ އުފުލާއިރު، އުޅަނދު ދުއްވާ ފަރާތުން ސަމާލުކަންދޭންޖެހޭ ކަންކަން ހުރެއެވެ. އުޅަނދަށް އެކަށީގެންވާ މިންވަރަށް ވުރެ ގިނައިން މުދަލާއި މީހުން ނޭރުވުމެވެ. ސަލާމަތީގޮތުން ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަކޮށްފައި ބެހެއްޓުމެވެ. މޫސުމަށް ބަލައިގެން ދަތުރު ކުރުމެވެ. ދަތުރުމަތީގައި ފަސިންޖަރުންނަށް ކާންބޯން ދިނުމާއި ފާޚާނާ ކުރެވޭނެ އިންތިޒާމު އެކަށީގެންވާ ގޮތުގައި ހަމަޖައްސާފައި ބެހެއްޓުމެވެ. ހަމަމިއާއެކު؛ ސަލާމަތީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ފަސިންޖަރުން އަމަލުކުރަންޖެހޭ ކަންކަން ދަނެ އެގޮތަށް އަމަލުކުރުމީ ފަސިންޖަރުންގެ ޒިންމާއެކެވެ.
ތަފާތު ކަންތައްތައް ބެލެހެއްޓުމަށްޓަކައި މުވައްޒަފުން ލައްވާފައިވުމުގެ މާނައަކީ އެދާއިރާއަކުން ތިމާގެ ބޮލުގައި އެޅިފައިވާ ފަރުދީ މަސްއޫލިއްޔަތު މުޅީން ފިލައިދިއުމެއްނޫނެވެ. މިސާލަކަށް ބުނާނަމަ، އާއްމު ބައެއް ތަންތަން ސާފުކޮށް ބެލެހެއްޓުމަށް މީހުން ލައްވާފައިވެޔޭ ބުނެ، ގަސްތުގައި އެތަންތަނަށް ކުނިއަޅައި ހަޑިކުރުމީ ކޮށްގެންވާނޭކަމެއްނޫނެވެ. ސުޕާރީ ހުސްކުރާ އުރަތަކާއި ޗުވިންގަމުގެ ކިރާއި ތޮއްޓާއި، ޒުވާންކަމުގެ ޖޯޝުގައި ދަމާލާ އެނާޖީ ޑްރިންކުގެ ހުސް ދަޅާއި ފުޅިތައް، އަތުކޮޅަށް ހޫރައިނުލިއްޔާ ފަހެ ޒުވާނަކަށް ނުވަނީހެއްޔެވެ؟
ފަރުދީ ޒިންމާ އަދާކުރުމާއި އަނެކާގެ ހައްގުތަކަށް ރައްކާތެރިވުމުގެތެރެއިން އެންމެ ބޮޑު އިސްކަމެއްދޭންޖެހޭ ދާއިރާއަކީ، މައިންބަފައިންނާއި، އަނބީންނާއި ފިރީން، އަދި ދަރީންގެ ހައްގުތަކަށް ރައްކާތެރިވުމެވެ. މައިންބަފައިން ގައިބާރު ދެރަވާ ދުވަހު، ދަރިފުޅުގެ މޫނު އަނބުރާލާފައި ދިޔުމުން، އެމީހުންގެ ހިތަށް ކުރާނޭ އަސަރު އިހުސާސްކުރަނީ ކިތައް ދަރީންހެއްޔެވެ؟ އެ ދެމީހުންނަށް ތިމާގެ ފުށުން އެހީތެރިކަމެއް ނުދޭތާނގައި، އެމީހުންނަށް އެކިގޮތްގޮތުން ލިބޭ ފައިސާކޮޅު ދަމައިގަތުމީ މައިންބަފައިންނަށް އިހާނާތްތެރިވުމެވެ. މައިންބަފައިންނާމެދު ނިކަމެތިކޮށް ކަންތައް ކުރާ މީހުންނަށް ޤިޔާމަތް ދުވަހުގައި ﷲ ބައްލަވައިވޮޑިނުގަންނަވާނެކަމަށާއި އެފަދަ މީހުން ސުވަރުގެ ނުވަންނާނެކަމަށް ޞައްޙަ ޙަދީޘްތަކުގައި ވެއެވެ.
އަނބީންނާއި ފިރީން އަދި ދަރީންގެ ހައްގުތަކުގައި އިހުމާލުވުންވެސް ފާހަގަ ކުރަންޖެހެއެވެ. މިސާލަކަށް؛ ފިރިމީހާ އުޅޭނެތަނެއްގައި އުޅުމަށްފަހު، ހޮޓަލަކުން ނުވަތަ އެހެން ތަނަކުން ބަނޑުފުރާ ކައިގެން އަންނައިރު، އަނބިދަރީން ގޭގައި އެއްޗެއް ނުކައި ތިބެދާނެއެވެ. ނުވަތަ ފިރިމީހާ މަސައްކަތުގައި އުޅެފައި ގެއަށް އަންނައިރު އަނބިމީހާ އެއްވެސް ކާއެއްޗެއް ނުހަދައި ހުރެދާނެއެވެ. ނުވަތަ ފިރިމީހާއާމެދު އެއްވެސް ސަމާލުކަމެއްނުދީ ހުރެދާނެއެވެ. ދަރިފުޅު މަދަރުސާއަށް ގެންދާއިރު އެދަރިފުޅުގެ ކިޔެވުމަށް ބޭނުންވާ އެއްޗެތި ހަމަކޮށްނުދީ ހުރެދާނެއެވެ. ނުވަތަ ދަރިފުޅު މަދަރުސާއަށް ގެންދިއުމުގެ ކުރިންނާއި، އޭނާގެ އިންޓަވަލަށް އެކަށީގެންވާ ކާއެއްޗެއް ނުދީވެސް ހުރެދާނެއެވެ. މިފަދަ ކޮންމެ ކަމަކީވެސް އާއިލާގެތެރެއިން އެއްބަޔަކު އަނެއްބައެއްގެ ހައްގުތައް އަދާކުރުމުގައި އިހުމާލުވުމެވެ. އެއިން ދައްކައިދެނީ އެފަދަ މީހުންގެ ވިސްނުމުގެ ހަނިކަމެވެ. އަޚުލާގީ ފޭރާން ދެރަކަމެވެ.
ޙިކުމަތްތެރިޔަކު ވިދާޅުވެފައިވެއެވެ. "ހަމަކަށަވަރުން، އުއްމަތްތައް ދެމިއޮތުން ވަނީ އެބައެއްގެ ކިބައިގައިވާ އަޚުލާގުގެ މަތީގައެވެ. ފަހެ، އެ އަޚުލާގު ނެތި ހިނގައްޖެނަމަ އެބަޔަކުވެސް ނެތި ހިނގައިދެއެވެ." މިބަހުގެ މުރާދަކީ އަޚުލާގު ނެތިއްޖެނަމަ އެބަޔަކު ދުނިޔެއިން (ވަގުތުން) ނެތިގެންދާ ވާހަކައެއްނޫނެވެ. އެހެނެއްކަމަކު އެއީ ރިވެތި އަޚުލާގުގެ ސަބަބުން ބަޔަކަށް ލިބިފައިވި ކަރާމާތްތެރިކަން، އެ އަޚުލާގު ނެތުމާއެކު ގެއްލިގެންދާނެ ވާހަކައެވެ. ހަމަޖެހުމާއި އުފާވެރިކަން ލިބިފައިވި އުއްމަތެއްގެގޮތުގައި އޮތް އޮތުން ނިމުމަކަށް އަންނާނެ ވާހަކައެވެ.