ބްރެޒިލަކީ ވަރުގަދަ ދެ ޓީމު ނެރެވޭ ވަރުގެ ސްކޮޑެއް އޮތް ޓީމެއް: ލޮވްރެން

ކްރޮއޭޝިއާގެ ޑިފެންޑަރު ލޮވްރެން---

ފީފާ ވޯލްޑް ކަޕުގައި ވާދަކުރަމުން އަންނަ ބްރެޒިލް ޓީމަކީ ވަރުގަދަ، ދެ ޓީމު ނެރެވޭ ވަރުގެ ސްކޮޑެއް އޮތް ޓީމެއް ކަމަށް ކްރޮއޭޝިއާގެ ޑިފެންޑަރު ޑެޖަން ލޮވްރެން ބުނެފިއެވެ.

މާދަމާރޭ ވޯލްޑްކަޕުގެ ކުއާޓާ ފައިނަލްގައި ބްރެޒިލް އަދި ކްރޮއޭޝިއާ ބައްދަލުކުރާ މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ލޮވްރެން ބުނީ، މެޗަށް ނިކުންނާނީ ބްރެޒިލްއަކީ މުބާރާތުގެ ފޭވަރިޓުންކަން އެނގިތިބެކަމަށެވެ.

އޭނާ ބުނީ ބްރެޒިލްގެ ސްކޮޑުގައި ހިމެނޭ ކޮންމެ ކުޅުންތެރިއަކީވެސް ބެންޗުން އަރައި މެޗުގެ ނަތީޖާ އަނބުރާލެވޭނެ ފެންވަރު ހުރި ކުޅުންތެރިންކަމަށެވެ.

އަދި ބްރެޒިލްގެ ޓީމަށް ފުރިހަމައަށް އިހުތިރާމް ކުރާކަމަށާއި، ކްރޮއޭޝިއާ ޓީމުން މިހާތަނަށް މަސައްކަތް ކޮށްފައިވާނީވެސް އެ ޓީމާއި ދެކޮޅަށް ނުކުންނަ ޓީމަށް އިހުތިރާމްކޮށްގެންކަމަށް ލޮވްރެން ބުންޏެވެ.

ކުއާޓާ ފައިނަލްގަައި ބްރެޒިލް އަދި ކްރޮއޭޝިއާ ބައްދަލުކުރާ މެޗު ކުޅޭނީ މާދަމާ ރޭ 8:00 ގައެވެ.

މުބާރާތުގެ ކުއާޓާ ފައިނަލަށް ކްރޮއޭޝިއާ ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި މޮރޮކޯ، ބެލްޖިއަމް އަދި ކެނެޑާއާ ބައްދަލުކޮށް ގްރޫޕްގެ ދެވަނަ މަގާމު ހޯދައި، ދެވަނަ ބުރުގައި ޖަޕާނާ ވާދަކޮށް އެ ޓީމު ބަލިކޮށްގެންނެވެ.

މީގެ އިތުރުން ބްރެޒިލް ކުއާޓާ ފައިނަލުން ޖާގަ ހޯދީ ދެވަނަ ބުރުގައި ދެކުނު ކޮރެއާއާ ވާދަކޮށް އެ ޓީމު ބަލިކޮށްގެންނެވެ. މީގެ އިތުރުން ގްރޫޕް ސްޓޭޖުގައި އެ ޓީމު ވަނީ ސްވިޒަލޭންޑް، ސާބިއާ އަދި ކެމަރޫންއާ ދެކޮޅަށް ކުޅެ އެ ގްރޫޕްގެ އެއްވަނަ ހޯދައިފައެވެ.

comment ކޮމެންޓް