ޝުހުރާބް ޑްރޯނެއް ހަދައި ކުޑައިރުގެ ހުވަފެން ހަގީގަތަކަށް!

ޑްރޯން ފަދަ ތަކެތި އުފެއްދުމަށް ޝުހުރާބް ކުޑައިރުއްސުރެ ވެސް ލޯބި ކުރޭ --

އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ އަބަދު ވެސް ތަފާތު ކަންކަން ކުރަން ބޭނުންވާ މީހުންނެވެ. މިފަހަރު ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން އަތުލީ ފ. ނިލަންދުއަށް އުފަން އުމުރުން 21 އަހަރުގެ ޝުހުރާބް މުޙައްމަދު އުފެއްދި ޑްރޯންއެކެވެ.

ޝުހުރާބަކީ ޑްރޯން ފަދަ ތަކެތި އުފެއްދުމަށް ކުޑައިރުއްސުރެ ވެސް ލޯބި ކުރި ޒުވާނެކެވެ.

"އަޅުގަނޑުގެ ޅިޔަނެއް އުޅޭނެ މެކޭނިކް މަސައްކަތް ކުރާ. ގަރާޖުގަ އޭސީ އެއްޗެހި ހަދާއިރު އަޅުގަނޑު ހުންނަން ބަލަން ކުޑައިރު ވެސް. އެހެންހެން ހީވަނީ ޝައުގުވެރިކަން އުފެދުނީ،" ޑްރޯންއެއް އުފެއްދުމަށް ޚިޔާލު އައި ގޮތް "ސަން"އާ ހިއްސާކުރަމުން ޝުހުރާބް ބުންޏެވެ.

ކުޑައިރު އުފެދުނު ޝައުގުވެރިކަމުގެ ސަބަބުން މެކޭނިކަލް އިންޖިއަނިއަރިންގެ ތެރެއަށް ވަދެވި، ޝުހުރާބް މިވަގުތު ހުރީ އިންޖިއަރިން ދާއިރާއިން ބެޗްލާސް ޑިގްރީއަށް ކިޔެވުމަށް މެލޭޝިއާގައެވެ. ކޯހުގެ ފުރަތަމަ ސެމިސްޓާ ނިމި މިހާރު ކުރިއަށް ދަނީ ދެވަނަ ސެމިސްޓާގެ ކިޔެވުމެވެ.

"މެކަޓްރޯނިކްސް މާއްދާގެ ޕްރޮޖެކްޓެއް ހަދަން ދިނީ ގްރޫޕެއް ބަހާފަ. ކޮންމެ ގްރޫޕަކުން ކޮންމެވެސް އެއްޗެއް އުފައްދަން ޖެހެނީ،" ޝުހުރާބް ބުންޏެވެ.

ޕްރޮޖެކްޓަށް ގްރޫޕު ބެހި އިރު ޝުހުރާބާއެކު އެހެން ދަރިވަރެއް ވެސް އެ ގްރޫޕުގައި ހިމެނެއެވެ. ނަމަވެސް ކަންދިމާކުރި ގޮތުން އެ ދަރިވަރު ކޯސް އިތުރަށް ކުރިއަށް ނުގެންދާން ނިންމުމުން ޕްރޮޖެކްޓް މަސައްކަތުގައި ޝުހުރާބް އެކަނިވީއެވެ.

"ދެން ލެކްޗަރާ ބުނީ އަމިއްލައަށް މަސައްކަތް ކުރިއަށް ގެންދަން،" އޭނާ ބުންޏެވެ.

އެހެންކަމުން ޝުހުރާބް ވިސްނީ އުފައްދާނެ އެއްޗަކާމެދުއެވެ. ޑްރޯނެއް އީޖާދު ކުރަން އޭނާ ނިންމީ އެތައް ގޮތަކަށް ވިސްނުމަށްފަހު ކަމަށް އޭނާ ބުންޏެވެ.

"ކްލާހުން އެނގުނު އެއްޗެއްގެ އިތުރުން ޔޫޓިއުބް ބަލައިގެން ޑްރޯން ހަދަން ދަސްކުރީ. ގާތްގަނޑަކަށް ދެ ހަފުތާ ވަންދެން އޭތި ހަދާނެ ގޮތެއް ވިސްނާ ބޭނުންވާ އެއްޗެއްސާ މެދު ވިސްނީ." އޭނާ ބުންޏެވެ.

ޝުހުރާބަށް ދެން ދިމާވި ގޮންޖެހުމަކީ ޑްރޯން އުފެއްދުމަށް ބޭނުންވާ ސާމާނު ހޯދުމެވެ. ޑްރޯން އުފެއްދުމަށް އެއްޗެހި ގަތީ އޭނާ އަމިއްލައަށް، މެލޭޝިއާއިން އޮންލައިންކޮށް ކަމަށް އޭނާ ބުންޏެވެ.

"ގާތްގަނޑަކަށް ހަފުތާއެއްގެ މަސައްކަތުން ޑްރޯން އެއްކޮށް ނިންމާލެވުނީ. އޭރު ވެސް މީތި ކާމިޔާބު ވާނެއެކޭ ހިތަކަށް ނާރަ. ކޮންމެވެސް މައްސަލަތަކެއް ދިމާވާނެއޭ ހިތަށް އެރީ،" ޝުހުރާބް ކިޔައިދިނެވެ.

ޝުހުރާބް އުފެއްދި ޑްރޯންއަކީ ރިމޯޓުން ކޮންޓްރޯލް ކުރާ ޑްރޯނެކެވެ. ނަމަވެސް މި ޑްރޯންގެ މައިގަނޑު ފީޗާއެއްގެ ގޮތުގައި އޭނާ ފާހަގަކުރީ ޑްރޯންގެ އޮޓޯ ލެވެލް ފަންކްޝަންއެވެ. އެގޮތުން ޑްރޯން މައްޗަށް އެރުވުމުން އަމިއްލައަށް ލެވެލް ވާނެކަމަށް އޭނާ ބުންޏެވެ.

އެ ޑްރޯންއިން ގާތްގަނޑަކަށް ހަތަރު ކިލޯގެ މުދާ އުފުލޭނެއެވެ. އޭގައި ބޭނުން ކޮށްފައިވަނީ 100 މީޓަރަށް އުދުހެވޭވަރުގެ ޓްރާންސްމިޓާއެކެވެ.

ޝުހުރާބް ބުނީ، ކުރިއަށްއޮތްތަނުގައި މި ޑްރޯން ކެމެރާއާއެކު ނުވަތަ ސެންސާއަކާއެކު އުފެއްދުމުގެ ވިސްނުން އޭނާ ގެންގުޅޭ ކަމަށެވެ.

"އަޅުގަނޑު އިންޓްރެސްޓް ހުރީ މީތި ނޫނީ މިކަހަލަ އެހެން ޕްރޮޖެކްޓެއް އިމްޕްރޫވެ ކޮށްގެން ހަދަން،" ޝުހުރާބް ބުންޏެވެ.

ޝުހުރާބްގެ ކްލާހުގެ ދަރިވަރުން ތައްޔާރުކުރި ޕްރޮޖެކްޓްތަކުގެ ތެރެއިން އެންމެ މަތީ މާކްސް ލިބިފައި ވަނީ ޝުހުރާބްގެ އުފެއްދުމަށެވެ.

"މީތި ކާމިޔާބު ވީމަ ވަރަށް ކޮންފިޑެންޓް ވެއްޖެ. ގަބޫލު ކުރެވޭ ހަމަ ހެދިދާނެކަން މިއަށްވުރެ ރަނގަޅު އެއްޗެއް ވެސް،" އޭނާ ބުންޏެވެ.

ޝުހުރާބް ބުނީ، އަމިއްލައަށް ޑްރޯންއެއް ހެދޭނެކަމަށް ދުވަހަކު ވެސް ހީނުކުރާކަމަށެވެ. އަދި މަސައްކަތް ފެށި އިރުވެސް މި މަސައްކަތް ކާމިޔާބު ވާނެކަމާމެދު އަމިއްލަ ނަފުސަށް މާބޮޑު އިތުބާރެއް ވެސް ނެތްކަމަށެވެ. ނަމަވެސް މަސައްކަތް ކާމިޔާބުވުމުން މިހާރު ވަރަށް އުފާކުރާކަމަށް އޭނާ ބުންޏެވެ.

އެހެންކަމުން ކަމެއް ކުރަން ފަށާނަމަ، އުންމީދު ގެއްލުވާނުލާ ކުރިއަށް ދިއުމަކީ ޝުހުރާބްގެ ނަސޭހަތެވެ.

ގުޅޭ ޓެގު
comment ކޮމެންޓް