ސައިކްލޯން މެންޑޫސްގެ އަސަރު ނުސީދާ ގޮތެއްގައި ރާއްޖެއަށް ކުރާނެ: މެޓް އޮފީސް

އިންޑިއާގެ ހުޅަނގުދެކުނާއި ދެކުނުއިރުމަތީ ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ތޫފާން

އިންޑިއާގެ ހުޅަނގުދެކުނާއި ދެކުނުއިރުމަތީ ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ތޫފާނުގެ އަސަރު ނުސީދާގޮތެއްގައި ރާއްޖެއަށް ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

ސައިކްލޯން "މެންޑޫސް" ގެ ނަމުން ނަންދީފައިވާ މި ތޫފާނާ ބެހޭގޮތުން އިންޑިއާ ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ބޭ އޮފް ބެންގާލްގައި އުފެދިފައިވާ މި ތޫފާން، ހުޅަނގު ދެކުނު ބޭ އޮފް ބެންގާލް، އުތުރު ޓެމިލް ނާޑޫ ޕުޑުޗެރީ އަދި ދެކުނު އަންދްރަ ޕްރަދޭޝްގެ އައްސޭރިފަށަށް މިއަދު ފޯރާފައިވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ރާއްޖޭގެ މުސުމާ ބެހޭ އިދާރާގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ ތޫފާނުގެ ސީދާ އަސަރު ނުކުރި ނަމަވެސް ތޫފާނުގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކަށް ކޮންމެވެސް ވަރަކަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު މެދުރާއްޖެ ތެރެއާއި އުތުރަށް ކެރީގެ އަސަރު ކުރިނަމަވެސް ދެކުނުގެ އަތޮޅުތަކަށް މޫސުން އެއަށްވުރެ ރަނގަޅުވާނެ ކަމަށް މެޓު އޮފީހުން މައުލޫމާތު ދެއެވެ.

އެހެންނަމަވެސް ކުރިއަށް އޮތް ހަފުތާ ބަންދުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މިހާރަށް ވުރެ ވައި ގަދަވާނެ ކަމަށް މެޓުން ލަފާކުރެއެވެ.

އެގޮތުން ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓުން މައުލޫމާތު ދެއެވެ.

ތޫފާނު އުފެދުމުގެ ކުރިންވެސް ހުޅަނގު މޫސުމުން އިރުވައި މޫސުމަށް ބަދަލުވަމުންދާ ދުވަސްވަރު ކަމަށް ވާތީ، މި ދެ ތިން ދުވަހު ވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވަނީ ވިއްސާރައިގެ އަސަރު ކޮށްފައެވެ.

މިދުވަސްވަރަކީ އިރުވައި މޫސުން ފެށޭ ދުވަސްވަރަށް ވުމުން، ރާއްޖެއަށް ވައި އަންނަނީ އިންޑިއަން ސަބްކޮންޓިނެންޓާ ދިމާލުންނެވެ. އިންޑިއާގެ ބޭ އޮފް ބެންގަލް ހުރަސްކޮށް ވަޔާއެކު ރާއްޖެއާ ހަމައަށް ހިރަފުހާއި ދުން އައުމުގެ ސަބަބުން މިފަހުން ޖައްވު ނުސާފުވެފައި އޮތުމަށްފަހު މިހާރު އަންނަނީ ވައި ސާފުވަމުންނެވެ.

ހޭޒް ނުވަތަ ޖައްވުގެ ތެރޭގައި ހުންނަ ހިރަފުހާއި ކުޑި ރާއްޖެއާ ހަމައަށް ފޯރަނީ އިރު އިތުރުން ވައި ޖެހޭ ދުވަސްވަރުގައި ނަމަވެސް މެޓުން ބުނީ ތޫފާނުގެ ސަބަބުން ރާއްޖެއަށް ވައި އަންނަ މިސްރާބު މިހާރު ބަދަލުވެފައިވާ ކަމަށާއި، ތޫފާނުގެ ސަބަބުން ޖައްވު ނުސާފު ވުމުގެ ފުރުސަތު ނެތް ކަމަށެވެ.

އެހެންނަމަވެސް އިރުވައި މޫސުމަށް ބަދަލުވަންދެން ދޭތެރެ ދޭތެރެއިން ކޮންމެސް ވަރަކަށް ޖައްވު ނުސާފުވުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

comment ކޮމެންޓް