ޖަރުމަނުގެ ކޯޗުކަމުން ހާންސީ ފްލިކް ވަކިނުކުރާނެ

ފޮޓޯ/ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ސްޓޭޖާއި ހަމައިން ޖަރުމަނަށް މުބާރާތް ނިންމާލަން ޖެހުނު ނަމަވެސް، ޓީމުގެ ކޯޗުކަމުގެ މަގާމުން ހާންސީ ފްލިކް ވަކި ނުކުރާނެކަމަށް ޖަރުމަނުގެ ފުޓުބޯޅަ ފެޑެރޭޝަނުން ބުނެފިއެވެ.

މިފަހަރުގެ މުބާރާތުގެ ގްރޫޕް އީގައި ޖަރުމަނު ހިމެނުނީ ކޮސްޓަ ރިކާއާއި ސްޕެއިންގެ އިތުރުން ޖަޕާނާ އެކުއެވެ. މި ގުރޫޕުގައި ޖަރުމަނަށް ލިބުނީ ތިންވަނައެވެ. މިއާއެކު އެ ޓީމަށް މިފަހަރުގެ މުބާރާތް ގްރޫޕް ސްޓޭޖާ ހަމައިން ނިންމާލަން ޖެހުނުއިރު، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގައިވެސް ޖަރުމަނީ ކެޓީ ގްރޫޕް ސްޓޭޖާ ހަމައިންނެވެ.

މުބާރާތުގައި ޖަރުމަނުން ކުޅުނު ފުރަތަމަ މެޗާއި އެކު އެޓީމަށް ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުވިއެވެ. އެއީ މެޗުގެ ކުރިން ޓީމުގެ ފުރަތަމަ 11 ކުޅުންތެރިން ނެގި ފޮޓޯގައި، ހުރިހައި ކުޅުންތެރިންވެސް އަނގަމަތީގައި އަތް އަޅައިގެން ހުރެ، "ގަތަރުން އިންސާނީ ހައްގުތަކަށް އިހުމާލުވާ" ކަމަށް ބުނެ އިހްތިޖާޖު ކުރުމުންނެވެ. އަދި ފުރަތަމަ މެޗުގައި ޖަޕާން އަތުން އެޓީމު ބަލިވުމާއި ގުޅިގެންނެވެ.

ޖަރުމަނު ޓީމުން މުބާރާތުގެ ފުރަތަމަ މެޗަށް ނެރުނު ފުރަތަމަ 11، ފޮޓޯއަކަށް ހުއްޓިލައިގެން --

މިއާއެކު ގިނަ ފަރާތްތަކަކުން ބުނަމުން ދިޔައީ ޖަރުމަނުން މިފަހަރުގެ ވޯލްޑް ކަޕަށް އައީ ފުޓުބޯޅައަށް "ފޯކަސް" ކޮށްގެން ނޫން ކަމަށާއި، ސިޔާސީ ޕްރޮޕަގެންޑާއެއް ފެތުރުމަށް ކަމަށެވެ.

މުބާރާތުގެ ދެވަނަ މެޗުގައި ސްޕެއިންއާ އެއްވަރުވެ ޖަރުމަނަށް މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ހަނިވިއިރު، ތިންވަނަ މެޗުގައި ކޮސްޓަ ރިކާ އަތުން ތަފާތު ބޮޑު ނަތީޖާއަކުން މޮޅު ނުވެވުމުން އެޓީމަށް މުބާރާތާ ވަކިވާން ޖެހުނެވެ.

މިއާއެކު ގިނަބަޔަކު ޓީމުގެ ކުޅުންތެރިންނަށާއި ޖަރުމަނުގެ އެފްއޭއަށް ފާޑުކިޔައި، ޓީމުގެ ކޯޗު މަގާމުން ވަކި ކުރުމަށް ގޮވަމުން ދިޔައެވެ.

އެހެންނަމަވެސް ކޮސްޓަ ރިކާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާންސީ ފްލިކް ވަނީ، ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ސަލާމަތް ނުވެވުނަސް، އިސްތިއުފާދީފައި ދާން ވިސްނުން ނުގެންގުޅޭ ކަމަށް ބުނެފައެވެ.

ފްލިކް މިހެން ބުނެފައިވާއިރު، މި ހަފްތާގެ ކުރީކޮޅު ޖަރުމަނު ޓީމުގެ ޓެކްނިކަލް ޑިރެކްޓަރު ވަނީ ޓީމުގެ ނާކާމިޔާބީގެ ސަބަބުން މަގާމުން އިސްތިއުފާ ދީފައެވެ. މިއާއެކު ފްލިކްވެސް މަގާމުން އިސްތިއުފާ ދޭނެކަމަށް ބެލެވުނެވެ.

އެހެންނަމަވެސް ޖަރުމަނުގެ ފުޓުބޯޅަ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، 2024 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގައިވެސް ޓީމަށް އިރުޝާދު ދޭނީ ފްލިކް ކަމަށެވެ. ޔޫރޯ 2024ގެ ހޯސްޓަކީވެސް ޖަރުމަނެވެ. ޖަރުމަނުގެ ގައުމީ ޓީމާއެކު ފްލިކް ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވާނީވެސް އެ މުބާރާތަށް ފަހުއެވެ.

ކޯޗުކަމުން ފްލިކް ވަކި ނުކުރާނެކަން ހާމަކޮށް ޖަރުމަނު އެފްއޭގެ ރައީސް ބުނީ، ފްލިކްއާއި އޭނާގެ ޓީމާއިމެދު ފުރިިހަމަ ޔަގީންކަން އެބައޮތް ކަމަށާއި، މިހާރު އޮތް ޖަރުމަނު ސްކޮޑު ވަރުގަދަކޮށް، ޓީމާއެކު ފްލިކަށް ކާމިޔާބު ހޯދޭނެކަމަށް ގަބޫލުކުރާ ކަމަށެވެ.

ޓީމުގެ ކޯޗުގެ ގޮތުގައި ދެމިހުންނާނެކަން ހާމަކޮށް ވާހަކަދައްކަމުން ފްލިކް ބުނީ، ގަތަރުގައި ލިބުނު ނަތީޖާއަށްވުރެ ރަނގަޅު ނަތީޖާއެއް، ޓީމެއްގެ ގޮތުގައި މަސައްކަތްކޮށްގެން ހޯދޭނެ ކަމަށެވެ. އަދި ގަތަރު ވޯލްޑް ކަޕުން އިބުރަތްތަކެއް ހާސިލްވެއްޖެ ކަމަށާއި، މުބާރާތުގައި ހެދުނު ގޯސްތައް ރަނގަޅުކޮށް، އަމިއްލަ ގައުމުގައި ބާއްވާ ޔޫރޯ މުބާރާތުގައި ތަފާތު ދައްކާނެކަމަށް ފްލިކް ބުނެފައިވެއެވެ.

ޖަރުމަނުގެ ގައުމީ ފުޓުބޯޅަ ޓީމުގެ ހެޑް ކޯޗަކަށް ހާންސީ ފްލިކް ހަމަޖައްސާފައި ވަނީ 2021 ވަނަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެހެންނަމަވެސް އޭނާ ޓީމާ ހަވާލުވެފައި ވަނީ އެ އަހަރު ބޭއްވި ޔޫރޯ މުބާރާތަށް ފަހުއެވެ.

ފްލިކް ޖަރުމަނު ޓީމާއި ހަވާލުވީ ބަޔާން މިއުނިކަށް 2020/2021 ވަނަ އަހަރުގެ ސީޒަނުގައި އިރުޝާދު ދިނުމަށްފަހުއެވެ. ބަޔާން އާއިއެކު ފްލިކް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާއިރު އޭނާ ވަނީ އެޓީމާއެކު 2019-2020 ވަނަ ސީޒަނުގައި ޓްރެބަލް އެއް ހޯދާފައެވެ. އެއީ ޑީއެފްބީ ޕޯކަލް މުބާރާތާއި އެ ސީޒަނުގެ ބުންޑަސްލީގާގެ އިތުރުން ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގް ކާމިޔާބުކޮށްގެނެވެ. އެ އަހަރު އޭނާ ވަނީ ޔޫއެފާ އިން ހޮވާ ޔޫއެފާ މެންސް ކޯޗް އޮފް ދަ އިޔަރ ގެ މަގާމުވެސް ހޯދާފައެވެ.

comment ކޮމެންޓް