ކަރަށް ތަދުވަނީތަ؟ ތި ވާނީ ނިދޭ ގޮތުން ކަމަށް!

ކަރަށާއި ކަނދުރާއަށް ތަދުވުމުގެ ފަހަތުގައި ވަރަށް ގިނަ ސަބަބުތަކެއް ވެއެވެ. އޭގެތެރޭގައި އެންމެ އާންމުކޮށް ދެކެވޭ ވާހަކަތަކަކީ ކުޅިވަރަކުން އަނިޔާވުމާއި މީހާގެ ޕޯސްޗާގެ ގޮތުން ނުވަތަ އެކްސިޑެންޓެއްގެ ސަބަބުން ވާ ކަމެއް ކަމަށެވެ. ނަމަވެސް ކަރަށް ތަދުވުމުގެ ފަހަތުގައި އިތުރު ކަމެއް ވެދާނެއެވެ. އެއީ މީހާގެ ނިދުމުގެ އާދައެވެ.

"ގިނަ ފަހަރަށް ނިދައިން ހޭލާއިރު ކަރުގައި ނުވަތަ ކަނދުރާގައި ރިއްސާނަމަ އެއީ މީހާ ނިދި އިރު ބާލީހުގައި އޮތް ގޮތުން ވީ ކަމަކަށް ވެދާނެ. އަދި މީހާއަށް ނިދިފައި އޮންނަ ޕޮޒިޝަން އަކީ ވެސް ކަރަށް ތަދުވުމަށް މެދުވެރިވެދާނެ ކަމެއް،" ސްލީޕް ސްޕެޝަލިސްޓެއް ކަމަށްވާ ޑރ ރާޖް ދާސްގުޕްތާ ބުންޏެވެ.

ޔުނިވާސިޓީ އޮސް ސަދަން ކެލިފޯނިއާގެ ކްލިނިކަލް މެޑިސިންގެ އެސޯސިއޭޓް ޕްރޮފެސަރެއް ކަމަށްވާ ޑރ. ރާޖް ބުނާގޮތުގައި ގިނަ ފަހަރަށް ކަރަށް ތަދުވަނީ ނިދާ ބާލީހުގެ ސަބަބުންނެވެ. އެގޮތުން އެ ބާލީހަކީ ތިމާއާ ނުގުޅޭ ބާލީހަކަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ އިޝާރާތް ކުރިއެވެ.

ނިދީގެ މާހިރުން ބުނާގޮތުގައި ބާލީހެއް ހިޔާރު ކުރާއިރު އިންސާނާގެ ކަރުގެ ލެނބުންތަކަށް ސަޕޯޓު ދޭ ބާލީހެއް ހޯދުން މުހިއްމެވެ. އަދި އެ ބާލީހަކީ އެހެންމީހުންނާ ގުޅޭނެ ބާލީހަކަށް ވެސް ނުވެދާނެ ކަމަށް މާހިރުން ބުނެއެވެ.

މާހިރުން ބުނާގޮތުގައި ނިދާއިރު އާންމުކޮށް ގައިގައި ރިއްސުމާއި ކަނދުރާ އަދި ކަރަށް ތަދުވުމުން ސަލާމަތްވުމަށް އެންމެ އެކަށީގެންވާ ގޮތަކަށް ކުރެވޭނެ ކަމަކީ އުއްޑުން ނިދަން އޮތުމެވެ. އެހެން ޕޮޒިޝަންތަކުގައި ނިދަން އޮތުމުގެ ސަބަބުން މީހާއަށް އެކި ގެއްލުން ލިބުން އެކަށީގެންވާ ކަމަށްވެސް އިޝާރާތް ކޮށްފައިވެއެވެ.

އެ މީހުން އިޝާރާތް ކުރާގޮތުގައި އާންމު ގޮތެއްގައި އަރިއަކަށް އޮވެގެން ނިދާ މީހުންނަށް އެންމެ ރަނގަޅުވާނީ ހަރު ބާލީހެކެވެ. މަޑު ބާލީހެއްގައި ބޯ އަޅައިގެން އަރިއަކަށް ނިދާނަމަ އޭގެ ސަބަބުން ކަނދުރައަށް ތަދުވުމަކީ އެކަށީގެންވާ ކަމެކެވެ.

comment ކޮމެންޓް