ނޫސްވެރިކަން ލާމަރުކަޒުކުރަން ޖެހޭ، ގައުމުގެ ހިންގުން ހަރުދަނާ ވާނީ އޭރުން: އިމްރާން

ނޫސްވެރިންނަށް އަމާޒުކޮށްގެން ހޯމް މިނިސްޓްރީން ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމް "ކައުންސިލްތައް ޖަވާބުދާރީ ކުރުވުމުގައި ނޫސްވެރިންގެ ދައުރު" ގައި މިނިސްޓަރު އިމްރާާން އަބްދުﷲ ވާހަކަދައްކަވަނީ--- ފޮޓޯ/ ހޯމް މިނިސްޓްރީ

ގައުމުގެ ހިންގުން އިތުރަށް ހަރުދަނާ ވާނީ ނޫސްވެރިކަން ލާމަރުކަޒު ކޮށްގެން ކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެހެން ވިދާޅުވީ ނޫސްވެރިންނަށް އަމާޒުކޮށްގެން ހޯމް މިނިސްޓްރީއިން ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމް، "ކައުންސިލްތައް ޖަވާބުދާރީ ކުރުވުމުގައި ނޫސްވެރިންގެ ދައުރު" ފައްޓަވައިދެއްވާ ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ މިހާރަށް ވުރެ ބޮޑަށް ނޫސްވެރިކަން ލާމަރުކަޒު ކުރަން ޖެހޭ ކަމަށެވެ. އެގޮތުން 2008 ވަނަ އަހަރުން ފެށިގެން ލާމަރުކަޒީ ނިޒާމުގެ ވާހަކަ ދެކެވެމުން އަންނައިރު ބައެއް ދުވަސްވަރު އެ ނިޒާމު ވަރުގަދަވެ، ފުޅާވެގެން ދާ ކަމަށާއި އަނެއްބައި ދުވަސްވަރު، އެ ނިޒާމު ބަލިކަށިވެ، ނިކަމެތިވެގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބައެއް އޮންލައިން ނޫސްތަކާއި ބައެއް އަމިއްލަ ނޫސްވެރިން އަތޮޅުތެރޭގައި ހިނގާ ކަންކަމަށް އިސްކަން ދީގެން އެކަންކަން ރިޕޯޓު ކުރާ ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ތެރެއިން ނޫސްވެރިކަން ލާމަރުކަޒު ކުރުމުގެ މާބޮޑު ވާހަކައެއް ދެކެވިފައިނުވާ ކަމަށެވެ. ނަމަވެސް މިއަދު ފެށި ތަމްރީނުގެ ސަބަބުން، މަރުކަޒީކޮށް ކުރެވެމުން އައި ނޫސްވެރިކަން، ލާމަރުކަޒުކޮށް، އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

"ލާމަރުކަޒީ ނިޒާމުގެ ދަށުން ރާއްޖޭގެ ހިންގުމުގެ މުހިންމު ބައެއް ރަށު ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކަށް މަތިކުރެވިގެންދާއިރު ދައުލަތުގެ މާލިއްޔާތާ އެ ނޫންވެސް ކަންކަމަށް ކައުންސިލުތައް ޖަވާބުދާރީ ކުރުމުވަކީ މީޑިއާތަކުން ނޫސްވެރިން މެދުވެރިކޮށް ކޮންމެހެން ކުރަން ޖެހޭ ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ މިއަދު ފަށާ ތަމްރީނުގެ ސަބަބުން ނޫސްވެރިކަން ލާމަރުކަޒުކުރުމާ ދިމާއަށް، ކަންކަން ބައްޓަންކުރެވުމަށް މަގުފަހިވެގެން ދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އޭގެ އިތުރުން މާލެ ސަރަހައްދުގައި ގާއިމުވެ ތިބޭ ނޫސްވެރިންނަށް ވުރެ، އަތޮޅުތެރޭގައި ގާއިމުވެފައިވާ ނޫސްތައް ކުޑަވެ، މަދުވާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދުގެ ނިޒާމު ބައްޓަންވެފައިވާ ގޮތުން ޓެކްނޮލޮޖީގެ އެހީގައި އަތޮޅުތެރޭގައި ހިނގާ ކަންކަން، ވީހާވެސް އަވަހަކަށް، ރައްޔިތުންނާ އެންމެ ގާތުން ގެނަސްދިނުމަށް ފަސޭހަވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވުމާއެކު އެ ދިމާއަށް ވިސްނުން ގެންގޮސް އެގޮތަށް މަސައްކަތް ކުރުމަކީ ރާއްޖޭގެ ހިންގުން އިތުރަށް ހަރުދަނާވެ، ސަރުކާރާއި ކައުންސިލުތައް ގުޅިގެން ކުރާ މަސައްކަތް ގެނެސްދީ، އެފަރާތްތައް ޖަވާބުދާރީ ކުރުވުމަށް އިތުރަށް ފަސޭހަވާނެ ކަމެއް ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ. އޭގެ އިތުރުން މިއަދު ރާއްޖޭގައި ނޫސްވެރިކަން ވަރަށް ބޮޑަށް ހުޅުވާލެވިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ރާއްޖޭގެ ނޫސްވެރިކަން މިއަދު ދުނިޔޭގެ އެންމެ ޑިމޮކްރެޓިކް ގައުމުތަކުގައި ހުޅުވާލެވިފައިވާ މިންވަރަށް ހުޅުވާލެވިފައި އެބައޮތޭ ބުނުމަކީ ކުށަކަށް ނުވާނެ،" އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެހެން ފަރާތްތައް ޖަވާބުދާރީ ކުރުވައި، ކަންކަން ހާމަކުރުމުގައި ނޫސްވެރިން ވެސް އިތުރަށް ޒިންމާދާރުވާން ޖެހޭ ކަމަށެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ނޫސްވެރިން މަސައްކަތް ކުރަނީ އެގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ހަގީގަތާ ޚިލާފު މައުލޫމާތު ފެތުރޭނަމަ، ނޫސްވެރިން އަމިއްލައަށް ވެސް ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

comment ކޮމެންޓް