ޕަރިނީތީ ޗޯޕްރާގެ އެންމެ ފަހުގެ ފިލްމު އުންޗައި ބެލުމަށް އޮންލައިން ޕްލެޓްފޯމްތައް ހިޔާރު ނުކުރުމަށާއި ސިނަމާއަށް ދިއުމަށް ފިލްމުގެ ތަރި ޕަރިނީތީ އެދެފިއެވެ.
މިދިޔަ މަހު 11 ގައި ރިލީޒްކުރި މި ފިލްމުގައި ޕަރިނީތީ އާއެކު އަމީތާބް ބަޗަން އާއި ބޮމަން އިރާނީ އާއި އަނޫޕަމް ކޭރް ފަދަ މަގުބޫލު ތަރިން ފެނެއެވެ. ފިލްމަށް ތަފާތު ރިވިއުތައް ލިބިފައިވާއިރު ފިލްމުގެ ޓީމުން އިއްޔެ ވަނީ ސްޓޭޓްމަންޓެއް ނެރެފައެވެ.
މި ބަޔާނުގައި ބުނެފައިވަނީ ތިއޭޓާތަކާއި ސިނަމާތަކަށް ގޮސް ފިލްމު ބެލުމަށާއި ފިލްމު ލީކްކޮށް އޮންލައިން ޕްލެޓްފޯމްތަކުގައި ރިލީޒްކޮށްފައި ހުންނަ ވީޑިއޯތަކުން ނުބެލުމަށް އެދޭ ކަމަށެވެ.
އަދި މިއީ މި ފިލްމު އުފެއްދި ކްރޫ އާއި ކާސްޓުންގެ އެދުމެއް ކަމަށް ބުނެފައިވެއެވެ. މި ފިލްމު ބަލަން ސިނަމާތަކަށް ގޮސް 'ބިގް ސްކްރީން އެކްސްޕީރިއެންސް' އެއް ހޯދި ފަރާތްތަކަށް ވަނީ ފިލްމުގެ ޓީމުން ޝުކުރު އަދާކޮށްފައެވެ.
"އުންޗާއީ ފިލްމު އިތުރު ހަތަރު ހަފުތާއަށް އިންޑިއާ ސިނަމާތަކުގައި ދައްކާނެ. މި ފިލްމުގެ އޮންލައިން ރިލީޒްއެއް އަވަހަށް ކުރަން ނިންމާފައެއް ނުވޭ. މިއީ ހަތް އަހަރުގެ ބުރަ މަސައްކަތް،" ބަޔާނުގައިވެއެވެ.
މި ބަޔާން ޕަރިނީތީގެ އަމިއްލަ އެކައުންޓުތަކުގައި ހިއްސާކޮށް މިއީ އޭނާގެ އެދުމެއް ކަމަށް ވެސް ބުނެފައިވެއެވެ.
އުންޗައި ފިލްމާ ގުޅޭގޮތުން ޕަރިނީތީ ވަނީ މި ފަހުން އޭނާގެ އިންސްޓަގްރާމްގައި ވެސް ފޮޓޯތަކެއް ހިއްސާކޮށްފައެވެ. ޝޫޓިންގެ ބިހައިންޑް ދަ ސީންސް ދައްކުވައިދޭ މި ފޮޓޯތަކުގައި އޭނާއާއެކު ކާސްޓުން ފެނެއެވެ. ޕަރިނީތީ ބުނިގޮތުގައި މިއީ ހަޔާތުގައި އެއް ފަހަރު ލިބޭނެ ފަދަ ފުރުސަތެކެވެ. ސޫރަޖް ބަރްޖަތުޔާ ޑައިރެކްޓުކޮށް ރާޖްޝްރީ ޕްރޮޑަކްޝަންސްއިން ގެނެސްދޭ މި ފިލްމުގައި ކުރީގެ ގިނަ ތަރިންތަކެއް ބައިވެރިކޮށްފައިވާއިރު މިއީ އެ ތަރިންނާއެކު ޕަރިނީތީ ކުޅޭ ފުރަތަމަ ފިލްމެވެ.