ރޮނާލްޑޯގެ ބަދަލުގައި އެރުވި ރާމޯސްގެ ހެޓްރިކާއެކު ޕޯޗުގަލް ކުއާޓާ ފައިނަލަށް

ޕޯޗުގަލްއާއި ސްވިޒަލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕް 2022 ގެ ރައުންޑް އޮފް 16 ގައި ސްވިޒަލެންޑާއި ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގައި، ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ބަދަލުގައި ކުޅެންއެރުވި ގޮންޒާލޯ ރާމޯސްގެ ހެޓްރިކާއެކު ޕޯޗުގަލްއިން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

މި މެޗުގައި ޕޯޗުގަލްއިން ނެރުނު ފުރަތަމަ 11 ގައި ކެޕްޓަން ރޮނާލްޑޯ ހިމަނާފައި ނުވާއިރު، އެޓީމުން ގްރޫޕް ސްޓޭޖުގައި ސައުތު ކޮރެއާއާ ދެކޮޅަށް ކުޅުނު މެޗުގައި، ރޮނާލްޑޯ ބަދަލު ކުރަން ނިންމުމާއެކު އޭނާގެ އަމަލުތައް ހުރިގޮތުން ބައެއް ފަރާތްތަކުގެ ފާޑުކިޔުން އޭނާއަށް އަމާޒުވެފައިވެއެވެ. އެއީ އެވަގުތު އޭނާ ދަނޑުން ފައިބަމުން، އަނގަމަތީގައި އިނގިލި އަޅައި، އިތުރަށް ވާހަކަ ނުދެއްކުމަށް އިޝާރާތް ކުރުމުންނެވެ. އެހެންނަމަވެސް ރޮނާލްޑޯ ބުނީ އޭނާ އެ އިޝާރާތްކުރުން އަމާޒުކުރީ ކޯޗާއި ދިމާލަށް ނޫން ކަމަށާއި، އެއީ ސައުތު ކޮރެއާގެ ކުޅުންތެރިއަކަށް އަމާޒުކޮށް ކުރި ކަމެއް ކަމަށެވެ.

މެޗުގައި ރޮނާލްޑޯ ފުރަތަމަ 11 ގައި ނުހިމެނި ސީދާ ސަބަބެއް ޓީމުގެ ކޯޗު މިހާތަނަށް ހާމަކޮށްފައި ނުވާއިރު، މެޗުގައި އޭނާގެ ބަދަލުގައި ފުރަތަމަ 11 ގައި ހިމެނުނު ރާމޯސްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. އަދި މިއީ އޭނާ ފުރަތަމަ 11 ގައި ހިމެނިގެން ކުޅުނު ބައިނަލްއަގްވާމީ ފުރަތަމަ މެޗުކަންވެސް ފާހަގަކޮށްލެވެއެވެ. އަދި މިއީ 2008 ވަނަ އަހަރަށްފަހު ޕޯޗިގަލްއިން ވާދަވެރި ބައިނަލްއަގްވާމީ މުބާރާތެއްގައި ކުޅުނު މެޗެއްގައި ރޮނާލްޑޯއަށް ފުރަތަމަ 11 އިން ޖާގަ ނުދީ ފެށި ފުރަތަމަ މެޗުކަންވެސް ފާހަގަކޮށްލެވެއެވެ.

ޕޯޗުގަލްއާއި ސްވިޒަލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

ގަތަރުގެ ލުސެއިލް ސްޓޭޑިއަމުގައި ކުޅުނު މިމެޗު ޕޯޗުގަލްއިން ކާމިޔާބުކުރީ 1-6 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޕޯޗުގަލްއިން ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީ 17 ވަނަ މިނެޓުގައެވެ. ރާމޯސްގެ ލަނޑުން ޕޯޗުގަލްއިން ލީޑު ނެގިއިރު ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ބްރޫނޯ ފެރްނާންޑޭޒް ނަގައިދިން ކޯނަރަކުން ތަވަސްވި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން އެޓީމުގެ ލީޑު ފުޅާކޮށްދިނީ މެޗު ފެށިއިރު ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ޕެޕޭ އެވެ.

2-0 ގެ ލީޑެއްގައި އޮވެގެން ޕޯޗުގަލްއިން ދެވަނަ ހާފު ފެށިއިރު، މި ހާފުވެސް ވަރުގަދަކޮށް ފެށީ ޕޯޗުގަލްއިންނެވެ. އެކަމުގެ ހެއްކަކީ ދެވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި އެޓީމުން ތިންވަނަ ލަނޑެއް ޖެހުމެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ރާމޯސްއެވެ.

އޭގެ ހަތަރު މިނެޓުފަހުން މެޗުގެ 55 ވަނަ މިނެޓުގައި ރަފައެލް ގެރޭރޯ ވަނީ ޕޯޗުގަލްގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ.

ޕޯޗުގަލްއާއި ސްވިޒަލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

ޕޯޗުގަލްގެ ހަތަރުވަނަ ލަނޑަށް ދެ މިނެޓު ނުވަނީސް، ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި މެނުއަލް އަކާންޖީ ވަނީ ސްވިޒަލެންޑުން މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދީފައެވެ.

ޕޯޗުގަލްއިން މެޗުގައި ޖެހި ފަސްވަނަ ލަނޑު އަދި ރާމޯސް އޭނާގެ ހެޓްރިކް ފުރިހަމަކުރި ލަނޑު ކާމިޔާބު ކޮށްދިނީ 67 ވަނަ މިނެޓުގައެވެ. މިއީ މި ފަހަރުގެ ވޯލްޑް ކަޕުގައި ފެނިގެންދިޔަ ފުރަތަމަ ހެޓްރިކެވެ. އަދި މިއީ 2002 ވަނަ އަހަރަށްފަހު، ފުރަތަމަ 11 ގައި ހިމެނިގެން ވޯލްޑް ކަޕުގައި ކުޅުންތެރިއަކު ކުޅުނު ފުރަތަމަ މެޗުގައި ހެޓްރިކް ހެދި ފުރަތަމަ ފަހަރެވެ. 2002 ވަނަ އަހަރު މިގޮތަށް ހެޓްރިކް ހެދީ ޖަރުމަނުގެ މިރޯސްލާވް ކްލޯސޭ އެވެ.

ޕޯޗުގަލްއާއި ސްވިޒަލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

މެޗުގައި ރޮނާލްޑޯ ކުޅެން އެރުވީ 73 ވަނަ މިނެޓުގައި ޖާއޮ ފެލިކްސްގެ ބަދަލުގައެވެ. ކުޅެން އެރުމަށްފަހު ރޮނާލްޑޯ ވަނީ މާގިނައިރެއް ނުވެ ސްވިޒަލެންޑުގެ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލާފައެވެ. އެހެންނަމަވެސް ހާފުގެ މެދެއްހާ ހިސާބުން ރޮނާލްޑޯއަށް ބޯޅަ ލިބުނުއިރު، އޭނާ އޮފްސައިޑު މަގާމެއްގައި ހުރުމުން، މިއީ ލަނޑެއް ކަމަށް ރެފްރީ ބަލައިގެންފައެއް ނުވެއެވެ.

ޕޯޗުގަލްއާއި ސްވިޒަލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

ޕޯޗުގަލްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމުގެ ހަވަނަ ލަނޑު، 90 މިނެޓުގެ ކުޅުން ހަމަވެ އިތުރުވަގުތުގެ ދެވަނަ މިނެޓުގެ ތެރޭގައި ކާމިޔާބު ކޮށްދިނީ ރަފައެލް ލިއާއޮ އެވެ.

މި މޮޅާއެކު ޕޯޗުގަލްއިން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު، އެޓީމުން ކުއާޓާ ފައިނަލުގައި ކުޅޭނީ ސްޕެއިންގެ މައްޗަށް ޕެނަލްޓީގައި ކުރިހޯދި މޮރޮކޯއާ ދެކޮޅަށެވެ. މިއީ 2006 ވަނަ އަހަރަށްފަހު ޕޯޗުގަލްއިން މުބާރާތުގެ ކުއާޓާ ފައިނަލުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް