މިރޭގެ މެޗުގައި ޕޯޗުގަލްގެ ފުރަތަމަ 11ގައި ރޮނާލްޑޯ ނުހިމެނޭ

މެޗުގެ ކުރިން ޕޯޗުގަލްއިން ބާއްވާ ފަރިތަކުރުންތަކުގެ ތެރެއިން ރޮނާލްޑޯ --ފޮޓޯ/ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕުގެ ރައުންޑް އޮފް 16ގައި މިރޭ ސްވިޒަލެންޑާ ދެކޮޅަށް ކުޅޭ ޕޯޗުގަލް ޓީމުން މެޗުގައި ބޭނުންކުރާ ފުރަތަމަ 11 ގައި ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނުހިމަނައި ޓީމު އިއުލާނު ކޮށްފިއެވެ.

މި މެޗަށް ޕޯޗުގަލްއިން އެކުލަވާލި ފުރަތަމަ 11 ގައި ރޮނާލްޑޯއަށް ފުރުސަތު ދީފައި ނުވާއިރު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސައުތު ކޮރެއާ އަތުން ޕޯޗުގަލް ބަލިވި މެޗުގައި ރޮނާލްޑޯގެ އަމަލުތައް ހުރި ގޮތާއިމެދު ކަންބޮޑުވާ ކަމަށް ޓީމުގެ ކޯޗު ފެރްނާންޑޯ ސަންޓޯޒް ބުނެފައިވެއެވެ.

އެގޮތުން އެ މެޗުގައި ރޮނާލްޑޯ ބަދަލު ކުރުމަށް ކޯޗު ނިންމުމާއި ގުޅިގެން ރޮނާލްޑޯ އަމަލުކުރި ގޮތުން ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުކޮށްފައިވެއެވެ. އެއީ އެވަގުތު އޭނާ ދަނޑުން ފައިބަމުން، އަނގަމަތީގައި އިނގިލި އަޅައި، އިތުރަށް ވާހަކަ ނުދެއްކުމަށް އިޝާރާތް ކޮށްފައިވެއެވެ.

ރޮނާލްޑޯގެ މި އަމަލާ ގުޅޭގޮތުން އެކި ފަރާތްތަކުން އެކި ގޮތަށް ވާހަކަދައްކަމުން ދާއިރު، މިކަމާ ގުޅޭގޮތުން ރޮނާލްޑޯ ބުނެފައި ވަނީ، އޭނާ އިޝާރާތް ކޮށްފައި ވާނީ ސައުތު ކޮރެއާގެ ކުޅުންތެރިއަކާއި ދިމާލަށް ކަމަށާއި، އެއީ ކޯޗަށް އަމާޒުކޮށް ކުރި އިޝާރާތެއް ނޫން ކަމަށެވެ.

އަހަރެން ބަދަލުކުރުމުގެ ކުރިން އެ ޓީމުގެ ކުޅުންތެރިއަކު ބުނަމުން ދިޔައީ އަވަހަށް ފައިބާށޭ. އަހަރެން ބުނީ މަޑުކޮށްލާށޭ، އޭނާގެ އެއްވެސް ބާރެއް ނޯންނާނެ، އެއްޗެއް ބުނާކަށް ނުޖެހޭނެ". ރޮނާލްޑޯ ބުންޏެވެ.

މުބާރާތުގައި މިހާތަނަށް ޕޯޗުގަލްއިން ތިން މެޗު ކުޅެފައިވާއިރު، ރޮނާލްޑޯއަށް ކާމިޔާބު ކުރެވިފައި ވަނީ އެންމެ ލަނޑެކެވެ. އެއީ ގާނާއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯ ޖެހި ލަނޑެކެވެ.

ފަހަކަށް އައިސް ރޮނާލްޑޯގެ ކުޅުމުގެ ފެންވަރު ދަށް ކަމަށް، ފުޓުބޯޅަ އެނަލިސްޓުންނާއި، މި ކުޅިވަރުގެ ސަޕޯޓަރުން ބުނަމުން އައި ނަމަވެސް، ރޮނާލްޑޯ އަކީ ތާރީޚުގައިވެސް ޕޯޗުގަލްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. އަދި ފުޓުބޯޅައިގެ ތާރީޚުގައިވެސް ގައުމީ ޓީމަކަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު ހަދާފައިވަނީ ރޮނާލްޑޯއެވެ.

ރޮނާލްޑޯ ވަނީ މިހާތަނަށް ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅެދިން 194 މެޗުން ރޮނާލްޑޯ ވަނީ 118 ލަނޑު ޖަހާދީފައެވެ. މީގެއިތުރުން މިފަހަރުގެ މުބާރާތުގައި ރޮނާލްޑޯ ޖެހި ލަނޑާއެކު އޭނާއަކީ ވޯލްޑް ކަޕުގެ ތާރީޚުގައިވެސް ފަސް ވޯލްޑް ކަޕުގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާއެވެ.

މިރޭގެ މެޗުގައި ރޮނާލްޑޯ ނެތުމަކީ ޕޯޗުގަލް ޓީމުން އުނިކަމެއް ފެންނާނެ ކަމެއްގެ ގޮތުގައި ބައެއް ފުޓުބޯޅަ އެނަލިސްޓުން ބުނަމުން އަންނައިރު، މިއަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހު ސްވިޒަލެންޑާ ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގައި ރޮނާލްޑޯ ވަނީ ދެ ލަނޑު ޖަހާފައެވެ.

ސްވިޒަލެންޑާއި ޕޯޗުގަލްގެ ކުރިމަތިލުމުން މިރޭ ކުރިހޯދާ ޓީމެއް، މުބާރާތުގެ ކުއާޓާ ފައިނަލުގައި ވާދަކުރާނީ ސްޕެއިން ބަލިކޮށް ކުއާޓާގެ ޖާގަ ހޯދި މޮރޮކޯއާ ދެކޮޅަށެވެ.

comment ކޮމެންޓް