އަންނާރު ތޮށީގައި ވެސް އެތައް ފައިދާއެއް!

އަންނާރަކީ ދިވެހިންނާ ވަރަށް ގާތް މޭވާއެކެވެ. ބައެއް ފަހަރަށް ހޯދަން އަގުބޮޑު ނަމަވެސް ދިވެހިން އަންނާރު ކައި އުޅެނީ ވަރަށް ކަމުދާތީއެވެ. އަންނާރު ކާއިރު އަބަދުވެސް ދިވެހިން އޭގެ ތޮށިގަނޑު އެއްލާލައެވެ. ނަމަވެސް މިއީ އެތައް ފައިދާތަކެއް ލިބޭ އެއްޗެއްކަން އެނގޭ ހެއްޔެވެ؟

އަންނާރުގެ ތޮށްޓަކީ ދިވެހިން އެއްވެސް ގޮތަކަށް ބޭނުން ކުރާ އެއްޗެއް ނޫނެވެ. މިއީ ވަރަށް ހަރު އަދި ހިތި އެއްޗަކަށް ވުމުން އަންނާރުގެ އޮށްތައް ނެގުމަށްފަހު ތޮށިތައް ވަގުތުން އުކާލާނީއެވެ. އެހެންވީމާ މި ތޮށިތަކުން ލިބޭ ފައިދާތައް ހޯދާނީ ކިހިނެއް ހެއްޔެވެ؟

ސޯޝަލް މީޑިއާ ޕާސަނަލިޓީ އަދި ލައިފްސްޓައިލް ކްރިއޭޓާއެއް ކަމަށްވާ އާމެން އަދަމްޖާން ވަނީ ދާދިފަހުން އަންނާރުގެ ތޮށިގަނޑު ބޭނުންކުރެވޭނެ ގޮތްތައް ކިޔައިދީފައެވެ. އަދި މި ތޮށިތަކުން ބޮޑެތި ފައިދާތައް ލިބޭ ކަމަށް ވެސް އާމެން ވަނީ ހާމަކޮށްފައެވެ.

އޭނާ ބުނާގޮތުގައި އަންނާރުގެ ތޮށިން ފައިދާ ހޯދުމަށްޓަކައި އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ ބޭނުންކޮށްފައިވާ ތޮށިތައް ހިއްކުމަށްޓަކައި ފިހެލުމެވެ. އަވަނުގައި 20 ވަރަކަށް މިނެޓުގައި ތޮށި ފިހެލުމުން އާންމުގޮތެއްގައި ތޮށިތައް ހިކޭނެ ކަމަށް އޭނާ ބުނެއެވެ.

ދެން ކުރަން ޖެހޭނެ ކަމަކީ އެ ތޮށިތައް ބްލެންޑަރެއް ބޭނުންކޮށްގެން މުގުރާލައި ތޮށި، ފުށަށް ބަދަލު ކުރުމެވެ. އެއަށްފަހު ތޮށީގެ ފުށް އެކި ގޮތްގޮތަށް ބޭނުން ކުރެވޭނެއެވެ.

އާމެން ބުނާގޮތުގައި އަންނާރުގެ ތޮށްޓަކީ އެންޓިއޮކްސިޑެންޓުން މުއްސަނދި އެއްޗެކެވެ. އެހެންވީމާ އިންސާނާގެ ހަށިގަނޑަށް އޭގެން ގިނަ ފައިދާތަކެއް ކުރާނެއެވެ. އެ ފައިދާތައް ހޯދުމަށްޓަކައި ހޫނު ފެން ތަށްޓަކަށް ސައި ސަމުސާގެ ފުށް އަޅައިގެން ސައި ބުއިމަކީ ކުރެވިދާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

"މި ސަޔަކީ ކަރުގައި ރިއްސާނަމަ، އަދި ބަނޑަށް އުނދަގުވާނަމަ ވަރަށް ބޮޑަށް އެހީތެރިވާނެ އެއްޗެއް،" އާމެން ބުންޏެވެ.

މި ފުށް ބޭނުންކޮށްގެން ފޭސް މާސްކް ވެސް ހެދޭނެއެވެ. އާމެން ބުނާގޮތުގައި ކުޑަ ފުށްކޮޅަކަށް ލުނބޯ ހުތްކޮޅެއް ޖަހާލައިގެން ޕޭސްޓެއް ހެދުމަށްފަހު އެ މޫނުގައި އުނގުޅާލުން ވަރަށް ރަނގަޅުވާނެއެވެ. ގާތްގަނޑަކަށް 20 މިނެޓު މަޑުކުރުމަށްފަހު މޫނު ދޮވެލާށެވެ. މިއީ މޫނުމަތީ ހަންގަނޑުގައި ބިހި ނަގައި އެކްނީ ހުންނަ ނަމަ ބޮޑު އެހީއަކަށް ވާނެ ކަމެއް ކަމަށް އާމެން ބުންޏެވެ.

comment ކޮމެންޓް