މިއީ ދުނިޔޭގެ އެންމެ މަހުޖަނުން ގިނަ ގައުމު

އާބާދީގެ ނިސްބަތުން މީހުން މަދު އެހެން ނަމަވެސް މަހުޖަނުން އިތުރުވަމުން އަންނަ ގައުމަކަށް ޔޫރަޕުގެ މޮނާކޯ ވެއްޖެއެވެ.

ދުނިޔޭގެ އެކި ބިލިއަނަރުން ދިރިއުޅުން ބަދަލުކުރުމުން އަންނަ މޮނާކޯ އަކީ އާބާދީއަށް ބެލި ނަމަ ވަރަށް ކުޑަ ގައުމެކެވެ. އެގޮތުން އެގައުމުގެ އާބާދީއަކީ 38،000 ވަރަކަށް މީހުންނެވެ. ނަމަވެސް އާބާދީގެ ނިސްބަތަށް ބަލާނަމަ އެ ގައުމަކީ މަހުޖަނުން ގިނަ ގައުމެކެވެ.

އެގޮތުން އާބާދީގެ ކޮންމެ 10 މީހަކުން ހަތް މީހަކީ މިލިއަނަރުން ކަމަށް ޕްރޮޕަޓީ ކޮންސަލްޓެންޓުން ކަމަށްވާ ނައިޓް ފްރޭންކް އާންމުކުރި ރިޕޯޓަކުން ބުނެއެވެ.

ރިޕޯޓުން ދައްކާގޮތުގައި މަހުޖަނުން، މިލިއަނަރުންނާއި ބިލިއަނަރުންގެ އަދަދު އަންނަނީ މޮނާކޯގައި އިތުރުވަމުންނެވެ. މިވަގުތު އެގައުމުގައި ހުރި އެންމެ މުއްސަނދި މީހަކީ ފެޝަން ޑިޒައިނަރެއް ކަމަށްވާ ޓަޓިއާނާ ސެންޓޯ ޑޮމިންގޯއެވެ. އޭނާގެ ނެޓު ވޯތު ދެ ބިލިއަނަށް އަރާ ކަމަށް ރިޕޯޓުގައި ބުނެއެވެ.

ހޮލީވުޑްގެ އެކްޓަރުންނާއި ދުނިޔޭގެ ބައެއް ބޮޑެތި ޝާހީ އާއިލާގެ މެމްބަރުން ވެސް މޮނާކޯގައި ދިރިއުޅެމުން އެބަދެއެވެ.

މޮނާކޯގައި ދިރިއުޅެމުންދާ ޓެކްނޯޕްރޫނާ އެއް ކަމަށްވާ މަނީލާ ޑި ޖިއޮވާނީ ބުނާގޮތުގައި އެގައުމަކީ ވަރަށް އެކްސްކްލޫސިވް މާހައުލެކެވެ. އަދި އެއީ ކޮންމެ ކޮންމެ މީހަކަށް ވަދެ، ދިރިއުޅެވޭނެ ގައުމެއް ނޫން ކަމަށް ވެސް އޭނާ ބުނެއެވެ.

އޭނާ އެ ގައުމުގައި ދިރިއުޅެން ފެށީ 2018 ވަނަ އަހަރުން ފެށިގެންނެވެ. އޭގެ ކުރިން މޮނާކޯއަށް ވަންނަން އުޅުނު އިރު ދަތިތަކެއް ކުރިމަތިވި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އަމިއްލަ ވިޔަފާރި ފަށައި މުއްސަނދި ވެއްޖެ ނަމަ އެތަނަށް ދިރިއުޅުން ބަދަލު ކުރުމަކީ އެހާ އުނދަގޫ ކަމަކަށް ނުވާނެ ކަމަށް އޭނާ އޭނާ ބުނެއެވެ.

މޮނާކޯގައި ދިރިއުޅުމަކީ އަގުހެޔޮ ކަމެއް ނޫނެވެ. އެގޮތުން އެގައުމުގައި ޕްރޮޕަޓީ ރެންޓު ކުރާ ޕްލެޓްފޯމެއް ކަމަށްވާ ސެވިލްގެ ހިސާބުތަކުން ދައްކާގޮތުގައި އެޕާޓްމެންޓުތަކުގެ މަހު ކުލި އުޅެނީ އެވަރެޖުކޮށް 6،000 ޔޫރޯ އާއި 30،000 ޔޫރޯ އާ ދެމެދުގައެވެ. އެހެންވީމާ އެތަނުގައި ދިރިއުޅެވޭނީ ވެސް މަހުޖަނުންނަށެވެ.

comment ކޮމެންޓް