އަހަރުގެ އެންޓަޓެއިނަރުންނަކީ ''ބްލެކްޕިންކް''

ޓައިމް މެގަޒިންގެ މިއަހަރުގެ އެންޓަޓެއިނަރުންނަކީ ދެކުނު ކޮރެއާގެ ޕޮޕް ގްރޫޕް "ބްލެކްޕިންކް" ކަމުގައި ކަނޑައަޅައިފިއެވެ.

ޓައިމްއިން ކޮންމެ އަހަރަކު ކަނޑައަޅާ އަހަރުގެ އެންޓަޓެއިނަރުންނަކީ މިއުޒިކް އަދި މުނިފޫހިފިލުވުމުގެ ދާއިރާއިން އެ އަހަރަކު އެންމެ ބޮޑަށް ވިދާލާފައިވާ އާޓިސްޓުންނަށް ދޭ ޓައިޓަލް އެކެވެ.

ބްލެކްޕިންކަށް މިއަހަރުގެ ޓައިޓަލް ލިބިފައިވާއިރު ހަތަރު މެމްބަރުންގެ އެ ގްރޫޕަށް މި އަހަރު ވެފައިވަނީ ވަރަށް ބިޒީ އަހަރަކަށެވެ. ކޮރެއާގެ މިއުޒިކުން ދުރުގައި ހޮލީވުޑްގެ އެކި އެވޯޑުތައް ހޯދާފައިވާއިރު ހޮލީވުޑްގެ ބޮޑެތި ތަރިންނާއެކު ވެސް ވަނީ ބޭންޑް މެމްބަރުން މަސައްކަތް ކޮށްފައެވެ.

ބްލެކްޕިންކަށް މިއަހަރު އެހާ ބޮޑަށް ބިޒީ އަހަރަކަށް ވެފައިވަނީ އެ ބޭންޑުގެ ދެވަނަ ސްޓޫޑިއޯ އަލްބަމް މި އަހަރު ރިލީޒްކުރުމުންނެވެ. ބޭންޑެއްގެ ގޮތުގައި ދެ އަހަރު ވަންދެއް ނުފެނި މިއަހަރު އެ ގްރޫޕުން ވަނީ "ޕިންކް ވެނަމް"ގެ ނަމުގައި އަލްބަމެއް ރިލީޒްކޮށްފައިވެއެވެ. އެ އަލްބަމްއަށް ބޮޑު ކާމިޔާބެއް ވެސް ވަނީ ލިބިފައެވެ.

ބޭންޑެއްގޮތުގައި މެމްބަރުން ނެތް ނަމަވެސް ފާއިތުވި ދެ އަހަރު ތެރޭގައި ހަތަރު މެމްބަރުން ވަނީ އަމިއްލަ ސޯލޯ މަސައްކަތް ކޮށްފައެވެ. އޭގެތެރޭގައި މެމްބަރު ޖިސޫ ވަނީ ކޮރިއަން ޝޯއެއްގެ މަސައްކަތް ކޮށްފައެވެ. މެމްބަރުން ލީސާ އާއި ރޮޒޭ ވަނީ ސޯލޯ މިއުޒިކް ރިލީސް ކޮށްފައެވެ. އަދި ޖެނީ ވަނީ ހޮލީވުޑްގެ ބޮޑު ޝޯއެއްގައި މަސައްކަތް ކޮށްފައެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ ދަ ވީކެންޑް އާއެކު ފެނިގެންދާއިރު މި ޝޯ ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރެވެ.

ބްލެކްޕިންކަށް އެ ޓައިޓަލް ލިބިފައިވާއިރު އެންމެ ފަހުން ކޮރިއަން އާޓިސްޓުންނަށް އެ ޓައިޓަލް ލިބުނީ 2020 ވަނަ އަހަރުގައެވެ. އެ އަހަރު ޓައިޓަލް ލިބިފައިވަނީ ފިރިހެން އާޓިސްޓުންގެ ގްރޫޕް ބީޓީއެސް އަށެވެ.

comment ކޮމެންޓް