ސައިންސުން ބުނަނީ ދުނިޔޭގެ އެންމެ ރީތި އަންހެނަކީ މިއީ ކަމަށް!

ސައިންސުގެ ނަޒަރަކުން ބަލާ ނަމަ ދުނިޔޭގެ އެންމެ ރީތި ކަމަށް ބެލެވޭ އަންހެނަކީ އިނގިރޭސިވިލާތު އެކްޓަރު ޖޯޑީ ކޯމާ ކަމަށް ކަނޑައަޅައިފިއެވެ.

އިނގިރޭސިވިލާތުގެ ޕްލާސްޓިކް ސާޖަން އެއް ކަމަށްވާ ޑރ. ޖޫލިއަން ޑި ސިލްވާ ދާދި ފަހުން ވަނީ ގްރީކް ޓެކްނީކް އެއް ކަމަށްވާ "ގޯލްޑެން ރޭޝިއޯ އޮފް ބިއުޓީ" ބޭނުންކޮށްގެން އެންމެ ފަހުގެ ކޮމްޕިއުޓަރައިޒްޑް މެޕިން ސްޓްރެޓެޖީއާއެކު އެންމެ ރީތި އަންހެނެއް ހުންނާނެ ގޮތް ހޯދާފައެވެ.

މި ޓެކްނީކް ބޭނުންކޮށްގެން ބަލަނީ މޫނުމަތީގެ ބޭރުގެ ސިފަތަކަށެވެ. އޭގެތެރޭގައި ލޮލާއި ނޭފަތް އަދި އަނގައިގެ ދުރުމިނެވެ. މި ސްޓްރެޓެޖީ ބަލައިގެން ހެދި ޓެސްޓުން އެންމެ މަތީން މާކްސް ލިބިފައިވަނީ ޖޯޑީއަށެވެ.

"ޖޯޑީގެ މޫނުގެ ހުރިހާ ސިފަތަކެއް ވެސް ވަރަށް ފުރިހަމަ. އެގޮތުން އަނގައާއި ނޭފަތުގެ ޕްލޭސްމެންޓަށް ބެލި ނަމަވެސް އޭނާ އެންމެ ކުރީގައި އުޅެނީ. ޖޯޑީއަށް ލިބިފައިވަނީ 98.7 ޕަސެންޓް،" ޑރ. ސިލްވާ ބުންޏެވެ.

ގޯލްޑެން ރޭޝިއޯ އޮފް ބިއުޓީ ނުވަތަ "ފައި" ޓެކްނީކް އަކީ ހިސާބު ބޭނުންކޮށްގެން ބޭރުގެ ރީތިކަން ދެނެގަތުމަށް ބޭނުންކުރާ ޓެކްނީކެކެވެ. ގްރީކުން ދެކޭގޮތުގައި އިންސާނާގެ މޫނާއި ހަށިގަނޑުގެ ފުރިހަމަ ކަން ދެނެގަތުމަށް ހިސާބު ބޭނުން ކުރެވޭނެއެވެ.

ޖޯޑީ އަކީ ބޮޑު ސްކްރީނާއި ކުޑަ ސްކްރީނުގައި ވެސް މަސައްކަތް ކޮށްފައިވާ އާޓިސްޓެކެވެ. އެގޮތުން އޭނާގެ އެކްޓިން ހުނަރަށް ވަނީ ގޯލްޑެން ގްލޯބް އާއި ބްރިޓިޝް އެކެޑެމީ އެވޯޑް ވެސް ލިބިފައެވެ.

ލިސްޓުގެ ގިނައިން ހިމެނެނީ ހުޅަނގުގެ ސެލެބްރިޓީންނެވެ. އޭގެތެރޭގައި ލިސްޓުގެ ދެވަނައިގައި ހިމެނެނީ ޒުވާން އެކްޓަރު ޒެންޑެޔާއެވެ. އަދި ލިސްޓުގެ ތިންވަނައިގައި ހިމެނެނީ މޮޑެލް ބެލާ ހަދީދްއެވެ. ބޮލީވުޑް އެކްޓަރު ދީޕިކާ ޕަދުކޯން ވެސް މި ލިސްޓުގައި ހިމެނެއެވެ. އޭނާ ހިމެނިފައިވަނީ ލިސްޓުގެ ނުވަ ވަނައިގައެވެ.

comment ކޮމެންޓް