ބޭނުންވަނީ ސަޕޯޓަރުން އެދޭފަދަ ކުޅުމަކާއިއެކު މޮޅުވާން: ލުއިސް އެންރީކޭ

ލުއިސް އެންރީކޭ މީޑިއާއަ ވާހަކަދައްކަނީ---

މިރޭ ފީފާ ވޯލްޑްކަޕްގެ ގަދަ 16 ގައި ސެޕެއިންއިން މޮރޮކޯއާ ދެކޮޅަށް ނިކުންނާނީ، ސަޕޯޓަރުން އުފާވާވަރުގެ ރީތި ކުޅުމެއް ކުޅުގެން މި މެޗުން މޮޅުވާންކަމަށް ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.

މިރޭގެ މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން އެންރީކޭ ބުނީ، މެޗުގެ ނަތީޖާއާމެދު އޭނާ ނުވިސްނާ ކަމަށެވެ. އަދި ބޭނުންވަނީ ސަޕޯޓަރުން އެދޭފަދަައިން، ސްޕެއިންގެ ރީތި ކުޅުން ކުޅެންކަމަށް އޭނާ ބުންޏެވެ.

މުޅި ގޭމް ކޮންޓްރޯލް ކޮށް، ސަޕޯޓަރުން އެދޭފަދަ ކުޅުމެއް ކުޅެފިނަމަ، މެޗުގައި ނަތީޖާ ނެރެވި، މެޗުން މޮޅުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް އެންރީކޭ ބުންޏެވެ.

"އަހަރުމެންގެ ފިލޯސަފީ އަކީ ހަމަ އެކައްޗެއް. އަހަރުމެން ބޭނުންވަނީ މެޗު ބަލަންތިބޭ ސަޕޯޓަރުން ހިތްހަމަ ޖައްސައިދީ އެމީހުން އުފާ ކޮށްދޭން" އެންރީކޭ ބުންޏެވެ.

އޭނާ ބުނީ ސްޕެއިންގެ ޓީމު މިރޭގެ މެޗަށް އޮތީ ހުރިހާ ގޮތަކުންވެސް ތައްޔާރަށް ކަމަށެވެ. އެހެންނަމަވެސް ވޯލްޑް ކަޕްގެ މެޗެއްގެ 90 މިނެޓު ކޮންޓްރޯލް ކޮށްގެން ނުކުޅެވޭނެކަން އެނގޭކަމަށް ވެސް އެންރީކޭ ބުންޏެވެ.

އެހެންކަމުން 90 މިނެޓާއި އިތުރުވަގުތުގެ ދެ ހާފު ކުޅެގެންވެސް ނަތީޖާ ނުނެރެވިއްޖެ ހާލަތެއްގައި ޕެނަލްޓީ ޝޫޓްއައުޓަށްވެސް ޓީމު ތައްޔާރުކަމަށް އޭނާ ބުންޏެވެ.

އެގޮތުން މެޗުގެ ކުރިން ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް 1000 ޕެނަލްޓީ ޖަހަން ހަވާލުކޮށްފައިވާނެކަމަށް އޭނާ ބުންޏެވެ. އަދި އެންރީކޭ ބުނީ ޕެނަލްޓީއަކީ ނަސީބުކަމަށް ދޫކޮށްލެވެން ނެތްކަމަށެވެ.

"އަހަރުމެންގެ ކީޕަރުންނަކީވެސް ޕެނަލްޓީ ޖެހުމަށް ތަމްރީނު ވެފަ ތިބި ބައެއް. އެގޮތުން ޓީމުގެ ތިން ކީޕަރުންވެސް ޕެނަލްޓީ ޖަހަން ވަރަށް މޮޅުވާނެ" އެންރީކޭ ބުންޏެވެ.

ވޯލްޑްކަޕްގެ ގަދަ 16 ގައި ސްޕެއިން އަދި މޮރޮކޯ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 8:00 ގައެވެ. އެ މެޗު ކުޅޭނީ ގަތަރުގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައެވެ.

comment ކޮމެންޓް