ވިޔަފާރިތަކަށް ދޫކުރި ޕާކިން ސްލޮޓްތަކުގެ ފީ ބޮޑުކުރަނީ

މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

ކުންފުނިތަކަށް ދޫކޮށްފައިވާ ޕާކިން ސްލޮޓްތަކުގެ ފީ ބޮޑުކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ 78ވަނަ ރަސްމީ ޖަލްސާގައި ގިނަ ކަންތައްތަކެއް ވަނީ ފާސްކޮށްފައެވެ.

މިހާރު އޮންނަ ގޮތުން ޕާކިން ފީ އޮންނަނީ އާންމު މީހާ ނުވަތަ ވިޔަފާރިއަކުން ސްލޮޓު ނެގި ކަމުގައިވީ ނަމަވެސް އަގުގެ ގޮތުން އެއް ހަމައެއްގައެވެ.

ނަމަވެސް އެ ކަމާ ގުޅިގެން ވާހަކަދައްކަވަމުން ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު އަހްމަދު އައިފާން ވިދާޅުވީ އެ އުސޫލު އިސްލާހުކުރަން ޖެހޭކަމަށެވެ.

"މި ދެ ފީ އެއްހަމައެއްގައި ހުރުމަކީ އެހާ ހަމަޖެހޭ އުސޫލެއް ނޫން. އެހެންވީމާ ވިޔަފާރިވެރިން އަތުން ނަގާ ފީ ކުންފުނީގެ ނަމުގައި ހުރި ތަންތަނުން ނަގާ ފީ 3،000 ރުފިޔާއަށް ބޮޑުކުރުމަށް އަޅުގަނޑު ހުށަހަޅަނީ،" އައިފާން ވިދާޅުވިއެވެ.

އެ ހުށަހެޅުމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސް ތާއީދުކުރެއްވިއެވެ.

އެހެންކަމުން ކުންފުނިތަކުން، 1،500ގެ ބަދަލުގައި ދެން ނަގާނީ 3،000 ރުފިޔާއެވެ.

ސިޓީ ކައުންސިލުން ވަނީ މާލެއާއި ވިލިމާލޭގެ ފަޅު ތެރޭ އަޅައިފައިވާ އުޅަނދުތަކުގެ ފަޅު ހުއްދައާއި ފައްތިޔައިގެ އުސޫލު ފާސްކޮށްފައެެވެ.

އެއާއެކު އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަޅުގައި އަޅާ އުޅަނދުތަކުން ނަގާ އަގު ބޮޑުކުރާނެއެެވެ.

އެގޮތުން ކޮންމެ އުޅަނދެއްގެ ދިގުމިނަށް ބަލައި، ކޮންމެ މީޓަރަކަށް ނަގާ ފީ އެއް ރުފިޔާއިން ތިން ރުފިޔާއަށް ބޮޑުވާނެއެވެ.

ކުންފުންޏެއްގެ އުޅަނދެއްނަމަ ފަސް ރުފިޔާ ނަގާނެއެވެ.

ރަސްމީ ފާލަަން ކައިރީ ނުވަތަ ގްރީން ޒޯންގައި އަޅާ ލަގްޒަރީ އުޅަނދުތަކުން 10 ރުފިޔާ ނަގާނެއެވެ.

ކުންފުންޏެއްގެ އުޅަނދެއްނަމަ 20 ރުފިޔާ ނަގާނެއެވެ.

މާލެ ދެކުނު ފަރާތު އެއްގަމުތޮށި ކައިރިއަށް ގާތްކުރާ އުޅަނދުތަކުން އާންމު އުޅަނދަކަށް އަށް ރުފިޔާ އަދި ކުންފުނިތަކުގެ އުޅަނދުތަކަށް 10 ރުފިޔާ ނަގާނެއެވެ.

ހަމައެއާއެކު ޖެޓީއަށް ވަންނަ އެއްގަމު އުޅަނދުތަކުން ޖެޓީއަށް ވަނުމަށް ނަގާ ހުއްދައިގެ ގޮތުގައި މިހާރު ނަގަމުން އަންނަ 10 ރުފިޔާގެ ފީ 20 ރުފިޔާއަށް ޖެނުއަރީން ފެށިގެން ބޮޑުވާނެއެވެ.

މީގެ އިތުރުން މާލޭ ސިޓީގެ އާންމު ތަންތަން ސާފުކުރުމުގެ ކަންކަން ކައުންސިލުން ކުރިއަށްގެންދަން ވަނީ ނިންމައިފައެވެ.

އެކަން ކުރިއަށް ގެންދަން ސިޓީ ކައުންސިލްގައި ވޭސްޓް މެނޭޖްމަންޓު ސެކްޝަނުގެ ނަމުގައި ޚާއްސަ ސެކްޝަނެއް އުފައްދަން ވެސް ވަނީ ނިންމައިފައެވެ.

comment ކޮމެންޓް