ފޯނު ޗާޖުކުރާއިރު އާންމުކޮށް ހެދޭ ބައެއް ގޯސްތަކާ ދުރުވޭ

އައިފޯނެއް ވަޔަލެސްކޮށް ޗާޖު ކުރަނީ --

ސްމާޓްފޯނެއް ދިގު މުއްދަތަކަށް ގެންގުޅެން ބޭނުންވާ ނަމަ ފޯނު ޗާޖް ކުރުމުގައި ވިސްނަން ޖެހޭ ބައެއް ކަންކަން ހުންނާނެއެވެ. ނަމަވެސް ފޯނުޗާޖް ކުރުމުގައި ބައެއް މީހުންނަށް އާންމުކޮށް ވަރަށް ބޮޑެތި ގޯސްތައް ހެދެއެވެ. އެފަދަ ގޯސްތައް ހެދެނީ ފަހަރެއްގައި އެކަން ކުރަންވީ ރަނގަޅު ގޮތް އެނގިފައި ނެތުމުން ކަމަށްވެސް ވެދާނެއެވެ.

ފޯނު ޗާޖުކުރާއިރު ގިނަ މީހުން މާބޮޑު ފަރުވާލެއް ނުބަހައްޓަނީ ފޯނު އުފައްދާ ކުންފުނިތަކުން މިކަމާ ބެހޭ ގޮތުން މާ ގިނަ އިރުޝާދުތަކެއް ރަސްމީކޮށް ނުދޭތީ ކަމަށްވެސް ވެދާނެއެވެ. ކުންފުނިތަކުން ރަސްމީކޮށް އެފަދަ އިރުޝާދުތައް ނުދިން ނަމަވެސް، ޓެކްނޮލޮޖީގެ ދާއިރާގެ ގިނަ ތަޖުރިބާކާރުން އެއްބަސްވާ ކަންތައްތަކެއް ހުރެއެވެ.

  1. އޮރިޖިނަލް ޗާޖަރު ބޭނުންކުރުން

އެ މީހަކު ބޭނުން ކުރާ ޗާޖަރަކީ އޮރިޖިނަލް ޗާޖަރެއް ނޫން ކަމަށް ޝައްކުވާ ނަމަ އެފަދަ ޗާޖަރެއް ބޭނުން ކުރުން ހުއްޓާލަން ވާނެއެވެ. އެންމެ ރަނގަޅު ގޮތަކީ ފޯނު ގަންނައިރު ފޯނާއެކީ ލިބޭ ޗާޖަރު ނުވަތަ ކުންފުނީގެ ޕެކިންގައި، އޮރިޖިނަލް ސީލް ޖެހި ޗާޖަރު ބޭނުންކުރުމެވެ.

އެހެން ނޫންނަމަ މަޝްހޫރު ނުވަތަ އިތުބާރުކުރެވޭ ފިހާރައަކުން ފޯނާ ގުޅޭ ޗާޖަރެއް ހޯދާށެވެ. ޗާޖަރާއެކު ބޭނުންކުރާ ކޭބަލް ހޯދުމުގައިވެސް މިގޮތަށް ކަންތަން ކުރާށެވެ.

  1. އެއްކޮށް ޗާޖު ވަންދެން ކޮންމެ ފަހަރަކު މަޑުނުކުރުން

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ފޯނު އެންމެ ރަނގަޅަށް މަސައްކަތް ކުރަނީ އޭގެ ޗާޖު 20 ޕަސެންޓާއި 80 ޕަސެންޓާ ދެމެދުގައި ހުރުމުންނެވެ. އެހެންކަމުން ބެޓެރީ ޗާޖު 20 ޕަސެންޓަށް ވުރެ ދަށަށް ދިއުމުގެ ކުރިން ޗާޖް ކުރަން ޖެހޭނެއެވެ. އަދި 80 ޕަސެންޓަށް އެރުމުގެ ކުރިން ޗާޖު ކުރުން ހުއްޓާލަން ވާނެއެވެ.

3. ސޮކެޓުން ވަގުތުން ޗާޖަރު ނައްޓާލުން

ފަހުގެ ފޯނުތައް ޗާޖުކުރާއިރު ބެޓެރި 100 ޕަސެންޓަށް އެރުމުން އޮޓޮމެޓިކުން ޗާޖު ކުރުން ހުއްޓާލާނެއެވެ. ނަމަވެސް އޭގެ މާނައަކީ ޗާޖަރު މަސައްކަތް ކުރުން ހުއްޓައިލުމެއް ނޫނެވެ. އެގޮތުން ޗާޖަށް ޖަހާފައި އޮންނަ ގަޑީގައި ބޭނުން ކުރާ ބެޓެރީ ކުޑަތަންކޮޅެއް ދަށްވިޔަސް ވަގުތުން ޗާޖްކުރަން ފަށާނެއެވެ. މިގޮތަށް ކުއްލިކުއްލިއަށް ޗާޖުވުމަކީވެސް ބެޓްރީގެ ސެލްތަކަށް ގެއްލުން ލިބޭނެކަމެކެވެ.

އެހެންކަމުން އެންމެ މޮޅު ގޮތަކީ ފުލްޗާޖް ލިބުމުން ނުވަތަ 80 ޕަސެންޓަށް އެރުމުން ވަގުތުން ޗާޖަރު ވަކިކޮށްލުމެވެ. އަދި ޗާޖަށް ޖަހާފައި އޮންނަ ވަގުތު ފޯނުގެ ބޭނުން ނުކުރުމަށް ވެސް ސަމާލުކަން ދޭންވާނެެއެވެ.

  1. ހޫނުގަދަ ތަނެއްގައި ނުވަތަ ފޯނަށް ހޫނުވާގޮތަށް ނުބޭއްވުން

ފޯނުގެ ބެޓެރިއަށް ގެއްލުންނުވާނެކަން ޔަގީން ކުރުމަށް ފޯނު ގެންގުޅޭ އިރު ފިނިހޫނުމިނަށް ބެލުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. ހަގީގަތުގައި ބެޓެރިއެއް އަވަހަށް ހަލާކުވުމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އެއީއެވެ. ހޫނުމިން މަތިވުމުން ބެޓެރީ ސްޓްރެސްވެ، އޭގެ ކެޕޭސިޓީ މާ އަވަހަށް ގެއްލެއެވެ. އެކަމުގެ ސަބަބުން ބެޓެރި ހަލާކުވާލެއް އަވަސްވެއެވެ. އެހެންކަމުން ފޯނު ބާއްވާއިރު މާ ބޮޑަށް ހޫނު ނުވާ ތަނެއްގައި ބާއްވަން ސަމާލުވާން ވާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު