ބްރިޖު މަސައްކަތުގައި ބޭނުންކުރާ ކެރޭނެއް ވެއްޓިއްޖެ

ތިލަމާލެ ބްރިޖުގެ މަަސައްކަތު ކްރޭން ވެއްޓިފައި --

ތިލަމާލެ ބްރިޖު މަސައްކަތުގައި އެފްކޯންސް އިން މޫދު ޕްލެޓް ފޯމެއްގައި ބޭނުން ކުރަމުން އައި ކެރޭނެއް، މަސައްކަތް ކުރަމުންދަނިކޮށް ވެއްޓިއްޖެއެވެ.

ހައުސިން މިނިސްޓްރީގެ ފަރާތުން އެ މަސައްކަތް ބަލަހައްޓާ އޮފިޝަލަކު މިއަދު "ސަން"އަށް ވިދާޅުވީ ކެރޭން ވެއްޓުނީ އޭގެ ބޫމް ފެއިލް ވުމުންކަމަށެވެ.

އެހެންނަމަވެސް ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނުހިނގާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެގޮތުން އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެ، އިތުރު އިކުއިޕްމަންޓަކަށް ގެއްލުމެއް ނުވެއެވެ.

"ކޮންޓްރެކްޓަރު އަތުގައި ހުންނާނެ މަސައްކަތް ހުއްޓައިނުލާ ކުރިއަށް ގެންދެވޭ މިންވަރަށް އިކުއިޕްމަންޓްސް،" އޮފިޝަލް ވިދާޅުވިއެވެ.

ކެރޭން ވެއްޓުނީ ތިލަމާލެ ބްރިޖުގެ ދާއިމީ ތަނބެއް ޖެހުމުގެ މަސައްކަތް ކުރަނިކޮށެވެ.

މީގެ ކުރިން ވެސް ތިލަމާލެ ބްރިޖު މަސައްކަތަށް ބޭނުންކުރާ ޕްލެޓުފޯމެއް ވިލިމާލެ ފަރަށް ވަނީ އަރައިފައެވެ.

އޭގެ ސަބަބުން ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

އެކަމާ ގުޅިގެން ބްރިޖުގެ މަސައްކަތްކުރާ އެފްކޯންސް ކުންފުނި 69 މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައެވެ.

ނަމަވެސް އަދި އެ ފައިސާ ދައްކަން ފަށައިފައިވާކަމެއް ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް