ދިރާގުން ހުށަހެޅި މައްސަލައަށް ތަދައްޚުލްވާން އެދުނު ތިން ކުންފުންޏަކަށް ފުރުސަތެއް ނުދިން

ޖަސްޓިސް ބިލްޑިގ---ސަން ފޮޓޯ// މުހައްމަދު އަފްރާހް

ދިރާގު ޓީވީގެ ލައިސަންސް އާ ނުކުރަން ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމި ނިންމުން ބާތިލުކޮށްދިނުމަށް އެދި ދިރާގުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަށް ތަދައްޚުލްވާން ތިން ކުންފުންޏަކުން ހުށަހެޅިޔަސް އެ ފުރުސަތު ދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.

އެ މައްސަލައިގެ ތެރެއަށް ތަދައްޚުލްވާން އެދި ހުށަހެޅީ މީޑިއާ ނެޓާއި ސްކައި ލައިފް ކޯ ޕްރައިވެޓް ލިމިޓެޑާއި އޭދަފުށީ ކޭބަލް ނެޓްވޯކް ޕްރައިވެޓް ލިމިޓެޑެވެ.

ސިވިލް ކޯޓުން މިއަދު ނިންމި ނިންމުގައި ވަނީ ދިރާގުން ހުށަހެޅި މައްސަލަ އަކީ ޖުޑީޝަލް ރިވިއުގެ މައްސަލައެއް ކަމަށެވެ. އަދި އެފަދަ މައްސަލައެއް ކޯޓުން ނިންމާއިރު ރިއާޔަތްކުރަން ޖެހޭނީ މައްސަލަ ހުށަހެޅި ފަރާތާއި މައްސަލަ ރައްދުވާ ފަރާތުން ހުށަހަޅާ ހުށަހެޅުންތަކަށް ކަމަށް ވެސް އެ ނިންމުމުގައިވެއެވެ.

އެ ނިންމުމުގައި ވަނީ އެ މައްސަލައަށް ދަތައްޚުލްވާން އެދުނު ތިން ފަރާތަކީ އެ ނިންމުން ނިންމުމުގައި އެފަރާތުގެ އެއްވެސް ދައުރެއް އޮތް ފަރަތެއް ނޫން ކަމަށެވެ. ހަމައެހެންމެ ދަތައްޚުލްވާން ހުށަހެޅި ކަންކަމަށް ބަލާއިރު، ބްރޯޑްކާސްޓިން ކޮމިޝަނުގެ ނިންމުމުގައި އެ ތިން ކުންފުނީގެ މަސްލަހަތެއް އޮތްކަން އެނގެން ނެތް ކަމަށް ވެސް ސިވިލް ކޯޓުގެ ނިންމުމުގައިވެއެވެ.

އެހެންކަމުން އެ މައްސަލައަށް ދަތައްޚުލްވުމުގެ ހުއްދަ ދޭންޖެހޭ ސަބަބެއް ނެތް ކަމަށް އެ ކޯޓުން ވަނީ ކަނޑައަޅާފައެވެ.

އެ މައްސަލައާ މެދު ޝަރީއަތުން ގޮތެއް ކަނޑައަޅަންދެން ދިރާގު ޓިވީގެ ލިސަންސް ބާތިލްވާނެ ފަދަ އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސިވިލް ކޯޓުން މީގެކުރިން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ.

ދިރާގު ޓީވީގެ ލައިސަންސް އާ ނުކޮށްދޭން ނިންމީ އެ ކޮމިޝަނުން ރީ ބްރޯޑްކާސްޓިން ގަވާއިދަށް ގެނައި އިސްލާހެއްގެ ސަބަބުންނެވެ.

އެ ގަވާއިދަށް ގެނައި އިސްލާހުގައި ވަނީ ރާއްޖެއިން ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކުން އަންނަ ޖެނުއަރީ މަހުން ފެށިގެން ރާއްޖޭގައި ރީބްރޯޑްކާސްޓް ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

ދިރާގުގެ މެޖޯރިޓީ ހިއްސާ މިހާރު އޮންނަނީ ބަހުރައިންގެ ޓެލެކޮމިއުނިކޭޝަން ކުންފުނި ބަޓެލްކޯއަށެވެ.

އެހެންކަމުން ދިރާގު ޓީވީގެ ރީބްރޯޑްކަސްޓިން ލައިސަންސް އާ ކުރުމަށް މިއަހަރުގެ ޖުލައި މަހުގެ ހަތް ވަނަ ދުވަހު އެ ކުންފުނިން ހުށަހެޅުމުން ބްރޯޑްކޮމްއިމް ވަނީ އާ އިސްލާހުގެ ދަށުން ލައިސަންސް އާކޮށްދެވެން ނެތް ކަމަށް ނިންމާފައެވެ.

އެކަމާ ގުޅިގެން ދިރާގުން ކުރި ދައުވާގައި ވަނީ އެ ކުންފުންޏަކީ ސައްތައިން ސައްތަ ދިވެހި ހިއްސާ އޮންނަ ކުންފުންނަކަށް ނުވާތީ ދިރާގު ޓީވީގެ ލައިސަންސް އާ ނުކޮށްދޭން ބްރޯޑްކޮމްއިން ނިންމާފައިވާ ނިންމުމަކީ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ 28 ވަނަ މާއްދާއާ ޚިލާފު، ބާތިލު ނިންމުމެއް ކަމަށެވެ.

މީގެ އިތުރުން، ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގައި ކަނޑާއަޅާފައިވާ މުއްދަތުގެ ތެރޭގައި ރީބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް އާ ކުރުމަށް އެދި ދިރާގުން ހުށަހަޅާފައިވާ ކަމަށާއި ދިރާގު ޓީވީގެ ލައިސަންސް އާކޮށްދިނުމަށް ބްރޯޑްކޮމްގެ މައްޗަށް އަމުރުކޮށްދިނުމަށް އެ ދައުވާގައި އެދިފައިވެއެވެ.

ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ވަނީ، ދިރާގުން ރީބްރޯޑްކާސްޓިން ޚިދުމަތް ގެނައުމަށް ބޮޑު އިންވެސްޓްމެންޓެއް ކޮށްފައި ވުމާއި މި މުއާމަލާތުގައި ތިން ވަނަ ފަރާތެއްގެ ހައްގުތައް ހިމެނިގެންވާކަން އެނގެން އޮންނާތީ ދިރާގުން އެދިފައިވާ ފަދަ އަމުރެއް ނެރެނުދީފި ނަމަ އިއާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް އެ ކުންފުންޏަށް ލިބުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

ރީބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ދިރާގަށް ދޫކޮށްފައި ވަނީ 2013 ވަނަ އަހަރުގެ ޖެނުއަރީ 30 ވަނަ ދުވަހުއެވެ.

comment ކޮމެންޓް