މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން ހާލު ސީރިއަސްވެ ވެންޓިލޭޓަރަށް ލީ ބިދޭސީ މީހާ، އެއްކޮށް ރަނގަޅުވެ، މިހާރު އޭނާ ޑިސްޗާޖުކޮށްފައިވާކަމަށް އައިޖީއެމްއެޗް އިން މިއަދު ބުނެފިއެވެ.
އޭނާއާ ގުޅޭގޮތުން "ސަން"އަށް މައުލޫމާތު ދެމުން އައިޖީމެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާ ހޮސްޕިޓަލުން ދޫކޮށްލީ މިދިޔަ މަހުގެ 21ވަނަ ދުވަހުކަމަށެވެ.
"އޭނާގެ ހާލު ރަނގަޅުވުމުން، ނޮވެމްބަރު 21ގައި އައިޖީއެމްއެޗުން ޑިިސްޗާޖުކޮށްލީ،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އެންމެ ފުރަތަމަ އޭނާ އޮތީ ވެންޓިލޭޓަރުގައެވެ. ހާލު ރަނގަޅުވުމުން ވޯޑަށް ބަދަލުކުރީ މިދިޔަ މަހުގެ 20ވަނަ ދުވަހެވެ.
އެ އަލިފާނުގެ ހާދިސާގައި މަރުވި އެންމެންގެ ހަށިގަނޑު މިހާރު ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ.
ނިރުފެހީގައި ހިންގި ގަރާޖެއްގައި އަލިފާން ރޯވެ، އެތަނުގެ މަތީ ފްލޯގައި ދިރިއުޅުނު ބިދޭސީންގެ ތެރެއިން 10 މީހުންގެ ފުރާނަ ނެތް ހަށިގަނޑު ވަނީ ނެރެފައެވެ.
މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ފަސް ފިރިހެނުންނާއި ތިން އަންހެނުންނާއި ބަންގްލަދޭޝްގެ އަންހެނަކާއި ފިރިހެނެކެވެ.
މާލޭގައި މިހާތަނަށް ހިނގި އަލިފާނުގެ އެންމެ ނުރައްކާތެރި މި ހާދިސާގައި ފުރަތަމަ ރޯވި ގަރާޖަކީ ހުޅުމާލޭގައި ހިންގަން ހުއްދަ ދީފައި އޮތް ގަރާޖަކަށް ވީއިރު، އެތަން މާލޭގައި ހިންގަމުން އައީ ގާނޫނާ ޚިލާފަށް ކަމަށާއި އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.