ދަށު ކޯޓަކުން ހައިި ކޯޓުގެ އަމުރު ބާތިލް ކުރި މައްސަލަ: އިތުރު ދެ މެޖިސްޓްރޭޓެއްގެ ސްލޫކީ މައްސަލަ ބަލަނީ

ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓު: ހައި ކޯޓުގެ އަމުރެއް ބާތިލްކޮށް އަމަލުކުރި ގޮތުން އިތުރު ދެ މެޖިސްޓްރޭޓެއްގެ މައްސަލަ ބެލުމަށް ވަނީ ނިންމާފައި --- ފޮޓޯ: އައްޑޫ ލައިވް

ހައި ކޯޓުގެ އަމުރެއްގެ ދަށުން މީހަކު ބަންދު ކޮށްފައި ވަނިކޮށް އެ އަމުރު ސަސްޕެންޑްކޮށް އޭނާ ދޫކޮށްލައި އެ ނިންމުމާ ގުޅޭ ގޮތުން ނޫސްބަޔާނެއް ނެރުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އިތުރު ދެ މެޖިސްޓްރޭޓެއްގެ ސްލޫކީ މައްސަލަ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

އެ މައްސަލައާ ގުޅިގެން ހިތަދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދުގެ ސުލޫކީ މައްސަލައެއް އެ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.

ރަފީޢުއްދީންގެ މައްސަލަ ފެށުނީ, ހައި ކޯޓުގެ އަމުރަކުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު ދޫކޮށްލަން، ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރެއް ނެރުނު ހިސާބުންނެވެ.

އެ ކޯޓުން ދޫކޮށްލަން އަމުރު ނެރެފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެ ރަށު މަންދޫބުގެ، ރުޝާން އަޙުމަދު ދީދީއެވެ.

އޭނާ ދޫކޮށްލަން ނެރުނު އަމުރާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް ކަންބޮޑުވުން ފާޅުކުރައްވައި، މައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓަށް ރައްދުދީ ހިތަދޫ ކޯޓުން ވަނީ ބަޔާނެއް ނެރުނެވެ.

އެ ބަޔާނުގައި ވަނީ ޝަމީމް ކުރެއްވި ޓްވީޓަކީ ޕީޖީގެ މަގާމުގައިހުރެ ކުރުން އެކަށީގެންވާ ކަމެއް ނޫންކަމަށް ބުނެފައެވެ. އަދި އެ ޓްވީޓުގެ ސަބަބުން މީޑިއާގައި އަޑުފެތުރިފައިވަނީ ކަންހިނގި ގޮތާ ޚިލާފަށް ކަމަށް ވެސް ބަޔާނުގައިވެއެވެ.

އެއާ އެކު ޖޭއެސްސީން ވަނީ މެޖިސްޓްރޭޓް ރަފީޢުއްދީންގެ ސްލޫކީ މައްސަލައެއް ބަލަން ފަށާފައެވެ.

އޭގެ ނުވަ މަސް ފަހުން ޖޭއެސްސީން މިއަދު ބުނީ, އެ ތަޙްޤީޤުގެ ތެރެއިން ސ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް މުޙައްމަދު ހާޝިމް އާއި ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޒިޔާދާ ޠާހިރު ވެސް މި ތުހުމަތުގައި ސުލޫކީ މިންގަނޑާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށް ބެލެވޭ ކަމަށެވެ.

އެހެން ކަމުން އެ ދެ މެޖިސްޓްރޭޓުންގެ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

comment ކޮމެންޓް