ލުތުފަރުގެ މަރުގެ މައްސަލަ ނިމުމަކަށް، ދެން އޮންނާނީ ހުކުމް ކުރުން

ކަނޑު އަޑިން ފެނުނު ލުތުފަރުގެ ބޮލުގެ ނާށިގަނޑު: އޭނާގެ ހަށިގަނޑު ފެނުނު އިރު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި -- ފޮޓޯ/ ފުލުހުން

ށ. ޅައިމަގު "ކުރިމަގު" ބޯޓުގައި މަސައްކަތް ކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރު މަރާލި މައްސަލައިގެ ޚުލާސާ ބަޔާން މިއަދު އިއްވާފައިވާއިރު ދެން އޮންނާނީ ހުކުމް ކުރުމަށް ބާއްވާ މަޖިލިސް ކަމަށް ގާޒީ ވިދާޅުވެއްޖެއެވެ.

ލުތުފަރު މަރާލާފައިވަނީ އޭޕްރީލް 21، 2019ގައި ކުރިމަގު ބޯޓުގައި ނޭވާހާސްކޮށްލައިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ލުތުފަރު މަރާލުމަށްފަހު ކަނޑުފައްތާފައި ވަނިކޮށް ފުލުހުންވަނީ އޭނާގެ ކަށިތައް ކަނޑުއަޑިން ހޯދާފައެވެ.

އެ މައްސަލައާ ގުޅިގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ, އަލަމިން އާއި ނޫރުލް އިސްލާމް ސަރުކާރާއި އެމްޑީ އަކްތަރު ހޮސައިންގެ މައްޗަށެވެ. ޝަރީއަތް ނިމެންދެން އެ ތިން މީހުން ވެސް ބަންދުކޮށްފައި ތިއްބާ އޭގެ ތެރެއިން އެމްޑީ އަކްތަރު ހޮސައިން ވަނީ ޖަލުގައި ކުއްލި ގޮތަކަށް މަރުވެފައެވެ.

ލުތުފަރުގެ މައިބަދައާއި އަރިކަށިތައް: އޭނާގެ ކަށިތައް ފެނިފައި ވަނީ އެކި ތަންތަނުން -- ފޮޓޯ: ފުލުހުން

އެ މައްސަލައިގައި މީގެ ކުރިން ދައުލަތުން ވަނީ ޚުލާސާ ބަޔާން އިއްވާފައެވެ. މިއަދު ބޭއްވި އަޑުއެހުމުގައި ދިފާއުން ވަނީ ޚުލާސާ ބަޔާން އިއްވާފައެވެ. އަދި އިތުރުކަމެއް ސާފުކުރަން ނެތް ނަމަ ދެން ބާއްވާނީ އެ މައްސަލައިގެ ހުކުމް ކުރުމަށް ބާއްވާ އަޑުއެހުން ކަމަށް ގާޒީ ވިދާޅުވިއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ލުތުފަރު މަރާލާފައި ވަނީ އޭނާ އެއްޖިއްސުން ގުޅުން ހިންގަން މަސައްކަތް ކުރިކަމަށް ބުނެއެވެ.

ލުތުފަރު މަރާލީ ކަމަށް ތިން މީހުންވެސް ތަހުގީގުގެ މަރުހަލާގައި އެއްބަސްވެ އެކަން ހިނގިގޮތް ކިޔައިދީ، އިއުތިރާފުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވީ ނަމަވެސް ޝަރީއަތުގައި އެކަމަށް ތިން މީހުންވެސް އިންކާރުކުރިއެވެ.

ތަހުގީގުގައި އެއްބަސްވީ އަނިޔާކޮށް ބިރު ދެއްކުމުން ކަމަށް ވެސް އެމީހުން ބުނެއެވެ.

comment ކޮމެންޓް