ހިފެހެއްޓި މަސްބޯޓުތަކުން ގިނަ އަދަދަކަށް މިޔަރު ބާނާފައިވޭ: އެމްއެންޑީއެފް

ގާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދަނިކޮށް ހިފެހެއްޓި ލަންކާގެ ތިން މަސްބޯޓު

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދަނިކޮށް ހިފެހެއްޓި ސްރީލަންކާގެ ތިން މަސްބޯޓުން ގިނަ އަދަދަކަށް މިޔަރު ބާނާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ގާނޫނާ ޚިލާފަށް ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުންދަނިކޮށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްބޯޓުތައް މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މި ބޯޓްތައް ހިފަހައްޓާފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޣާޒީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ޕެޓްރޯލްކުރުމުގެ ތެރެއިން ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ސްރީލަންކާގެ މި ދެ ބޯޓަކީ "ބަނޫޒަން" ނަމަކަށް ކިޔާ ބޯޓަކާއި "ރަތު 01" ނަމަކަށް ކިޔާ ބޯޓެއް ކަމަށާއި، މި ދެ ބޯޓްގެ ތެރެއިން ކޮންމެ ބޯޓެއްގައި ވެސް ސްރީލަންކާގެ ހަ ފަޅުވެރިން ތިބި ކަމަށްވެސް ސިފައިން ވަނީ މައުލޫމާތު ދީފައެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދަނިކޮށް ހިފެހެއްޓި މި ދެ ބޯޓު ކޯސްޓްގާޑް ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ގެންދިޔައީ މިދިޔަ ބުދަ ދުވަހު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

ކޯސްޓްގާޑު ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ގެންދިޔަ ސްރީލަންކާގެ ތިންވަނަ މަސް ބޯޓަކީ "ލަކްޕްވިޔާ ދެނެތު" ނަމަކަށް ކިޔާ މަސް ބޯޓެކެވެ. ހަތް ފަޅުވެރިންނާއެކު ރާއްޖޭގެ ސަރަހައްދުން ގާނޫނާ ޚީލާފަށް މަސްވެރިކަން ކުރަމުންދިޔަ މި ބޯޓް ކޯސްޓްގާޑު ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ގެންދިޔައީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ މި ބޯޓުތައް މިރޭ ދަންވަރު 1:00 ހާއިރު ދޫނިދޫއާ ހިސާބަށް ގެންދެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ގާނޫނާއި ގަވައިދާ ޚިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމާބެހޭ ގަވާއިދުގައި ވާގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ މަސްވެރި އުޅަނދު ފަހަރުން ރިޕޯޓް ކުރުމެއް ނެތި ހުއްދަ ނުހޯދާ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެއްޖެނަމަ އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

މިދިޔަ މަހު ވެސް ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. މިފަދަ ބޯޓުތައް އާންމުކޮށް ފެންނަނީ ރާއްޖޭގެ މަސްވެރިންނަށެވެ.

comment ކޮމެންޓް