ސައުތު ކޮރެއާއާ ދެކޮޅަށް ކުޅެން ނޭމާ ފިޓު: ބްރެޒިލްގެ ކޯޗު

ބްރެޒިލްގެ ތަރި ނޭމާ --ފޮޓޯ/ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕް 2022 ގެ ރައުންޑް އޮފް 16 ގައި ބްރެޒިލް އިން ސައުތު ކޮރެއާއާ ދެކޮޅަށް ކުޅޭ މެޗުގައި ކުޅުމަށް، އެޓީމުގެ ތަރި ނޭމާ ހުރީ ފިޓުކޮށް ކަމަށް ބްރެޒިލްގެ ކޯޗު ޓިޓޭ ބުނެފިއެވެ.

މެޗުގެ ކުރިން ބާއްވާ ޕްރީ މެޗް ކޮންފަރެންސްގައި ވާހަކަދައްކަމުން ޓިޓޭ ބުނީ، ނޭމާގެ ފައިގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާއިން އޭނާ ރިކަވާ ވެފައިވާ ކަމަށާއި، ސައުތު ކޮރެއާއާ ދެކޮޅަށް ނޭމާ ކުޅުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އެހެންނަމަވެސް އެއީ ފުރަތަމަ 11 ގައި ހިމެނިގެން ކަމެއް ނުވަތަ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކަމެއް ޓިޓޭ ހާމައެއް ނުކުރެއެވެ.

މިއަދު ބޭއްވި ޕްރީ މެޗް ކޮންފަރެންސްގެ ތެރެއިން ބްރެޒިލްގެ ކޯޗު ޓިޓޭ --ފޮޓޯ/ގެޓީ އިމޭޖަސް

ޓިޓޭ ބުނީ، ބްރެޒިލްއިން މިއަދު ކުރިއަށް ގެންދާ ފަރިތަކުރުންތަކުގައި ނޭމާ ބައިވެރިވާނެ ކަމަށެވެ.

ބްރެޒިލްގެ އެންމެ މުހިންމު ކުޅުންތެރިޔާގެ ގޮތުގައި ނިސްބަތްކުރެވޭ ނޭމާއަށް އަނިޔާވީ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި ބްރެޒިލް އިން ސާބިއާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެއީ މިފަހަރުގެ ވޯލްޑް ކަޕުގައި ބްރެޒިލްއިން ކުޅުނު ފުރަތަމަ މެޗެވެ.

އެ މެޗުގައި ނޭމާއަށް ސާބިއާގެ ކުޅުންތެރިން ޖުމްލަ ނުވަ ފައުލެއް ކޮށްފައިވާއިރު، މިއީ މިފަހަރުގެ ވޯލްޑް ކަޕުގައި، އެއް ކުޅުންތެރިއަކަށް އިދިކޮޅު ޓީމުގެ ކުޅުންތެރިން އެންމެ ގިނައިން ފައުލުކުރި އަދަދެވެ. އޭގެ ތެރެއިން ގިނަ ފައުލު ތަކަކީ ސާބިއާގެ ނިކޮލާ މިލެންކިވިޗް ކުރި ފައުލުތަކެކެވެ.

ބްރެޒިލްއާއި ސާބިއާ ބައްދަލުކުރި މެޗުގެ ތެރެއިން --

އެ މެޗުގައި ނޭމާއަށް ކުޅުން ކުރިއަށް ނުގެންދެވި 80 ވަނަ މިނެޓުގައި ބަދަލު ކުރިއިރު، އޭނާގެ ފައިގެ ކުޑަހުޅު ވަނީ ވަރަށް ބޮޑަށް ދުޅަވެފައެވެ. އެ މަންޒަރު ދައްކައިދޭ ފޮޓޯތައް މީސްމީޑިއާގައި އާންމު ވެފައިވާއިރު، ފަހުން ނޭމާ ވެސް ވަނީ އޭނާގެ ފައިގެ ކުޑަހުޅު ދުޅަވެފައިވާ މަންޒަރު ދައްކައިދޭ ފޮޓޯތަކެއް މީސްމީޑިއާގައި އާންމު ކޮށްފައެވެ.

ލިބުނު އަނިޔާތަކާ ގުޅިގެން ނޭމާއަށް ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި ބްރެޒިލްއިން ކުޅުނު ފަހު ދެމެޗުގައި ކުޅެވިފައެއް ނުވެއެވެ. އެ ދެމެޗުގެ ތެރެއިން ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުން 0-1 އިން ބްރެޒިލް މޮޅުވިއިރު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި 0-1 އިން ބްރެޒިލް ވަނީ ކެމަރޫން އަތުން ބަލިވެފައެވެ.

ބްރެޒިލް ޓީމުން ކުޅޭ މެޗުތަކުގައި ދަނޑުމަތިން ނޭމާ ނުފެނުން އެއީ އެކަމުގެ އަސަރު ޓީމަށް ކުރާ ކަމެއް ކަމަށް ފުޓުބޯޅައިގެ ތަޖުރިބާކާރުން ބުނާއިރު، ނޭމާ ވަނީ މިހާތަނަށް ބްރެޒިލްގެ ގައުމީ ޓީމަށް ކުޅެދިން 122 މެޗުން 75 ލަނޑު ޖަހައިދީފައެވެ.

އަދި ނޭމާ ވަނީ ބްރެޒިލްއާއެކު 2013 ވަނަ އަހަރުގެ ފީފާ ކޮންފެޑެރޭޝަންސް ކަޕުގެ ޗެމްޕިއަންކަން ހޯދާފައެވެ.

ނޭމާ ފެނުމުގެ ފުރުސަތު ބޮޑު ބްރެޒިލްއާއި ސައުތު ކޮރެއާގެ ކުރިމަތިލުން ފެނިގެންދާނީ މާދަމާރޭ 12 ޖަހާއިރު އެވެ. މި މެޗު ކުޅޭނީ ގަތަރުގެ ސްޓޭޑިއަމް 974 ގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު