ރައީސް ނަޝީދު ވިދާޅުވާ ބަރުލަމާނީ ނިޒާމުގެ ވާހަކަ މެނިފެސްޓޯއަކު ނެތް: ސަރުކާރު

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ މިދައުރުގައި، ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ސަރުކާރު ކޯލިޝަންގެ ޕާޓީތަކުން އެއްބަސްވެފައި ނެތް ކަމަށާއި އަމަލުކުރަމުން އަންނަ މެނިފެސްޓޯގައި ވެސް އެވާހަކަ ނެތް ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާއިރު، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގދ. ތިނަދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އަންނަތާ 18 މަސްދުވަސް ތެރޭ ނިޒާމާ ބެހޭ ވޯޓެއް ނެގުމަށް ކޯލިޝަނުން އެއްބަސްވި މެނިފެސްޓޯގައި ހިމަނާފައިވާކަމަށެވެ.

އަދި، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބަށް އެމްޑީޕީން އެޕާޓީގެ މެމްބަރުން ގާތު ވީ އެންމެ ބޮޑު ވައުދަކީ ވެރިކަމުގެ ނިޒާމު ބަދަލުކުރުން ކަމަށާއި، ނަމަވެސް އެ ވައުދު ނުފުއްދޭ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެގޮތުން ނިޒާމީ ވޯޓަށް އެހުން އަވަސް ކުރުމަކީ މުހިންމު ކަމެއް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު "ސަން" އަށް ވިދާޅުވީ ސަރުކާރުން ތަންފީޒުކުރަމުން އަންނަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އާންމު ކުރެއްވި މެނިފެސްޓޯ ކަމަށާއި، އޭގައި ނިޒާމީ ވޯޓާ ގުޅޭ އެއްވެސް ވާހަކައެއް ނެތް ކަމަށެވެ.

ފެބްރުއަރީ 21، 2020: އެމްޑީޕީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކެމްޕެއިން، "ރަށްވެހި ފަތިސް" އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ސަރުކާރުން ތަންފީޒުކުރަމުން މިއަންނަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އަޅުގަނޑުމެން ރައްޔިތުންނަށް ދެއްކި މެނިފެސްޓޯ. އެ މެނިފެސްޓޯގައި ނިޒާމީ ވޯޓުގެ ވާހަކައެއް ނެތް. 2018 ގެ ކޮންގްރެސްގައެއް ނިޒާމީ ވޯޓަކަށް ދާން އެއްބަސްވެފައެއް ނުވާނެ. އަދި މިއަހަރުގެ ކޮންގްރެސްގަވެސް ނިޒާމީ ވޯޓަކަށް ދާކަށް އެއްބަސްވެފައެއް ނެތް. ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު

މިއުވާން ވިދާޅުވީ މެނިފެސްޓޯގައި ރައްޔިތުންނަށް ކޮށްދޭން ވައުދުވި ކަންތައްތައް ސަރުކާރުން ކޮށްދެމުން އަންނަ ކަމަށާއި، ކަށަވަރުކޮށްދޭން ވައުދުވި ހައްގުތައް ކަށަވަރުކޮށްދެމުން އަންނަ ކަމަށެވެ.

އަދި، ނިޒާމީ ވޯޓާ މެދު އުފެދުނު ހިޔާލު ތަފާތުވުންތައް އެއްފަރާތްކޮށްލީ އެކަމާ މެދު ވާހަކަ ދައްކަން އެއްބަސްވެގެން ކަމަށާއި، އެއީ އެއްވެސް ހާލެއްގައި ވަކި ކަމަކަށް ނުވަތަ ވަކި ގޮތަކަށް ނިޒާމްގެ ވޯޓު ނަގަން އެއްބަސްވެގެން ނޫން ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

އެމްޑީޕީން 2018 ވަނަ އަހަރު އެކުލަވާލި "ޖަޒީރާ ރާއްޖެ" މެނިފެސްޓޯގައި އެކުލަވާލެވޭ ސަރުކާރުގައި ބޮޑުވަޒީރަކާއި އޭނާގެ ކެބިނެޓް މަޖިލީހުގެ ތެރޭގައި ހިމެނޭނެ ނިޒާމެއް ގާއިމްކުރުމަށް ވައުދުވެފައި އެބަ އޮތެވެ. އެހެންނަމަވެސް ސަރުކާރުން ތަންފީޒްކުރާ ގޮތަށް އާންމުކޮށްފައިވަނީ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯއެވެ. އެއީ މިހާރު ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އަދާލަތު ޕާޓީ އާއި އެމްއާރުއެމް އިން އެއްބަސްވި ސިޔާސަތުތަކުގެ މައްޗަށް އެކުލަވާލި މެނިފެސްޓޯއެކެވެ.

އެމްޑީޕީގެ "ޖަޒީރާ ރާއްޖެ" މެނިފެސްޓޯ

ރައީސް ނަޝީދު ވިދާޅުވާ އުސޫލުން ނިޒާމު ބަދަލުކުރުމުގެ އެއްވެސް ވާހަކައެއް އެ މެނިފެސްޓޯގެ އެއްވެސް ސަފުހާއަކުން ފެންނާކަށް ނެތެވެ. އޭގައި ބަޔާންކޮށްފައިވަނީ ހަމައެކަނި "ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން" އެއީ ތަންފީޒްކުރާނެ ކަމެއް ކަމަށެވެ.

ނިޒާމުގެ ވޯޓާ މެދު ފަހުން ގޮތެއް ނިންމުމަށް ކަނޑައަޅައި، ޕާޓީތަކުގެ ލީޑަރުން އޭރު އެއްބަސްވީ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ އާންމުކުރުމަށެވެ. ނަމަވެސް އެއަށްފަހު ލީޑަރުންގެ މެދުގައި ނިޒާމު ބަދަލުކުރުމާ މެދު މަޝްވަރާ ކުރުވެނު ކަން ސާފެއް ނޫނެވެ. މިހާރު ފެންނަ މަންޒަރުތަކަށް ބަލާއިރު، ނިޒާމް ބަދަލުކުރުމަށް ރައީސް ނަޝީދު "ފައި ވިއްދާފައި" ހުންނެވި ނަމަވެސް އެހެން އެއްވެސް ސިޔާސީ ލީޑަރަކު އެކަމަށް ތާއީދެއް ނުކުރައްވައެވެ.

ރިޔާސީ އިންތިޚާބު ބާއްވަން އަހަރަކަށް ވުރެ މަދު ދުވަސްކޮޅެއް ގުނަމުން އަންނައިރު، ދެ ރައީސުންގެ ދެމެދުގައި ވަނީ އިންތިހާއަށް ދެބަސްވުން އުފެދިފައެވެ. ވެރިކަމުގެ ނިޒާމަކީ ރައްޔިތުން ކަނޑައަޅައި ނިންމާފައި އޮތް ކަމެއް ކަމަށާއި، އެކަން ބަދަލުކުރެވޭނީ ވެސް ރައްޔިތުންނަށް ކަމަށް ތަކުރާރުކޮށް ރައީސް ޞާލިޙް ވަނީ މީގެ ކުރިން ވެސް ވިދާޅުވެފައެވެ.

comment ކޮމެންޓް