ކުޑަހުވަދު އާއި ފުނަދޫ ކޯޓަށް އައްޔަން ކުރި މެޖިސްޓްރޭޓުން ހުވާކޮށްފި

ކުޑަހުވަދު އާއި ފުނަދޫ ކޯޓަށް އައްޔަނު ކުރި މެޖިސްޓްރޭޓުން ހުވާކުރައްވަނީ --- ސަން ފޮޓޯ: ޝުއައިބު މުހައްމަދު

ދ. ކުޑަހުވަދު އާއި ށ. ފުނަދޫ ކޯޓަށް ހަމަޖެއްސި މެޖިސްޓްރޭޓުން މިއަދު ހުވާކޮށްފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ ކޯޓަށް އައްޔަންކޮށްފައިވާ ދެ މެޖިސްޓްރޭޓުން ވަނީ މަގާމުގެ ހުވާކޮށްފައެވެ. އެ ދެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ޖޭއެސްސީގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންނެވެ.

ކުޑުހުވަދޫ ކޯޓަށް އައްޔަން ކޮށްފައިވަނީ މ.ވޭވަށް، ކޯނަރ، ޔާސިރު މުޙައްމަދުއެވެ. އޭނާ ވަނީ ވިލާ ކޮލެޖުން ބެޗްލަރ އޮފް ޝަރިޢާ އެންޑް ލޯ ޙާސިލް ކުރައްވާފައެވެ. އަދި ތިން އަހަރު ދުވަހު ޝަރުޢީ ދާއިރާއަށް ޚިދުމަތްކޮށްދެއްވައި، 2019 ފެބްރުއަރީ 11އިން ފެށިގެން ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމް ވެސް އަދާކުރައްވާފައިވެއެވެ.

ކުޑަހުވަދު އާއި ފުނަދޫ ކޯޓަށް އައްޔަނު ކުރި މެޖިސްޓްރޭޓުން ހުވާކުރައްވަނީ --- ސަން ފޮޓޯ: ޝުއައިބު މުހައްމަދު

ފުނަދޫ ކޯޓަށް އައްޔަނު ކޮށްފައިވަނީ ރ. މަޑުއްވަރީ، ރުވާގުގެ، އިބްރާހިމް ނަޢީމްއެވެ. އޭނާ ވަނީ ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީން ބެޗްލާ އޮފް ޝަރިޢާ އެންޑް ލޯ ހާސިލްކުރައްވައި، ވިލާ ކޮލެޖުން މާސްޓަރ އޮފް ޝަރިޢާ އެންޑް ލޯ ހާސިލް ކުރައްވާފައެވެ. އަދި ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ޝަރުޢީ ދާއިރާއަށް ޚިދުމަތްކޮށްދެއްވާ 2021 އޮގަސްޓް އިން ފެށިގެން ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރގެ މަގާމް ވެސް ވަނީ އަދާކުރައްވާފައެވެ.

ޖޭއެސްސީ އިން ބުނީ އެ ދެ ރަށުގެ ކޯޓަށް މެޖިސްޓްރޭޓުން އައްޔަނު ކޮށްފައިވަނީ ކުރިމަތިލާފައިވާ ފަރާތްތަކާ "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަވިއުކުރުމަށްފަހުގައި ކަމަށެވެ.

comment ކޮމެންޓް