ރަޝިއާގެ ތެލަށް ސީލިންގް ކަނޑައެޅުމުން ޔޫރަޕަށް ތެޔޮ ފޯރުކޮށްދިނުން ރަޝިއާ ހުއްޓާލައިފި

މޮސްކޯ (4 ޑިސެންބަރު 2022): ރަޝިއާގެ ތެޔޮ ގަންނާނެ އެންމެ މަތީ އަގަކީ ފީފާއެއް 60 ޑޮލަރަށް ކަމަށް ޔޫރަޕްގެ އިއްތިޙާދުގެ ގައުމުތަކާއި އެމެރިކާ ހިމެނޭގޮތަށް ޖީ 7 ގެ ގައުމުތަކާ އަދި އޮސްޓްރޭލިއާއިން ނިންމުމުން، ޔޫރަޕަށް ތެޔޮ ފޯރުކޮށްދިނުން ހުއްޓާލިކަން ރަޝިއާ އިން އިއުލާނުކޮށްފިއެވެ.

ރަޝިއާގެ ޚާރިޖީ ވުޒާރާއިން ބުނީ ހޮޅި މެދުވެރިކޮށް ޔޫރަޕަށް ތެޔޮފޯރުކޮށްދިނުން މިހިސާބުން ނިމުނީކަމަށާއި ދެން ޔޫރަޕް އުޅެންޖެހޭނީ ރަޝިއާގެ ތެލާ ނުލައި ކަމުގައެވެ. ރަޝިއާގެ ތެޔޮ ހޮޅިތައް މެދުވެރިކޮށް ނުލިބުމަކީ ދުރުގައުމުތަކުން ޓޭންކަރުތައް މެދުވެރިކޮށް އަގުބޮޑުކޮށް ތެޔޮގަންނަން ޔޫރަޕަށް މަޖުބޫރުވާނެކަމެކެވެ.

ނަތީޖާއަކަށްވާނީ ޔޫރަޕްގައި އިންވެސްޓްކުރަން އިންވެސްޓަރުންނާ އަދި ކުންފުނިތައް ފަސްޖެހުމެވެ. އެއީ އިންވެސްޓްކުރާ ފަރާތްތަކުން އެންމެ ބޮޑަށް ބަލާ އެއްކަމަކީ ތެލާއިގޭސް ފަދަ ހަކަތައިގެ ބާވަތްތަކުގެ އަގު ހެޔޮވުން ކަމަށް ވުމެވެ. ކުރިން ރަޝިއާގެ ތެލާއި ގޭސް އަގު ހެޔޮކޮށް (ހޮޅިތައް މެދުވެރިކޮށް) ޔޫރަޕަށް ލިބުމަކީ ޔޫރަޕްގައި އިންވެސްޓްކުރަން އިންވެސްޓަރުން ޝައުގުވެރިވާ ކަމެކެވެ.

ޔުކްރެއިން ހަނގުރާމައާ ގުޅިގެން ޔޫރަޕާއި އެމެރިކާއިން ރަޝިއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާގުޅިގެން ރަޝިއާވަނީ ޔޫރަޕަށް ގޭސް ފޮނުވާ މިންވަރު ވަރަށްބޮޑަށް މަދުކޮށްފައެވެ. އަދި ގޮތްނޭންގޭ ފަރާތަކުން ރަޝިއާގެ ނޯޑް ސްޓްރީމް ގޭސް ހޮޅި ހަލާކުކޮށްލުމާ ގުޅިގެން ރަޝިއާގެ ގޭސް ޔޫރަޕަށް ލިބޭވަރުވަނީ 80 އިންސައްތައަށް ދަށްވެފައެވެ. ނަމަވެސް ތެޔޮހޮޅިތައް މެދުވެރިކޮށް ރަޝިއާގެ ތެޔޮ އަދިވެސް ޔޫރަޕަށް ލިބެއެވެ.

ރަޝިއާގެ ތެޔޮ ޔޫރަޕަށް ލިބެނީ ހޮޅިންކަމަށްވާތީ އޭގެ އަގު ނިސްބަތުން ކުޑައެވެ. ނަމަވެސް ރަޝިއާއަށް ލިބޭ އާމްދަނީ މަދުކޮށް ރަޝިއާ އިނދަޖައްސާލުމަށްޓަކައި އެމެރިކާ އިސްނަގައިގެން ރަޝިއާގެ ތެޔޮ ގަންނާނެ އެންމެ މަތީ އަގަކީ ފީފާއެއް 60 ޑޮލަރަށް ކަމަށް އެމެރިކާއާއި އެމެރިކާގެ ނުފޫޒު އޮންނަ ޖީ 7 ގެ ގައުމުތަކާ އަދި އޮސްޓްރޭލިއާ ނިންމި ނިންމުމުގައި ޔޫރަޕްގެ އިއްތިޙާދުގެ ގައުމުތައް ބައިވެރިވުމުން ރަޝިއާ ނިންމީ ޔޫރަޕަށް ތެޔޮ ފޯރުކޮށްދިނުން މުޅިން ހުއްޓާލުމަށެވެ.

ރަޝިއާ ބުނީ އެގައުމުގެ އިގްތިސާދު އިނދަޖައްސާލުމަށް އެމެރިކާ ގެންގުޅޭ ސިޔާސަތުގައި ޔޫރަޕް ބައިވެރިވެފައިވާތީ ދެން ޔޫރަޕް އުޅެން ޖެހޭނީ ރަޝިއާގެ ތެލާ ނުލައި ކަމުގައެވެ. ރަޝިއާގެ ރިޔާސަތު ކަމަށްވާ ކްރެމްލިންގެ ފަރާތުން ވާހަކަ ދެއްކެވި ތަރުޖަމާން ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ، ރަޝިއާގެ ތެލުމުގެ އަގު ދަށްކޮށް ރަޝިއާއަށް ލިބޭ އާމްދަނީ މަދުކޮށް ރަޝިއާ އިނދަޖައްސާލަން އެމެރިކާ ކުރާ މަސައްކަތުގައި ޔޫރަޕް ބައިވެރިވާނެކަން އެނގޭތީ މިކަމަށް މާކުރިން ރަޝިއާ ތައްޔާރުވަމުން ދާ ކަމުގައެވެ.

އެމެރިކާއާއި ޔޫރަޕުން ކަނޑައަޅާހާ އަގެއްގައި ރަޝިއާގެ ތެޔޮ ނުވިއްކާނެ ކަމަށާ ހުޅަނގުގެ މި އަމަލަކީ ބައިނަލްއަގުވާމީ ފްރީ ޓްރޭޑް އުސޫލާވެސް މުޅިން ޚިލާފު އަމަލެއް ކަމަށެވެ. އެމެރިކާއާއި ޔޫރަޕް ދެކޭގޮތުގައި ރަޝިއާގެ ތެލުގެ އަގު ފިފާއެއް 60 ޑޮލަރަށް ގަންނަން ނިންމުމުން ރަޝިއާއަށް ދެ ބިލިއަން ޑޮލަރުގެ ގެއްލުމެއް ވާނެއެވެ.

ނަމަވެސް ޔޫރަޕަށް އެއްވެސް ވަރަކަށް ތެޔޮ ނުވިއްކަން ރަޝިއާ ނިންމުމުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލޭނެކަމަށް ބެލެވޭތީ މިގެއްލުން ރަޝިއާއަށް ލިބުން ދުރުކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އަނެއްކޮޅުން ރަޝިއާގެ ތެލާއި ގޭހުގެ ގާތްގަނޑަކަށް 60 އިންސައްތަ މިހާރު ގަންނަނީ އިންޑިއާއާއި ޗައިނާއިންކަމަށް ވެފައި އެދެގައުމަކީ ހުޅަނގުގެ ނިންމުންތަކަށް ބޯ ނުލަނބާ ދެގައުމު ކަމަށްވާތީ އެދެގައުމާ ނުލައި ރަޝިއާގެ އިގްތިސާދު އިނދަޖައްސާލަން ޔޫރަޕަށް ކުރެވޭނެ ކަމެއް ނޯންނާނެކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް