މެސީއަށް ތާރީޚީ ދުވަހެއް، އާޖެންޓީނާ ކުއާޓާ ފައިނަލަށް

މެސީގެ ލަނޑަށްފަހު އުފާ ފާޅުކުރަނީ --ފޮޓޯ/ގެޓީ އިމޭޖަސް

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ލިއޮނެލް މެސީގެ ކެރިއަރުގައި ކުޅުނު ތާރީޚީ މެޗުން މޮޅުވެ، އާޖެންޓީނާއިން ފީފާ ވޯލްޑް ކަޕް 2022ގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއީ މެސީގެ ކެރިއަރުގައި އޭނާ ކުޅުނު 1000 ވަނަ މެޗެވެ. އޭގެ ތެރެއިން 164 މެޗަކީ މެސީ އާޖެންޓީނާގެ ޖާޒީގައި ކުޅުނު މެޗުތަކެކެވެ.

ކުއާޓާ ފައިނަލަށް އާޖެންޓީނާ ދަތުރުކުރީ ރައުންޑް އޮފް 16 ގައި އޮސްޓްރޭލިއާގެ މައްޗަށް 1-2 އިން ކުރިހޯދައިގެންނެވެ.

މުބާރާތުގެ ރައުންޑް އޮފް 16އަށް އާޖެންޓީނާ ދަތުރުކުރީ ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެ ގުރޫޕުގެ އެއްވަނަ އާޖެންޓީނާއިން ހޯދީ ތިން މެޗުން ހަ ޕޮއިންޓު ހޯދައިގެންނެވެ.

ގަތަރުގެ އަހްމަދު ބިން އަލީ ސްޓޭޑިއަމުގައި އޮސްޓްރޭލިއާއާއި އާޖެންޓީނާ ބައްދަލުކުރި މެޗު ފެށުނީއްސުރެ ނިމެންދެން މޮޅަށް ކުޅެ، ގިނަވަގުތު ބޯޅަ ހިފެހެއްޓީ އާޖެންޓީނާއިންނެވެ. އެހެންނަމަވެސް ލިބޭ މަދު ފުރުސަތުތަކުގައި އޮސްޓްރޭލިއާއިންވެސް އާޖެންޓީނާގެ ގޯލަށް ނުރައްކާ ކޮށްފައިވެއެވެ.

އާޖެންޓީނާއިން މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީ 35 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ކެޕްޓަން އަދި ތަރި ލިއޮނެލް މެސީއެވެ. މިއީ އޭނާގެ ކެރިއަރުގައި އާޖެންޓީނާގެ ގައުމީ ޓީމަށް ކާމިޔާބު ކޮށްދިން 94 ވަނަ ލަނޑެވެ. އަދި ކެރިއަރުގައި ކުޅުނު 1000 މެޗުން އޭނާ ޖެހި 789 ވަނަ ލަނޑެވެ.

މިއީ މިހާތަނަށް މެސީ ކުޅުނު ފަސް ވޯލްޑް ކަޕުގައި އޭނާ ޖެހި ނުވަވަނަ ލަނޑެވެ. މި ލަނޑާއެކު މެސީ ވަނީ، ވޯލްޑް ކަޕުގެ ތާރީޚުގައި އާޖެންޓީނާގެ ޖާޒީގައި ދެވަނައަށް އެންމެ ގިނަ ލަނޑު ޖަހައިގެން، އެ ޝަރަފު ހޯދި މަރަޑޯނާ ފަހަތަށް ޖައްސާފައެވެ. މި މެޗު ފެށިއިރު މެސީ އާއި މަރަޑޯނާގެ އިތުރުން ގިލެރްމޯ ސްޓަބިލޭ، މި ތިން ކުޅުންތެރިންވެސް އޮތީ ލިސްޓުގެ ދެވަނައިގައެވެ. އެހެންނަމަވެސް މިހާރު ދެވަނައިގައި އޮތީ މެސީ އެކަންޏެވެ. ވޯލްޑް ކަޕުގައި އާޖެންޓީނާއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ގެބްރިއެލް ބަޓިސްޓޫޓާ ވަނީ 10 ލަނޑު ޖަހާފައެވެ.

ލިއޮނެލް މެސީ --ފޮޓޯ/ގެޓީ އިމޭޖަސް

އާޖެންޓީނާއިން ފުރަތަމަ ހާފު ނިންމާލީ 0-1 އިން ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފު ފަށައިގެންވެސް މޮޅަށް ކުޅުނީ އާޖެންޓީނާއިންނެވެ. ނަތީޖާއަކަށްވީ މިހާފުގެ 12 ވަނަ މިނެޓުގައި އާޖެންޓީނާއިން ދެވަނަ ލަނޑެއް ޖަހައި ލީޑު ފުޅާކުރުމެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހޫލިއަން އަލްވަރޭޒް އެވެ. މިއީ އޮސްޓްރޭލިއާގެ ޑިފެންސްލައިނާއި ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

އާޖެންޓީނާގެ ލަނޑުތައް ޖަަހައިދިން ހޫލިއަން އަލްވަރޭޒްއާއި ލިއޮނެލް މެސީ --ފޮޓޯ/ގެޓީ އިމޭޖަސް

އާޖެންޓީނާގެ މި ލަނޑާއެކު އޮސްޓްރޭލިއާގެ ކުޅުންތެރިން ވަނީ ކުޅުން ރަނގަޅުކޮށް، ނުރައްކާތެރި ހަމަލާތަކެއް އުފައްދަން ފަށާފައެވެ. ނަތީޖާ ހަމަހަމަ ކުރުމަށް ކުރި މަސައްކަތުގައި އޮސްޓްރޭލިއާއަށް ފަރަގު ކުޑަކުރެވުނީ 77 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކްރެއިގް ގުޑްވިންއެވެ.

އޭގެފަހުންވެސް އޮސްޓްރޭލިއާއިން ލަނޑު ޖެހުމަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލި ނަމަވެސް، މި ހަމަލާތައް ހުއްޓުވުމުގައި އާޖެންޓީނާގެ ޑިފެންސްލައިނާއި ކީޕަރު ވަނީ ހުސިޔާރުކަން ދައްކާފައެވެ.

މި މޮޅާއެކު މުބާރާތުގެ ކުއާޓާ ފައިނަލަށް އާޖެންޓީނާ ދަތުރުކުރިއިރު މިއީ އެޓީމުން މުބާރާތުގެ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކުރި 11 ވަނަ ފަހަރެވެ. އާޖެންޓީނާއިން މި މުބާރާތް ޖުމްލަ ދެ ފަހަރު ކާމިޔާބު ކޮށްފައިވެއެވެ. އަދި މުބާރާތުގެ ރަނަރަޕް ކަން ތިން ފަހަރަށް ހޯދާފައިވެއެވެ.

މި ފަހަރުގެ މުބާރާތުގައި އާޖެންޓީނާއިން ކުއާޓާ ފައިނަލުގައި ކުޅެން ޖެހޭނީ ރައުންޑް އޮފް 16 ގެ ފުރަތަމަ މެޗުގައި އެމެރިކާގެ މައްޗަށް ކުރިހޯދި ނެދަލެންޑްސްއާ ދެކޮޅަށެވެ.

comment ކޮމެންޓް