ޕާކިސްތާނުގެ އެކްޓަރު ފަވާދު ޚާން އަދި ބަތަލާ މާހިރާ ޚާން އެނބުރި ހިންދީ ސިނަމާއަށް

ފިލްމު "ހޫބްސޫރަތް"އިން 2014ވަނަ އަހަރު ބޮލީވުޑަށް ތަޢާރަފްވި ޕާކިސްތާނުގެ އެކްޓަރު ފަވާދު ޚާންއާއި ބަތަލާ މާހިރާ ޚާންގެ ޕާކިސްތާނު ފިލްމު "ދަ ލެޖެންޑް އޮފް މައުލާ ޖަތް" އިންޑިއާގެ ސިނަމާތަކަށް ގެނައުމުގެ މަސައްކަތްކުރެވެމުންދާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މީޑިއާ ރިޕޯޓުތަކުން ބުނެފައިވަނީ ޕާކިސްތާނު މިފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ މި މަހުގެ 23ވަނަ ދުވަހުކަމަށެވެ. މިފިލްމަކީ، މިއަހަރުގެ އޮކްޓޯބަރު މަހު 13ގައި ރިލީޒްކޮށް ބައިނަލް އަޤްވާމީގޮތުން ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފިލްމެކެވެ. އެގޮތުން ދުނިޔޭގެ ބޮކްސްއޮފީހުގައި މިހާތަނަށް ދުއިސައްތަ ކްރޯޑް ރުޕީސް ފިލްމުންވަނީ ފަހަނައަޅައި ގޮސްފައެވެ.

ހިންދީ ސިނަމާތަކުގައި ފިލްމު ދެއްކުމުގެ މަސައްކަތް ޒީ ސްޓޫޑިއޯއިން ކުރަމުންދާއިރު ފަވާދު ޚާންގެ މިފިލްމު ރިލީޒްކުރާނެ ޔަޤީން ތާރީޚެއް ކުރިއަށްއޮތް ހަފުތާތެރޭގައި ޔަޤީންކުރެވޭނެކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މިހާރުގެ ޝެޑިއުލްއާ އެއްގޮތަށް މިމަހުގެ 23ވަނަ ދުވަހު ފިލްމު ރިލީޒްކޮށްފިނަމަ ހަމަ އެދުވަހު ރިލީޒްކުރުމަށް ރޭވިފައިވާ ޕްރޮޑިއުސަރު ރޯހިތް ޝެޓީގެ ފިލްމު "ސާކަސް"އާއި ފުށު އަރާނެއެވެ. އެހެންކަމުން ބެލެވޭގޮތުގައި ޕާކިސްތާނު ފިލްމު ރިލީޒްކުރާ ދުވަސް ބަދަލުވުމަކީ، އެކަށީގެންވާކަމެކެވެ.

ހިންދީ ބައެއް ފިލްމުތައް ކުޅެ ގިނަ ބައެއްގެ ހިތުން ޖާގަ ހޯދާފައިވާ އެކްޓަރު ފަވާދު ޚާންއާއެކު "ދަ ލެޖެންޑް އޮފް މައުލާ ޖަތް"އިން ފެންނާނީ ބަތަލާ މާހިރާ ޚާންއެވެ. ބަތަލާ މާހިރާ ޚާންއަކީވެސް ޕާކިސްތާނުގެ ޓީވީ ސިލްސިލާތަކުން ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ބަތަލާއެކެވެ. ފަވާދު ޚާންއާއި ބަތަލާ މާހިރާ ޚާން އެކީގައި ފެނުނު "ހަމްސަފަރް" ޓީވީ ސިލްސިލާއަށްފަހު މި ދެ ޖޯޑުވެގެންގޮސްފައިވަނީ ޕާކިސްތާނުގެ އިތުރުން ބޭރު ޤައުމުތަކުގައިވެސް ވަރަށް މަޤުބޫލު އޮން ސްކްރީން ޖޯޑަކަށެވެ.

ފަވާދުއެކޭ އެއްގޮތަށް މާހިރާ ޚާންއަށްވެސްވަނީ ބޮލިވުޑްއިން ފުރުޞަތު ލިބިފައެވެ. ބަތަލާގެ ފުރަތަމަ ހިންދީ ފިލްމު ކުޅެފައިވަނީ އެކްޓަރު ޝާހްރުކް ޚާންއާއެކުގައެވެ. ފިލްމު "ރައީސް"އިން ޝާހްރުކް ޚާންއާއެކު ސްކްރީން ހިއްސާކުރަން ލިބުނު ފުރުޞަތަކީ މާހިރާއަށް މިއަދާ ހަމައަށްވެސް ހަނދާން ނައްތާލަން ދަތި ތަޖުރިބާއެއްކަމަށް ބަތަލާވަނީ ބުނެފައެވެ.

އެކްޓަރު ފަވާދު ޚާން ކުޅެފައިވާ ހިންދީ ފިލްމުތަކުގެތެރޭގައި، ދަރްމާ ކުންފުނީގެ "ކަޕޫރް އެންޑް ސަންސް" އަދި 2016ވަނަ އަހަރު ރިލީޒްވި އެކުންފުނީގެ ފިލްމު "އޭދިލްހެ މުޝްކިލް" ހިމެނެއެވެ.

comment ކޮމެންޓް