ނުލަފާ ގޮތަކަށް ނަޝީދު ވިދާޅުވީ ރޮޒައިނާއަކީ އަޚުލާގު ރަނގަޅު ބޭފުޅެއް ކަމަށް

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ އެކު މެންބަރު ރޮޒައިނާ: ނުސީދާކޮށް ނަޝީދު ވަނީ ރޮޒައިނާއަށް މަލާމަތް ކުރައްވާފައި ---

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަކީ އަޚްލާގު ރަނގަޅު ބޭފުޅެއް ކަމަށް 'ނުލަފާ ރާގަކަށް' އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ ވީޑިއޯއެއް އާންމުވެއްޖެއެވެ.

ހަފުތާ ބަންދުގައި ގދ. ތިނަދުއަށް ވަޑައިގެން އުޅުއްވާ ރައީސް ނަޝީދު, މަޖާޒީ ގޮތަކަށް ރޮޒައިނާއަށް ތައުރީފް ކުރައްވާ ކުރު ވީޑިއޯއެއް ސޯޝަލް މީޑިއާގައި މީހަކު ވަނީ އާންމު ކޮށްފައެވެ.

"އެކަމަކު ރޮޒައިނާ ވަރަށް އަޚްލާގު ރަނގަޅު ވަރަށް ރަނގަޅު ބޭފުޅެއް އެއީ," މޫނަށް ރުލެއް ވެސް ޖައްސާ ނުލައި ސީރިއަސް ގޮތަކަށް ހުންނަވައި ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އެހެން ވިދާޅުވުމުން ކުޑަ ކުއްޖެއް ކިހިލި ޖަހައިގެން ހުރި ފިރިހެނަކު ބުނީ ރޮޒައިނާ އެއްގޮތަކަށް ވެސް ކަމަކު ނުދާ ކަމަށާއި އޭނާ ހުރީ ބޭރުކުރަން ވެފައި ކަމަށެވެ.

"އަޅުގަނޑު އަސްލު މިހުރީ މަގުމަތިވެފަ. މި ރަށުގައި އައިސް ހުންނަން މި ޖެހުނީ މާލޭގައި އަޅުގަނޑުމެނަށް ނުތިބެވިގެން ކުދިންގެ ކިޔެވުން ހަލާކުވެގެން ދިޔައީ. ވަޒީފާ ގެއްލިގެން ދިޔައީ. އެތައް ގެއްލުމެއް ވެއްޖެ. ރޮޒައިނާއާ ބައްދަލެއްވެސް ނުވި އުޅެ އުޅެ. ކީއްކުރާ މެންބަރެއް ތޯ އެއީ," ރޮޒައިނާ ނިސްބަތްވާ އައްޑޫ މީދޫ ދައިރާގެ އާންމު ރައްޔިތަކު ނަޝީދު އަރިހުގައި ބުންޏެވެ.

'ނުލަފާ ގޮތަކަށް' ހުންނަވައި ރައީސް ނަޝީދު, ރޮޒައިނާއަކީ އަޚްލާގު ރަނގަޅު ބޭފުޅެކޭ ވިދާޅުވުމުން އެތަނުގައި ތިބި ބަޔަކު ހޭ އަޑު ވެސް އިވެއެވެ.

ނަޝީދުގެ އެ ވީޑިއޯ ރިޓްވީޓްކުރި ގިނަ މީހުން ބުނެފައިވަނީ އޭނާ ނުޝީދާކޮށް ރޮޒައިނާއަށް މަލާމަތް ކުރެއްވީ ކަމަށެވެ.

"އަންނި ރަނގަޅުވާނީ ހަމަ ފިލްމު ކުޅެން," އެ ވީޑިއޯއަށް ރައްދު ދިން މީހަކު ބުންޏެވެ.

އެމްޑީޕީ ތެރޭގައި ދެ ފެކްޝަން އުފެދިފައިވާއިރު ރޮޒައިނާ ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ފަޅީގައެވެ. އަދި އެފަޅީގައި ހުންނަވައި ރައީސް ނަޝީދަށާއި އެމަނިކުފާނަށް ތާއިދުކުރައްވާ މެންބަރުންނަށް އެންމެ ބޮޑަށް ފާޑުވިދާޅުވަނީ ވެސް ރޮަޒައިނާއެވެ. އެއާ އެކު ނަޝީދުގެ ފެކްޝަން މެންބަރުންގެ ބަހުގެ ހަމަލާތައް އެންމެ ގިނައިން އަމާޒުވަނީ ވެސް ރޮޒައިނާ އަށެވެ.

comment ކޮމެންޓް