ތޮއްޑޫގައި އައިލެންޑް ފަޔާ ރެސްޕޮންސް ޓީމް އިފްތިތާހުކޮށްފި

އެމްއެންޑީއެފްގެ ފަރާތުން އަލިފާން ނިވާ ޕަމްޕް ސިސްޓަމް އެ ރަށުގެ ކައުންސިލް އިދާރާއާ ހަވާލުކޮށްދެއްވަނީ--- ފޮޓޯ/އެމްއެންޑީއެފް

ތޮއްޑޫގައި "އައިލެންޑް ފަޔާ ރެސްޕޮންސް ޓީމް" އިފްތިތާހުކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު އއ. ތޮއްޑޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެމްއެންޑީއެފްގެ ފަރާތުން އަލިފާން ނިވާ ޕަމްޕް ސިސްޓަމް އެ ރަށުގެ ކައުންސިލް އިދާރާއާ ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީއެވެ. ތޮއްޑޫ ކައުންސިލް އިދާރާގެ ފަރާތުން ޕަމްޕް ސިސްޓަމާ ހަވާލުވެލެއްވީ ރަށު ކައުންސިލުގެ ރައީސް، އަޙްމަދު ކަރަމްއެވެ.

ތޮއްޑޫގައި އިފްތިތާޙްކުރެވުނު އައިލެންޑް ފަޔާ ރެސްޕޮންސް ޓީމަކީ ނޮވެންބަރު 12 އިން 18 އަށް، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑާއި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސް ގުޅިގެން ތޮއްޑޫގެ ރައްޔިތުންނަށް ހިންގި ކޮމިޔުނިޓީ ވޮލަންޓިއަ ފަޔާ ފައިޓާސް ޕްރޮގްރާމު ފުރިހަމަކުރި ފަރާތްތައް ހިމަނައިގެން އެކުލަވާލެވިފައިވާ ޓީމެކެވެ.

މި ރަސްމިއްޔާތުގައި، ޕްރޮގްރާމު ފުރިހަމަކުރި ފަރާތްތަކަށް ލިޔުން ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހުމާން، ޑިފެންސް މިނިސްޓަރު މާރިޔާއެވެ.

ތޮއްޑޫ އިން އަށް ފިރިހެނުންނާއި ތިން އަންހެނުން ނާއެކު ޖުމްލަ 11 މީހަކު ބައިވެރިވި މި ޕްރޮގްރާމުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި ފަޔާ ބިހޭވިއާ، ޕޯޓަބަލް ފަޔާ އެކްސްޓިންގުއިޝަސް، ރޯޕްސް އެންޑް ނޮޓްސް، އިންސިޑެންޓް ކޮމާންޑް ސިސްޓަމް، ފަޔާ ހޯސް ނޮޒްލްސް އެންޑް އެޕްލަޔަންސަސް، ޕަމްޕްސް އެންޑް ޕްރައިމަސް، ފަޔާ ސްޓްރީމް، ވިކްޓިމް ކެރީއިން މެތަޑްސް، އަދި ޑިފެންސިވް ފަޔާ ފައިޓިންގެ ބައިތައް ހިމެނެއެވެ. މީގެއިތުރުން މި ޕްރޮގްރާމުގައި ވަނީ ފިޒިކަލް ޓްރެއިނިންގެ ކުލާސްތައް ވެސް ކުރިއަށް ގެންގޮސްފައެވެ.

މި ޕްރޮގްރާމުގެ ހަވާސާގައި އއ. ތޮއްޑޫ ސްކޫލުގެ 80 ބެލެނިވެރިންނަށް، ގޭތެރޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވާނެ ގޮތުގެ މަޢުލޫމާތު ދިނުމުގެ ސެޝަނެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

comment ކޮމެންޓް