ތަމަޅަ ފިލްމު 'ކޭޑީ'ގެ ރިމޭކްއިން ފެންނާނީ އެކްޓަރު އަބީޝެކް ބައްޗަން

ޕްރޮޑިއުސަރު ނިކިލް އަދްވާނީ އުފައްދާ ތަމަޅަ ފިލްމު "ކޭޑީ"ގެ ރިމޭކްއަށް އެކްޓަރު އަބީޝެކް ބައްޗަން ސޮއިކޮށްފިއެވެ.

މީޑިއާ ރިޕޯޓުތަކާ ޙަވާލާދީ ޚަބަރުތައް ބުނާގޮތުން މިފިލްމަކީ، ކޮމެޑީ ޑްރާމާއެއްގެ މައްޗަށް ބިނާކޮށްގެން އުފައްދާ ފިލްމެކެވެ. މިފިލްމު ގެނެސްދިނުމަށް ހަމަޖެހިފައިވަނީ ޕްރޮޑިއުސަރު ނިކިލްގެ އަމިއްލަ ފިލްމު ކުންފުނި އީމޭ އެންޓަޓެއިންގެ ދަށުންނެވެ. 2019ވަނަ އަހަރު ރިލީޒްވި ފިލްމު "ކޭޑީ"ގެ ރިމޭކްގައި ޑައިރެކްޓަރެއްގެގޮތުގައި މަސައްކަތްކުރާނީ އަސްލު ފިލްމުގެވެސް ޑައިރެކްޓަރު މަދޫމިތާއެވެ.

ފިލްމުގެ މަސައްކަތް މިހާރު ކޮންމެވެސް ވަރަކަށް ފެށިފައިވާއިރު މިފިލްމުގެ ޝޫޓިން މިފެށޭ އަހަރުގެ ޖެނުއަރީ މަހު ފެއްޓުމުގެ ތައްޔާރީތައް ވަމުންދާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މިފިލްމުގެ ވާހަކަ ބިނާކުރެވިފައިވަނީ ކޯމާއަކަށް ގޮސްފައިވާ ޢުމުރުން ދުވަސްވީ މީހަކު ކުއްލިއަކަށް ހޭއަރާ އޭނާގެ ޢާއިލާއިން، އޭނާ މަރާލުމަށް ރާވާރޭވުންތައް ފަޅާއެރުމުން އެކަމުން ސަލާމަތްވުމަށް އެމީހާކުރާ ތަޖުރިބާތަކެވެ. އަދި އަށް އަހަރުގެ ޔަތީމު ފިރިހެން ކުއްޖަކާ ދިމާވެ އެމުސްކުޅި މީހާގެ ދިރިއުޅުން އެކުއްޖާގެ ސަބަބުން ބަދަލުވެގެންދާ މަންޒަރު ފިލްމުގައި ސިފަކޮށްދޭނެއެވެ.

ފިލްމުގެ ސްކްރިޕްޓް އަޑު އެހުމަށްފަހު އެކްޓަރު އަބީޝެކްއަށް ފިލްމުގެ ޕްލޮޓް ވަރަށްބޮޑަށް ކަމުދިޔަކަމަށް ރިޕޯޓުތައް ބުނެއެވެ. ނިކިލްގެ ފިލްމު ކުންފުނިން ރާވާފައިވަނީ، ދެ މަސްދުވަހުގެތެރޭ ފިލްމުގެ ޝޫޓިންގް ޝެޑިއުލް ނިންމާލުމަށްފަހު މިއަންނަ އަހަރުގެތެރޭ ފިލްމު ރިލީޒްކުރުމަށެވެ.

މިހާރަކަށް އައިސް ހިންދީ ފިލްމުތަކުން ވަރަށް މަދުން ފެންނަ އަބީޝެކް ބައްޗަން އެންމެ ފަހުން ފެނުނީ އެމޭޒަން ޕްރައިމްއިން ގެނެސްދިން ވެބް ސީރީސް "ބްރީތް"ގެ ތިން ވަނަ ސީޒަންއިންނެވެ. މިސީރީސްގެ ދެވަނަ ސީޒަންއިންވެސް އަބީޝެކްވަނީ ފެނިފައެވެ. ފަހު ސީޒަންގައި އަބީޝެކް ދައްކައިދިން އެކްޓިންއަށް ގިނަ ބައެއްގެ ތަޢުރީފްލިބި ގިނަ ބަޔަކަށް މިސީޒަން ވަރަށްބޮޑަށްވަނީ ކަމުގޮސްފައެވެ.

comment ކޮމެންޓް