އުކުޅަހުގައި އެމްއެންޑީއެފްގެ ފަރާތުން ފެރޭޑެއް ބާއްވައިފި

އުކުޅަހުގައި އެމްއެންޑީއެފުން މިއަދު ބޭއްވި ޕެރޭޑުގެ ތެރެއިން -- ފޮޓޯ/ އެމްއެންޑީއެފް

އއ. އުކުޅަހުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، (އެމްއެންޑީއެފް) ގެ ފަރާތުން ޕެރޭޑެއް މިއަދު ހަވީރު ބާއްވައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ޕެރޭޑަކީ އުކުޅަހު ކައުންސިލްގެ އެދުމުގެ މަތީން އެރަށުގައި ބޭއްވި ޕެރޭޑެއް ކަމަށެވެ. މި ޕެރޭޑުގެ ހަރަކާތްތައް ކުރިއަށް ދިޔަ ގޮތް، ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ ބައްލަވާލައްވާފައެވެ.

އުކުޅަހުގައި އެންއެންޑީއެފުން މިއަދު ބޭއްވި ޕެރޭޑުގެ ތެރެއިން -- ފޮޓޯ/ އެމްއެންޑީއެފް

މި ޕެރޭޑް ކުރިއަށް ދިޔަ ވަގުތު ޕެރޭޑު ބަލައިލުމަށް ޓަކައި އުކުޅަހު ސުކޫލް ދަރިވަރުންނާއި، އުކުޅަހުގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުން މަގުތަކަށް ނިކުތެވެ. އޭގެތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެއެވެ.

އުކުޅަހުގައި މިއަދު ޕެރޭޑް ކުރިއަށްދިޔަ ވަގުތުގައި އެމްއެންޑީއެފް އާޓްސް އެންޑް ސެރެމޯނިއަލް ސާވިސްގެ މިލިޓަރީ ބޭންޑުގައި ވަނީ ރާގު ކުޅެފައެވެ.

އެމްއެންޑީއެފުން ބުނީ ޕެރޭޑު ހުއްޓާފައިވާ ސަރަހައްދުތަކުގައި ބޭންޑުން ރާގު ކުޅެމުންދިޔައިރު ކުޑަކުދިން ވެސް ބޭންޑާއެކު ބައިވެރިވެ، ތަރުހީބު ދީފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބާއްވާ މިލިޓަރީ ޕެރޭޑަކީ، ވަރަށް ގިނަ ރައްޔިތުންގެ ތަރުހީބު ލިބެމުންދާ، އަދި، އެ ހަރަކާތްތައް ބަލާލުމަށް ބޭނުންވާ ހަރަކާތެކެވެ. މިފަދަ ޕެރޭޑްތައް އާންމުކޮށް ބާއްވަމުންދަނީ މާލޭގައި ނަމަވެސް، ފަހަކަށް އައިސް އަތޮޅުތަކުގެ ރަށްރަށުގައި ޕެރޭޑްތައް ބޭއްވުން ވަނީ އިތުރުކޮށްފައެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި ލީޑާޝިޕުގެ ވިސްނުން ހުރީ، ވަގުތު ލިބުނު ވަރަކުން އެ ފަދަ ހަރަކާތްތައް ޖަޒީރާވަންތަ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންނާ ކައިރިއަށް ގެންގޮސް، ގިނަ ބަޔަކަށް މި ހަރަކާތްތައް ދައްކާލުމެވެ.

comment ކޮމެންޓް