އެމެރިކާ ކަޓުވާލުމަށްފަހު ނެދަލެންޑްސް ކުއާޓާ ފައިނަލަށް

ނެދަލެންޑްސްއާއި ޔޫއެސްއޭ ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕް 2022 ގެ ރައުންޑް އޮފް 16 ގެ ފުރަތަމަ މެޗުގައި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ ބަލިކޮށް، ނެދަލެންޑްސް އިން މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފިއެވެ.

ކުއާޓާގެ ޖާގައެއް ނެދަލެންޑްސްއިން ހޯދިއިރު، އެންމެފަހުން ކުޅުނު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އެ ގައުމު ކޮލިފައިވެފައެއް ނުވެއެވެ. އެހެންނަމަވެސް 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އެޓީމުން ވަނީ މުބާރާތުގެ ތިންވަނަ ހޯދާފައެވެ.

މިފަހަރުގެ މުބާރާތުގެ ރައުންޑް އޮފް 16 އަށް ނެދަލެންޑްސް ކޮލިފައިވީ، ގްރޫޕް ސްޓޭޖުގައި ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެ ގުރޫޕުގައި ދެން ހިމެނެނީ ދެވަނައިގައި އޮތް ސެނެގާލްއާއި ތިންވަނަ ހޯދި އެކުއެޑޯގެ އިތުރުން ފުލުގައި އޮތް ގަތަރެވެ. މި ގުރޫޕުގެ އެއްވަނަ ނެދަލެންޑްސް އިން ހޯދީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް އެއް މެޗު އެއްވަރު ކޮށްލައިގެން ހޯދި ހަތް ޕޮއިންޓާއެކުއެވެ.

ރައުންޑް އޮފް 16 އަށް އެމެރިކާ ދަތުރު ކުރީ ގްރޫޕް ބީގެ ދެވަނަ ހޯދައިގެންނެވެ. އެ ގުރޫޕުގެ އެއްވަނަ ހޯދީ އިނގިރޭސިވިލާތެވެ. އީރާނުން އެ ގުރޫޕުގެ ތިންވަނަ ހޯދިއިރު ފުލުގައި އޮތީ ވޭލްސްއެވެ. އެމެރިކާ ދެވަނަައިގައި އޮތީ ތިން މެޗުން ފަސް ޕޮއިންޓާއެކުއެވެ.

ރައުންޑް އޮފް 16 ގެ މެޗުތައް މިރޭ ފެށިއިރު، ނެދަލެންޑްސް އިން އެމެރިކާގެ މައްޗަށް ކުރިހޯދީ 1-3 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ވަރަށް ކުރީކޮޅުގައި ނެދަލެންޑްސް އިން ވަނީ ލަނޑެއް ޖަހައި ލީޑު ނަގާފައެވެ. ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެމްފިސް ޑިޕާއި އެވެ.

ނެދަލެންޑްސްއާއި ޔޫއެސްއޭ ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޓީމުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މިހާފުގެ އިތުރުވަގުތުގެ ތެރޭގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑޭލީ ބްލިންޑެވެ.

ދެ ލަނޑުގެ ލީޑެއްގައި ނެދަލެންޑްސް އޮތް ނަމަވެސް، އެމެރިކާ ޓީމުން ވަނީ ރަނގަޅު ފައިޓެއް ދީފައެވެ. އެޓީމުގެ ކުޅުންތެރިންނަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، މި ފުރުސަތުތަކުގެ ބޭނުން ފުރަތަމަ ހާފުގައި ހިފިފައެއް ނުވެއެވެ.

ލަނޑެއް ޖެހުމަށް އެމެރިކާއިން ކުރަމުން އައި މަސައްކަތް ކާމިޔާބުވީ، ދެވަނަ ހާފުގައި މެޗުގެ 76 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހާޖީ ރައިޓްއެވެ.

ނެދަލެންޑްސްއާއި ޔޫއެސްއޭ ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

މި ލަނޑާއެކު ނަތީޖާ ހަމަހަމަ ކުރުމުގެ ބޮޑު އުންމީދަކާއެކު ކުޅެމުންދިޔަ އެމެރިކާ މާޔޫސް ކޮށްލީ، 80 ވަނަ މިނެޓުގައި ނެދަލެންޑްސްއިން ތިންވަނަ ލަނޑެއް ޖެހުމުންނެވެ. މިއީ އެމެރިކާގެ އޭރިއާ ތެރޭގައި ޑެންޒެލް ޑަމްފްރީސް މުޅިން ހުސްކޮށް ހުއްޓައި، އޭނާއަށް ބްލިންޑް ނަގައިދިން ހުރަހެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ޑަމްފްރީޒް ޖެހި ލަނޑެކެވެ.

ނެދަލެންޑްސްއާއި ޔޫއެސްއޭ ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

އެމެރިކާގެ މައްޗަށް ހޯދި މޮޅާއެކު މިފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުން ނެދަލެންޑްސް ޖާގަ ހޯދިއިރު، މިއީ އެޓީމުން ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި ކުޅޭނެ ހަތްވަނަ ފަހަރެވެ.

އަދި ދެވަނަ ބުރާ ހަމައިން އެމެރިކާއަށް މުބާރާތް ނިމުނުއިރު، މިއީ އެޓީމަށް އާންމު ގޮތެއްގައި މުބާރާތް ނިންމާލަން ޖެހޭ ހިސާބެވެ. އެގޮތުން އެ ޓީމުން ކުޅުނު 12 ވޯލްޑް ކަޕުގެ ތެރެއިން ފަސް ވޯލްޑް ކަޕު ނިމުނީ ދެވަނަ ބުރުންނެވެ. އެންމެފަހުން އެޓީމުން ވޯލްޑް ކަޕުގައި ކުޅުނު 2014 ވަނަ އަހަރާއި 2010 ވަނަ އަހަރުގައިވެސް މުބާރާތް ނިންމާލީ ރައުންޑް އޮފް 16އާ ހަމައިންނެވެ.

ފީފާ ވޯލްޑް ކަޕް 2022ގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ޖާގަ ނެދަލެންޑްސް އިން ހޯދިއިރު، ކުއާޓާގައި އެޓީމު ނުކުންނާނީ މިރޭ 12 ޖަހާއިރު އާޖެންޓީނާއާއި އޮސްޓްރޭލިއާ ބައްދަލުކުރާ ރައުންޑް އޮފް 16 މެޗުން ކުރިހޯދާ ޓީމަކާ ދެކޮޅަށެވެ.

comment ކޮމެންޓް