މީގެ ކުރިން 58 ފަހަރު ހައްޔަރުކުރި މީހަކުު އޮފީހެއްގެ ތިޖޫރި ފަޅަން ހުއްޓައި އަނެއްކާވެސް އަތުލައިގަނެފިއެވެ.
އައްޑޫ ސިޓީ ފޭދުއަށް ނިސްބަތްވާ އުމުރުން 40 އަހަރުގެ އެ މީހާ މީގެ ފަސް ދުވަސް ކުރިން ހައްޔަރު ކޮށްފައިވަނީ ކޯސްޓްލައިން ކުންފުނީގެ އޮފީސް ތެރެއިންނެވެ.
ވައްކަންކުރުމާއި ހުއްދަނޫން ތަނަކަށް ވަނުމުގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ތުހުމަތު ކޮށްފައިވާ އޭނާގެ ބަންދަށް އެންމެ ފުރަތަމަ އިތުރުކުރީ ފަސް ދުވަހައެވެ. އަދި މިއަދު އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 45 ދުވަސް އިތުރު ކޮށްފައެވެ.
މަގުމަތީގައި ދިރިއުޅެމުންދިޔަ އެ މީހާ ބުނީ އެތަނަށް އޭނާ ވަނީ ނިދަން ކަމަށާއި އަދި އެއީ ގުދަނެއް ކަމަށެވެ.
ނަމަވެސް ފުލުހުން ބުނެފައިވަނީ އެ މީހާ ހައްޔަރު ކޮށްފައިވަނީ ކޯސްޓްލައިންގެ އޮފީސް ތެރެއިން ކަމަށެވެ. އަދި އެތަނުގެ މުވައްޒަފަކު އެ މައްސަލަ ރިޕޯޓްކޮށްފައިވަނީ އޭނާ އެތަނުގެ ތިޖޫރީގައި ތަޅާ އަޑުއިވުމުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން އެ އޮފީހަށް ވަން އިރު 40 އަހަރުގެ މީހާގެ އިތުރުން ތިން މީހަކު ވެސް ހުއްޓެވެ. އެ މީހުންގެ އަތުން ތިޖޫރީ ފެޅުމަށް ބޭނުންކުރާ ޒާތުގެ ސާމާނު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ދެ ދަތްގަނޑާއި ދެ ކަށިގަނޑުގެ އިތުރުން ގްރޭންޑަރަކާއި އޭގެ ދެ ބުރާއި ވަޑާން ކަށްޓެއް ހިމެނެއެވެ.
ކްރިމިނަލް ކޯޓުން ބުނީ އެ މީހާ ވަނީ މީގެ ކުރިން 58 ފަހަރު ހައްޔަރު ކޮށްފައި ކަމަށާއި އޭގެ ތެރެއިން 19 ފަހަރު ބަންދުގެ މުއްދަތު އިތުރު ކޮށްފައިވާ ކަމަށެވެ.