ދިވެހީގެ ނަތީޖާ ރީޗެކް ކުރުމުން އިހަވަންދޫ ސްކޫލްގެ ސައްޔާނަށް އެއްވަނަ

ނަތީޖާ ރީޗެކް ކުރުމުގެ ކުރިން އޯލެވެލް ގަދަ 10 ގައި ހިމެނުނު އިހަވަންދޫ ސްކޫލްގެ ދަރިވަރުން

ދިވެހި މާއްދާ ރީޗެކް ކުރުމުން އިހަވަންދޫ ސްކޫލުގެ ދަރިވަރު މުޙައްމަދު ސައްޔާނަށް އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގެ ގަދަ ދިހައެއްގެ އެއްވަނަ ލިބިއްޖެއެވެ.

ދިވެހި މާއްދާ ރީޗެކް ކުރުމުގެ ކުރިން، އެ މާއްދާއިން ލިބުނު "އޭ" ފާހާއެކު ސައްޔާނަށް ލިބުނީ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގެ ގަދަ ދިހައެއްގެ ދެވަނައެވެ. އޭރު ސައްޔާނުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގެ ޖުމްލަ ނަތީޖާއަކީ ހަތް އޭ ސްޓާ އާއި، އެއް އޭ އެވެ. ނަތީޖާ ރީ ޗެކްކުރަން ފޮނުވުމުން ލިބުނީ އޭ ސްޓާ އެކެވެ. އެއާއެކު ސައްޔާނުއަށް ވަނީ ބައިވެރިވި އަށް މާއްދާއިންވެސް އޭ ސްޓާ ހޯދައި، އޯލެވެލް އިމްތިހާނުގެ ގަދަ ދިހައެއްގެ އެއްވަނަ ކަށަވަރުކޮށްފައެވެ.

ސަންއާ ވާހަކަދައްކަވަމުން އިހަވަންދޫ ސްކޫލުގެ ޕްރިންސިޕަލް އަހުމަދު ރަޝީދު ވިދާޅުވީ، ސައްޔާނުގެ އޯލެވެލް އިމްތިހާން ދިވެހި މާއްދާގެ ނަތީޖާ ލިބުމާއެކު ޓީޗަރުންނާއި އެންމެނަށްވެސް ނަތީޖާ ޤަބޫލުކުރަން އުނދަގޫވިކަމަށެވެ. ސަބަބަކީ ސައްޔާނުއަކީ ކިޔެވުމަށް މޮޅު ހުރިހާ ގްރޭޑެއްގައިވެސް އެންމެ މަތީ ދަރަޖައިން ފާސްވާ ކުއްޖަކަށް ވާތީއެވެ.

"ސައްޔާނުގެ ބެލެނިވެރިންނާއި، ޓީޗަރުންގެ އިތުރުން އޭނާ ވެސް ޔަޤީންކުރޭ އޭ އަށްވުރެ ނަތީޖާ ރަނގަޅުވާނެއޭ. އެއީ އެފެންވަރު ހުރި ދަރިވަރެއް ސައްޔާނުއަކީ. އެންމެފަހުން އެންމެންގެ ހިތުގައި އެ ޝައްކު އޮވެގެން ނަތީޖާ ރީޗެކް ކުރަން ފޮނުވީ. އަލުން ނަތީޖާ ލިބުނުއިރު ސައްޔާނުއަށް މި ލިބުނީ ދިވެހިން އޭ ސްޓާއެއް،" އިހަވަންދޫ ސްކޫލްގެ ޕްރިންސިޕަލް އަހުމަދު ރަޝީދު ވިދާޅުވިއެވެ.

ސައްޔާނުއާ ބެހޭގޮތުން އިހަވަންދޫ ސްކޫލްގެ ޕްރިންސިޕަލް އެންމެ ފުރަތަމަވެސް ވިދާޅުވީ އޭނާ އަކީ އަޚްލާގީގޮތުން އެއްވަނަ ކަމަށެވެ. އެއީ ދީނަށް ލޯބިކުރާ، ދީނީ ވާޖިބުތައް އަދާކުރުމުގައި ނަމޫނާ އެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމާދުތަކަށް ރައްކާތެރިވާ ދަރިވަރެެއް ކަމަށް ވެސް ޕްރިންސިޕަލް ވިދާޅުވިއެވެ.

ޕްރިންސިޕަލް ވިދާޅުވިގޮތުގައި ސައްޔާނުއަކީ ކިޔެވުމަށް ތޫނުފިލި، ކިޔަމަންތެރި އަދި އެހެންމީހުނަށްވެސް އިހުތިރާމްކުރާ ނަމޫނާ ދަރިވަރެކެވެ. ކިޔެވުމުގެ އިތުރުން ސްކޫލްގެ ހަރަކާތްތަކުގައިވެސް ފާހަގަކޮށްލެވޭ ދަރިވަރެކެވެ.

އިހަވަންދޫ ސްކޫލުން އޯލެވެލް ހެދުމަށްފަހު ސައްޔާން މިހާރު އޭލެވެލަށް ކިޔަވަމުން އަންނަނީވެސް ހަމަ އެ ސްކޫލުންނެވެ. އިހަވަންދޫ ސްކޫލަކީ ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނުތަކުންވެސް ފާހަގަކޮށްލެވޭ ފަދަ ނަތީޖާތަކެއް ހޯދާ ސްކޫލެކެވެ. މިގޮތުން މިދިޔަ އަހަރު ސައްޔާނުގެ އިތުރުން އަށް ދަރިވަރަކު ވަނީ އޯލެވެލް އިމްތިހާނުގެ ގަދަ 10 ގައި ހިމެނިފައެވެ.

އިހަވަންދޫ ސްކޫލްގެ ޕްރިންސިޕަލް އަހުމަދު ރަޝީދު ވިދާޅުވީ ސްކޫލުގެ ތައުލީމީ ކަންކަން ހަރުދަނާކުރުމަށް ޓީޗަރުންނާ ގުޅިގެން އިހަވަންދޫ ރައްޔިތުން ކުރަމުންގެންދާ މަސައްކަތްތަކަކީ ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއްކަމަށެވެ. މިގޮތުން ސްކޫލަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގައި ދަރިވަރުންގެ ބެލެނިވެރިންގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމެއް ލިބެމުން އަންނަކަން ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް