މިއީ ހަ ބައްރުގެ ޓީމުތައް ދެވަނަ ބުރުގައި ފެންނާނެ ފުރަތަމަ ވޯލްޑް ކަޕް

ކޮލިފައިވެފައިވާ ޓީމުތައް ---

ފީފާ ވޯލްޑް ކަޕް 2022 ގަތަރުގައި ބާއްވާއިރު މި މުބާރާތުގައި ހުރި ތަފާތު އެތައް ކަމެއްގެ ވާހަކަތައް މީގެކުރިން ވެސް "ސަން" އިން ގެނެސްދީފައިވާނެއެވެ.

އެގޮތުން މިފަހަރުވެސް މި ގެނެސްދެނީ، މީގެކުރިން ވޯލްޑް ކަޕެއްގައި ހިނގާފައިނުވާ ތަފާތު ކަމެއްގެ ވާހަކައެވެ.

މި މުބާރާތް ހިމެނޭހެން ވޯލްޑް ކަޕުގެ 22 މުބާރާތެއް މިހާތަނަށް ބާއްވާފައިވެއެވެ. އާންމުކޮށް ޔޫރަޕުގެ ގައުމުތަކާއި ސައުތު އެމެރިކާ ބައްރަށް ނިސްބަތްވާ ގައުމުތަކުން ޑޮމިނޭޓު ކުރާ މި މުބާރާތުގެ އެންމެ ގިނަ ފަހަރަށް ކާމިޔާބު ކޮށްފައި ވަނީ ބްރެޒިލް އިންނެވެ. ދެވަނައަށް އެންމެ ގިނަ ވޯލްޑް ކަޕް ކާމިޔާބު ކޮށްފައި ވަނީ ޔޫރަޕުން މުބާރާތުގައި ވާދަކުރާ ޖަރުމަނެވެ.

މި ފަހަރު ވޯލްޑް ކަޕް ގަތަރުގައި ބާއްވާއިރު މިއީ ތާރީޚުގައިވެސް މެދު އިރުމަތީގެ ގައުމެއްގައި ބާއްވާ ފުރަތަމަ ވޯލްޑް ކަޕެވެ. އަދި އޭޝިއާ ބައްރުގެ ގައުމެއްގައި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. މީގެކުރިން 2002 ވަނަ އަހަރު ސައުތު ކޮރެއާއާއި ޖަޕާނުން، ދެ ގައުމު ގުޅިގެން ވޯލްޑް ކަޕް ހޯސްޓް ކޮށްފައިވެއެވެ.

މިއާއެކު މި ފަހަރުގެ ވޯލްޑް ކަޕަކީ އޭޝިއާގެ ގައުމުތަކަށް ހާއްސަ މުބާރާތަކަށް ވަނީ ވެފައެވެ.

އޭއެފްސީގެ ތިން ގައުމެއް ދެވަނަ ބުރުގައި ފުރަތަމަ ފަހަރަށް

އޭއެފްސީ ތަމްސީލުކުރާ ތިން ގައުމުގެ ތިން ކުޅުންތެރިން --ފޮޓޯ/ލައިވްސްކޯ

ކުރިންވެސް ފާހަގަކުރިހެން މި ފަހަރުގެ ވޯލްޑް ކަޕަކީ އޭޝިއާ އަށް ހާއްސަ ވޯލްޑް ކަޕެކެވެ. އޭޝިއާގެ ގައުމެއްގައި ވޯލްޑް ކަޕް ކުޅުމުގެ އިތުރުން މި ފަހަރުގެ މުބާރާތުގައި އޭޝިއާގެ ޓީމުތަކުން ދައްކަމުން އަންނަ މޮޅު ކުޅުމަށް ގިނަ ބައެއްގެ ތައުރީފު އަންނަނީ ލިބެމުންނެވެ.

ދެވަނަ ބުރުން ޖާގަ ނުލިބުނު ނަމަވެސް، ސައުދީ އަރަބިއްޔާއިން ފުޓުބޯޅައިގެ ގަދަބާރު އާޖެންޓީނާގެ މައްޗަށް ހޯދި މޮޅަކީ ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ. މީގެއިތުރުން ޖަޕާނުން ޖަރުމަނާއި ސްޕެއިން އަތުން ހޯދި މޮޅާއި، ސައުތު ކޮރެއާއިން ޕޯޗުގަލް ބަލިކުރުމަކީވެސް މި ބައްރުގެ ފުޓުބޯޅަ ކުރިއަރައިގެން ގޮސްފައިވާ ކަމުގެ ހެއްކެއްކަމަށް ފުޓުބޯޅަ މަސްރަހު ދިރާސާކުރާ ތަޖުރިބާކާރުން ބުނެއެވެ.

އެ ޓީމުތަކުން ދެއްކި މޮޅު ކުޅުމާއެކު އޭއެފްސީ ނުވަތަ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަންގެ ދަށުގައިވާ ތިން ޓީމެއް ދެވަނަ ބުރަށް މިވަނީ ދަތުރުކޮށްފައެވެ. އެއީ ޖަޕާނާއި ސައުތު ކޮރެއާ އެވެ.

އޮސްޓްރޭލިއާ އަކީ އޭއެފްސީގައި ހިމެނޭ ގައުމެއް ނަމަވެސް، އެ ގައުމަކީ ވަކި ބައްރެއްގެ ގޮތުގައި އޮންނަ ގައުމެކެވެ.

އެފްރިކާގެ ދެ ގައުމެއް ދެވަނަ ބުރަށް ދަތުރުކުރި ދެވަނަ ފަހަރު

މި ފަހަރުގެ މުބާރާތުގައި އެފްރިކާގެ ގައުމުތަކުން ވެސް ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކެމަރޫނުން ބްރެޒިލް މައްޗަށް ހޯދި މޮޅަކީވެސް ވޯލްޑް ކަޕުގެ ތާރީހުގައިވެސް އެފްރިކާ ބައްރުގެ ޓީމަކުން ބްރެޒިލް ބަލިކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. މީގެއިތުރުން މި ފަހަރުގެ ވޯލްޑް ކަޕުގައި މޮރޮކޯއާއި ސެނެގާލް ދެވަނަ ބުރަށް ދަތުރުކުރިއިރު، މިއީ މުބާރާތުގެ ތާރީހުގައިވެސް އެފްރިކާ ބައްރުގެ ދެ ޓީމެއް ދެވަނަ ބުރަށް ދަތުރުކުރި ދެވަނަ ފަހަރެވެ.

ޔޫރަޕުގެ އަށް ގައުމަކަށް ދެވަނަ ބުރުން ފުރުސަތު ލިބުނު

މުބާރާތުގެ ރައުންޑް އޮފް 16 އަށް ދެން ދަތުރުކުރި 11 ޓީމުގެ ތެރެއިން އަށް ޓީމު ނިސްބަތްވަނީ ޔޫރަޕަށެވެ. އެއީ ނެދަލެންޑްސް، ފްރާންސް، ޕޮލެންޑް، އިންގްލެންޑް، ކްރޮއޭޝިއާ، ސްޕެއިން، ސްވިޒަލެންޑް އަދި ޕޯޗުގަލް އެވެ.

ޔޫރަޕަކީ ވޯލްޑް ކަޕުގައި އެންމެ ކާމިޔާބު ބައްރެވެ. އެ ބައްރުގެ ގައުމުތަކުން ޖުމްލަ 11 ވޯލްޑް ކަޕެއް ކާމިޔާބު ކޮށްފައިވެއެވެ. އޭގެ ތެރެއިން ޖަރުމަނުވިލާތުން ހަތަރު ފަހަރު އަދި އިޓަލީން ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވެއެވެ.

ސައުތު އެމެރިކާ ބައްރުން އަދި ނޯތު އެމެރިކާ ބައްރުން ތިން ޓީމެއް ދެވަނަ ބުރަށް

ސައުތު އެމެރިކާ އަކީ މިހާތަނަށް ބޭއްވި 21 ވޯލްޑް ކަޕުގެ ތެރެއިން ދެވަނައަށް އެންމެ ގިނަ މުބާރާތް ކާމިޔާބުކުރި ބައްރެވެ. އެ ބައްރުން ތިން ގައުމެއް ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވެއެވެ. އެގޮތުން މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، ބްރެޒިލް އިން ފަސް ފަހަރަށް މުބާރާތް ކާމިޔާބު ކޮށްފައިވާއިރު، އާޖެންޓީނާއާއި ޔުރުގުއާއި އިން ވަނީ ކޮންމެ ޓީމެއް ދެ ފަހަރަށް މި މުބާރާތް ކާމިޔާބު ކޮށްފައެވެ. ޖުމްލަ ނުވަ ވޯލްޑް ކަޕެއް އެ ބައްރުގެ ޓީމުތަކުން އުފުލާލާފައިވެއެވެ.

ސައުތު އެމެރިކާ ބައްރުން މިފަހަރުގެ ވޯލްޑް ކަޕުގެ ދެވަނަ ބުރުގައި ދެ ޓީމެއް ވާދަކުރާނެއެވެ. އެއީ އާޖެންޓީނާއާއި ބްރެޒިލްއެވެ.

ނޯތު އެމެރިކާ ބައްރުން ރައުންޑް އޮފް 16 ގައި ކުޅޭނީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ (ޔޫއެސްއޭ) އެކަންޏެވެ

ރައުންޑް އޮފް 16 --ފޮޓޯ/ބީއާރް

މުބާރާތުގެ ރައުންޑް އޮފް 16ގެ މެޗުތައް ފަށާނީ މިރޭ 20:00 ގައެވެ.

ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ނެދަލެންޑްސްއާއި ޔޫއެސްއޭ އެވެ. އަދި މިރޭ 12:00 ގައި އާޖެންޓީނާއާއި އޮސްޓްރޭލިއާ ބައްދަލުކުރާނެއެވެ.

ދެވަނަ ބުރުގެ ތިންވަނަ މެޗުގައި މާދަމާރޭ 8 ޖަހާއިރު ފްރާންސާއި ޕޮލެންޑް ބައްދަލުކުރާއިރު، މާދަމާރޭ 12 ޖަހާއިރު ކުޅެނީ އިންގްލެންޑާއި ސެނެގާލްއެވެ.

އެއަށްފަހު ހޯމަ ދުވަހުގެރޭ 8 ޖަހާއިރު ކުޅޭނީ ޖަޕާނާއި ކްރޮއޭޝިއާއެވެ. އެރޭ 12 ޖަހާއިރު ބްރެޒިލްއާއި ސައުތު ކޮރެއާގެ ކުރިމަތިލުން ފެންނާނެއެވެ.

ރައުންޑް އޮފް 16ގެ ފަހު މެޗުތައް ކުޅޭނީ އަންގާރަ ދުވަހުގެރެއެވެ. އެރޭ 8 ޖަހާއިރު މޮރޮކޯއާ ދެކޮޅަށް ސްޕެއިން ނުކުންނައިރު މި ބުރުގެ ފަހު މެޗުގައި ޕޯޗުގަލްއާއި ސްވިޒަލެންޑުގެ ކުރިމަތިލުން ފެންނާނެއެވެ.

comment ކޮމެންޓް