ރައީސް ޞާލިހް ވެރިކަން ކުރައްވަނީ ރައްޔިތުން ބޭނުންވިގޮތާ ޚިލާފަށް: ނަޝީދު

ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ ވޯޓަށް އެހުމަށް އެމްޑީޕީން ވައުދުވި ނަމަވެސް، މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވެރިކަން ހިންގަވަނީ ރައްޔިތުން ބޭނުންވާ ގޮތާ ޚިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރައީސް ނަޝީދު އިއުލާން ކުރައްވާފައިވާއިރު، އިއްޔެ އެމަނިކުފާނު ވަނީ ގދ. ތިނަދުއަށް ވަޑައިގެންފައެވެ.

އެގޮތުން ރޭ ތިނަދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ނިޒާމީ ވޯޓަކަށް ނުގޮސް ވެރިކަން ހިންގެވުމަކީ ރައީސް ޞާލިހް ހައްދަވާ "ވަރަށް ބޮޑު ގޯހެއް" ކަމަށާއި، މިހާރު ވެރިކަން ހިންގަވާ ގޮތުގައި ބައިވަރު ދެކޮޅު ނުޖެހުން އެބަހުރި ކަމަށެވެ.

އެމަނިކުފާނު ވަނީ ރައްޔިތުން ނިންމި ގޮތަށް އަމަލުކުރައްވައި ނިޒާމީ ވޯޓެއް ނެންގެވުމަށް ރައީސް ޞާލިހްގެ އަރިހުން އެދިވަޑައިގެންފައެވެ.

ރައްޔިތުން ނިންމާ ގޮތަށް އެ ވެރިކަން އުފައްދާށޭ މި ދަންނަވަނީ. ރައްޔިތުން ނިންމާ ގޮތަށް ސަރުކާރު އެކުލަވާލެވެން ޖެހޭނީ. އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ އަރިހުގައި ދެންނެވިން ރައީސްއޭ ވެރިކަން ފައްޓަވާފައި މިކަމަށް އިސްކަން ދެއްވުމަށް އަޅުގަނޑު ވަރަށް އެދެމޭ. މީގަ ވަރަށް ގިނަ ދެކޮޅު ނުޖެހުން އެބަހުރި. އެ ދެކޮޅު ނުޖެހުން އެންމެ ފަހުން ނަތީޖާ ކުރަނީ އަޅުގަނޑުމެންގެ ތަރައްގީއަށް އެޅޭ ހުރެހެއްގެ ގޮތުގަ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

މީގެއިތުރުން، އެމްޑީޕީ ވެރިކަމަށް އަންނަތާ 18 މަސްދުވަސް ތެރޭ ނިޒާމާ ބެހޭ ވޯޓެއް ނެގުމަށް ކޯލިޝަނުން އެއްބަސްވި މެނިފެސްޓޯގައި ހިމަނާފައިވާކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ވެވުނު ވައުދު ފުއްދުމަށް ވޯޓަށް ނާހައި، ރައްޔިތުންގެ ގާތުން އިތުރު ވާހަކައެއް އަހަން އުޅުމަކީ ބުުއްދިވެރި ކަމެއް ނޫން ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އާސްކް ސްޕީކާ ޕްރޮގްރާމްގައިވެސް ރައީސް ނަޝީދު ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް، ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާއިރު، ބަރުލަމާނީ ނިޒާމު ގެންނަން ރައީސް ނަޝީދު ފިޔަވައި އެހެން ހުރިހާ ސިޔާސީ ލީޑަރުން މިހާރު ދެކޮޅު ހައްދަވައެވެ.

ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ރިޔާސީ ޕްރައިމަރީ ބާއްވާނެ ވަކި ތާރީޚެއް އަދި އިއުލާން ކޮށްފައިނުވާ އިރު، ރިޔާސީ އާ ދައުރެއް ހޯއްދެވުމަށް ރައީސް ޞާލިހްވެސް އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.

comment ކޮމެންޓް