އިގްތިސާދު އަންނަނީ ރިކަވާވަމުން، ޖީޑީޕީ ކުރިއެރުމުގައި ޓޫރިޒަމްގެ ދައުރު ބޮޑު: އެމްއެމްއޭ

އޮގަސްޓް 11، 2021: ފަތުރުވެރިން ރާއްޖެ އައުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ވެސް ރާއްޖޭގެ އިގްތިސާދު ރިކަވާވަމުން އަންނަކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭއިން ބުނެފިއެވެ.

މި އަހަރުގެ ތިންވަނަ ކުއާޓަރުގެ އިގްތިސާދީ ހަލާތާ ގުޅޭ އެމްއެމްއޭގެ ރިޕޯޓުގައިވަނީ އޮފް ޕީކް ސީޒަން އައި ނަމަވެސް އެކަމުގައި ފަތުރުވެރިކަން މުހިންމު ދައުރެއް އަދާކުރާކަމަށެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތް ވެސް ރަނގަޅު މިންވަރެއްގައި ކުރިއަރަމުން އަންނަކަމަށް އެ ރިޕޯޓްގައިވެއެވެ.

އެގޮތުން މި އަހަރުގެ ތިންވަނަ ކުއާޓަރުގައި މިދިޔަ އަހަރަށް ވުރެ ފަސް ޕަސެންޓު އިތުރަށް ފަތުރުވެރިންވަނީ ރާއްޖެ އައިސްފައެވެ.

އެހެންނަމަވެސް ކޮވިޑުގެ ކުރިން 2019ގެ ތިންވަނަ ކުއާޓަރާ އަޅައި ކިޔާއިރު އަދިވެސް ތިން ޕަސެންޓު ދަށެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ޖީޑީޕީ ކުރިއެރުމުގައި ފަތުރުވެރިކަން 10.4 ޕަސެންޓު ހިއްސާކުރެއެވެ.

މަސްވެރިކަމުގެ ސިނާއަތަށް ބަލާއިރު މި އަހަރުގެ ތިންވަނަ ކުއާޓަރުގައި 14،452 މެޓްރިކް ޓަނުގެ މަސްވަނީ ކިރައިފައެވެ. އެހެންނަމަވެސް އެއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅައި ކިޔާއިރު 19 ޕަސެންޓު ދަށްވުމެކެވެ.

އެމްއެމްއޭގެ ރިޕޯޓުގައިވާ ގޮތުން ދަށްވުމެއް އަންނަން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ 53 ޕަސެންޓުން ރީނދޫ އުރަހަ ކަންނެލި ގަތް އަދަދު މަދުވުމެވެ. ހަމައެއާއެކު ކަޅުބިލަ މަހުގެ އަދަދު ވެސް ފަސް ޕަސެންޓުން ވަނީ މަދުވެފައެވެ.

މީގެ މައިގަނޑު ސަބަބަކީ މަސް ގަންނަ ކުންފުނިތަކުން މަސް ކިރި އަދަދު މަދުވުމެވެ.

އެހެންނަމަވެސް ރާއްޖޭގައި އެތެރޭގެ މާކެޓުގައި މަހުގެ އަގުވަނީ ކޮންމެވެސް މިންވަރަކަށް އުފުލިފައެވެ.

އެމްއެމްއޭއިން ބުނީ މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ތެރޭ މުއާސަލާތީ ޚިދުމަތްތަކާއި، ހޯލްސޭލް އަަދި ރީޓެއިލް ޓްރޭޑު ކުރިއަރައިފައިވާކަމަށެވެ. ހަމައެއާއެކު މުއާސަލާތީ ޚިދުމަތްތަކާއި އިމާރާތްކުރުމުގެ ދާއިރާ ވެސް އިތުރަށް ކުރިއަރައިފައިވާކަމަށް އެ ރިޕޯޓްގައިވެއެވެ.

މީގެ އިތުރުން ގައުމުގެ އެތެރޭގެ އިންފްލޭޝަން މަތިވުމުގައި އެންމެ ބޮޑު ހިއްސާއެއް އޮތީ ކާބޯތަކެތީގެ ބާވަތްތަކުގެ އަގު އުފުލުންކަމަށް ވެސް އެމްއެމްއޭގެ ރިޕޯޓުގައިވެއެވެ.

އެހެން މެދުވެރިވީ ދުނިޔޭގައި ވެސް ހަކަތައާއި ކާބޯތަކެތީގެ އަގު އުފުލެމުން އައުމުންނާއި، ޔޫކްރެއިން ހަނގުރާމަ ވެސް ހިނގަމުން އަންނަ މި ދަނޑިވަޅުގައި ޑިމާންޑާ އެއްވަރަށް ސަޕްލައިނުކުރެވޭތީކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ،

ސަރުކާރުގެ ޚަރަދުތަކަށް ބަލާއިރު މި އަހަރުގެ ދެވަނަ ކުއާޓަރުގައި 8.5 ބިލިއަން ރުފިޔާވަނީ ރިކަރެންޓު ޚަރަދުތަކަށް ހޭދަކޮށްފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު ޕަސެންޓެއް ޚަރަދުކުރީ މުސާރައާއި އިނާޔަތްތަކަށެވެ. އެއީ 34 ޕަސެންޓެވެ.

ސަބްސިޑީ ދިނުމަށް 14 ޕަސެންޓު ހޭދަކުރިއިރު، އިދާރީ ކަންކަމަށާއި އެހެނިހެން ޚަރަދުތަކަށް 11 ޕަސެެންޓު ހޭދަކުރިއެެވެ. އާސަންދައަށާއި ޕެންޝަނަށް، ކޮންމެ ކަމަކަށް ހަ ޕަސެންޓުވަނީ ހޭދަކޮށްފައެވެ.

އެމްއެމްއޭއިން ބުނީ ޚަރަދުތައް އިތުރުވީ ހިންގުމުގެ ޚަރަދުތައް ބޮޑުވުމުންކަމަށެވެ.

އަދި ރާއްޖޭގެ ޚަރަދުތައް ބޮޑުވުމާއި ދުނިޔޭގެ އިގްތިސާދަށް އަންނަ ހީނަރުކަމާ ކޮންމެވެސް ގުޅުމެއް އޮތް އެއިރު އެއީ ބަޖެޓަށް އަންނާނެ އިތުރު ބުރައެއްގެ ގޮތުގައި ވެސް އެމްއެމްއޭގެ ރިޕޯޓުގައިވެއެވެ.

ހަމައެއާއެކު ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އެޅުން ލަސްވުން ވެސް ވަނީ ކަންބޮޑުވުމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް