ފީފާއިން ބުނަނީ ޖަޕާނުން ޖެހީ ސައްޙަ ލަނޑެއް ކަމަށް

ފޮޓޯ/ފީފާ ---

ފީފާ ވޯލްޑް ކަޕުގެ ގްރޫޕް އީގެ ފަހު ދެމެޗުގެ ތެރެއިން ޖަޕާނާއި ސްޕެއިން ބައްދަލުކުރި މެޗުގައި، ގިނަ ބަޔަކު ސުވާލު އުފައްދަމުން އަންނަ ޖަޕާނުގެ ދެވަނަ ލަނޑަކީ، ސައްޙަ ލަނޑެއް ކަމަށް ފީފާއިން ބުނެފިއެވެ.

ޖަޕާނުން މެޗުގައި ދެވަނަ ލަނޑު ޖެހިއިރު، އެ ލަނޑު ޖެހުމަށް ހުރަސް ނަގައިދިން މިޓޮމާ، އެ ބޯޅަ ހުރަސް ކުރީ ލައިނުން ބޭރަށް ބޯޅަ ދިޔަފަހުން ކަމަށް ސްޕެއިންގެ ކުޅުންތެރިންނާއި، ދުރާއި ގާތުން މެޗު ބެލި އެތައް ބަޔަކު ދަނީ ބުނަމުންނެވެ. އެންމެފުރަތަމަ މެޗުގެ އެސިސްޓަންޓް ރެފްރީ ވެސް ނިންމީ މިޓޮމާ ބޯޅަ ހުރަސް ކޮށްދިނީ އެ ބޯޅަ ލައިނުން ބޭރުވި ފަހުން ކަމަށެވެ. އެހެންނަމަވެސް ރެފްރީ ވަނީ ވީއޭއާރުގެ އެހީ ހޯދައި، މިއީ ސައްޙަ ލަނޑެއްކަމަށް ބަލައިގެންފައެވެ.

ފޮޓޯ/ފީފާ ---

މިއާއެކު މެޗަށްފަހު އެކި ފަރާތްތަކުން މީސްމީޑިއާގައި މި ލަނޑުގެ ރީޕްލޭ ވީޑިއޯތައް ހިއްސާކޮށް، އެ މީހަކަށް ފެންނަ ރައުޔެއް ނެރުނެވެ. އެއްބަޔަކު ނިންމީ މިއީ ސައްޙަ ލަނޑެއް ކަމަށެވެ. އަނެއްބަޔަކު ނިންމީ މިޓޮމާ ހުރަސް ނެގުމުގެ ކުރިން ބޯޅަ ބޭރުވި ކަމަށެވެ.

މިކަމުގެ ބަހުސް ފެށި، އެންމެންގެ ސަމާލުކަމަށް މިކަން އައިސްފައި ވަނިކޮށް، ފީފާއިން މިވަނީ މި ލަނޑަކީ ސައްޙަ ލަނޑެއް ކަމަށް ނިންމިގޮތުގެ ތަފްޞީލް ހާމަކޮށްފައެވެ.

ދެ ވީޑިއޯއެއް އާންމުކޮށް ފީފާއިން ބުނީ، 1-2 ގެ ނަތީޖާއަކުން ޖަޕާން މޮޅުވި މި މެޗުގައި އެޓީމުން ޖެހި ދެވަނަ ލަނޑުގެ ސައްޙަ ކަމާއިމެދު ސުވާލު އުފެދުމުން، މެޗުގައި ހަރަކާތްތެރިވި ވާޗުއަލް އެސިސްޓަންޓް ރެފްރީންގެ (ވީއޭއާރް) ޓީމުން، ބޯޅަ ބޭރުވިތޯ ބެލި ކަމަށެވެ.

އަދި އެ ޓީމުން ގޯލް ލައިން ކެމެރާ އިން ރެކޯޑު ކުރި މަންޒަރުތަކުގެ އަލީގައި ބެލީ، ބޯޅައިގެ އެއްވެސް މިންވަރެއް ލައިނަށް އަރާފައިވޭތޯ ކަމަށް ފީފާއިން ބުނެފައިވެއެވެ.

މީގެއިތުރުން ފީފާއިން ވަނީ، މިޓޮމާ ބޯޅަ ހުރަސްކުރިއިރު، މުޅި ބޯޅަ އެއްކޮށް ލައިނުން ބޭރު ނުވާކަން ކަށަވަރުކޮށްދޭ ކަމަށް ބުނެފައެވެ. އަދި އެކިއެކި އޭންގަލް ތަކުން ބަލާއިރު، މިކަމުގެ ހަގީގަތް އޮޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ފީފާގެ ނިންމުމަކީ ސައްޙަ ނިންމުމެއްކަން ސާބިތު ކޮށްދިނުމަށް މީސްމީޑިއާގައި ވެސް ބައެއް ފަރާތްތަކުން އަންނަނީ އެކަމުގެ ހެކިތައް ދައްކައިދޭ ފޮޓޯތައް އާންމު ކުރަމުންނެވެ.

މީސްމީޑިއާގައި އާންމުކޮށްފައިވާ ފޮޓޯއެއް --

ޖަޕާނުން ޖެހި މި ލަނޑުގެ ވާހަކައިގެ އަޑު ގަދަވެފައި ވަނީ، މި ލަނޑުގެ ސަބަބުން މުބާރާތުގެ ދެވަނަ ބުރަށް ޖަޕާން ކޮލިފައިވެ، ހަނި ތަފާތަކުން ޖަރުމަނަށް ގްރޫޕް ސްޓޭޖާއި ހަމައިން މުބާރާތް ނިންމާލަން ޖެހުމުންނެވެ.

މިއީ ލަނޑެއް ކަމަށް ބަލައި ނުގަނެ، ހަމަހަމަ ނަތީޖާއެއްގައި ސްޕެއިނާއި ޖަޕާނު ބައްދަލުކުރި މެޗު ނިމުނުނަމަ، ޖަޕާނުގެ ބަދަލުގައި ދެވަނަ ބުރުގެ ޖާގަ ލިބޭނީ ޖަރުމަނަށެވެ. އަދި މި ތިން ޓީމާއި ކޯސްޓަ ރިކާ ހިމެނޭ ގުރޫޕުގެ އެއްވަނަ ލިބޭނީ ސްޕެއިންއަށެވެ. މިހާރު އެއްވަނަ ލިބެނީ ޖަޕާނަށެވެ.

ރައުންޑް އޮފް 16 ގައި ޖަޕާން ވާދަކުރާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ. ސްޕެއިން ބައްދަލުކުރާނީ މޮރޮކޯއާ ދެކޮޅަށެވެ.

މުބާރާތުގައި ބޭނުންކުރާ އެޑިޑާސްގެ އަލް ރިހްލާ ބޯޅަ --ފޮޓޯ/އެޑިޑާސް

ވީއޭއާރާއި ގޯލް ލައިން ކެމެރާ އިމޭޖް ނޫނަސް، ޓެކްނޮލޮޖީގެ ގޮތުން އެތައް ކުރިއެރުންތަކެއް މިފަހަރުގެ ވޯލްޑް ކަޕުގައި ފެނެއެވެ. އެގޮތުން މުބާރާތުގެ މެޗުތަކުގައި ބޭނުންކުރާ ބޯޅަ، އެޑިޑާސް އިން ފަރުމާ ކޮށްފައި ވަނީ ހާއްސަ މޯޝަން ސެންސާ އަކާއި އެކުއެވެ. ޕޯޗުގަލް އިން އުރުގުއާއިއާ ދެކޮޅަށް ކުޅުނު މެޗުގައި ބްރޫނޯ ފެރްނާންޑޭޒް ނެގި ހުރަހަކުން ވަން ގޯލަކީ، ކްރިސްޓިއާނޯ ރޮނާލްޑޯގެ ބޮލުގައި ނުޖެހި ވަން ގޯލެއްކަންވެސް މި މޯޝަން ސެންސާގެ އެހީގައި ވަނީ ދެނެގަނެފައެވެ.

ފޮޓޯ/ފީފާ ---

މީގެއިތުރުން ކުޅުންތެރިން އޮފްސައިޑުވޭތޯ ދެނެގަތުމަށް ފުޓުބޯޅައިގައި މުޅިން އަލަށް، ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ޓެކްނޮލޮޖީ ވެސް މިފަހަރުގެ ވޯލްޑް ކަޕުގައި ބޭނުންކުރެއެެވެ. މި ޓެކްނޮލޮޖީގެ އެހީގައި ކުޅުންތެރިންގެ 29 ޓޭޑާ ޕޮއިންޓު ތަކެއް ދެނެގަނެ، އޭގެ އެހީގައި 3ޑީ އެނިމޭޝަނެއްވެސް ތައްޔާރު ކުރެއެވެ. މިއީ މިފަހަރުގެ ވޯލްޑް ކަޕުގައި ރެފްރީންނަށް އޮފްސައިޑު ދެނެގަތުމަށް ވަރަށް ފަސޭހަވި ކަމަކަށް ވަނީ ވެފައެވެ.

comment ކޮމެންޓް