ރޯހިތް ޝެޓީގެ ފިލްމު "ސިންގަމް އެގެއިން" އިޢުލާނުކޮށްފި

ޕްރޮޑިއުސަރު ރޯހިތް ޝެޓީގެ ކާމިޔާބު އެކްޝަން ފިލްމު ސިލްސިލާ "ސިންގްހަމް"ގެ ތިން ވަނަ ބައި އިޢުލާނުކޮށްފިއެވެ. ޓްރޭޑް އެނަލިސްޓް ތަރަން އާދަޝް އަމިއްލަ ޓްވިޓާގައި މިޚަބަރު އިޢުލާނުކުރަމުން ބުނެފައިވަނީ، މިއީ އަޖޭ ދޭވްގަންއާއި ޕްރޮޑިއުސަރު ރޯހިތް ޝޭޓީގެ އެންމެ ކާމިޔާބު އެއް ފްރެންޗައިޒްކަމުގައެވެ.

ރޯހިތް ޝެޓީގެ ފިލްމު "ސޫރްޔަވަންޝީ"ގައި އަޖޭ ދޭވްގަން ކެމޯ ސީންއަކުން ސިންގްހަމް ކެރެކްޓާގައި ފެނުމުންވެސް "ސިންގްހަމް"ގެ އިތުރު ބައެއް ނެރުމުގެ ސިގްނަލެއްކަމަށް އޭރު މީޑިއާތަކުންވަނީ ސިފަކޮށްފައެވެ. އެހެންނަމަވެސް އެއްވެސް ފަރާތަކުން އޭރު އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ރޯހިތްގެ ފިލްމު "ސިންގްހަމް" އެންމެ ފުރަތަމަ ރިލީޒްވެފައިވަނީ 2011ވަނަ އަހަރުއެވެ. އޭގެފަހުން މިސިލްސިލާގެ ދެވަނަ ފިލްމު "ސިންގްހަމް ރިޓާންސް" ރިލީޒްކުރެވުނީ 2014ވަނަ އަހަރުއެވެ. މި ދެ ފިލްމަކީވެސް ރޯހިތް ޝެޓީ ޑައިރެކްޓްކޮށްފައިވާ ދެ ފިލްމެވެ. "ސިންގްހަމް ރިޓާންސް"ގައި ރޯހިތް ޕްރޮޑިއުސަރެއްގެގޮތުގައިވެސް މަސައްކަތްކޮށްފައިވާއިރު އަޖޭވެސްވަނީ ފިލްމުގައި ޕްރޮޑިއުސަރެއްގެގޮތުގައި މަސައްކަތްކޮށްފައެވެ. ވަރަށް ވަރުގަދަ އެކްޝަން ސީންތަކާއެކު އުފައްދާ މިސިލްސިލާގެ މިފަހަރުގެ ބައިގައި އަލިއަޅުވާލާނީ ޓެރަރިޒަމްއާ ގުޅުންހުރި ހާދިސާއަކަށްކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމު "ސިންގްހަމް އެގެއިން"ގެ ޝޫޓިންގް ފަށާނެ ވަކި ތާރީޚެއް އަދި އެއްވެސް ފަރާތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ޓްރޭޑް އެނަލިސްޓް ތަރަން އާދަޝް ބުނެފައިވަނީ މިފިލްމަށް އަޖޭ ތައްޔާރުވާނީ މިހާރު އެކްޓަރު މަސައްކަތްކުރަމުން އަންނަ ފިލްމު "ބޯލާ"ގެ މަސައްކަތް އެއްކޮށް ނިންމާލެވުމުންނެވެ. ޕްރޮޑިއުސަރު ރޯހިތްވެސް މިދުވަސްވަރު އުޅެނީ ކުރިއަށް ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމު "ސާކަސް" ގެ މަސައްކަތުގައެވެ. އެހެންކަމުން މިފިލްމުގެ މަސައްކަތް އަދި ފަށައިގަނެވޭނެ ތާރީޚެއް ރަސްމީ އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

މިސިލްސިލާގެ އެންމެ ފަހުބައި ގެނެސްދީފައިވަނީ ރިލަޔަންސް ކުންފުންޏާއި އަޖޭ ދޭވްގަންގެ އަމިއްލަ ފިލްމު ކުންފުންޏާ ގުޅިގެންނެވެ. އަޖޭގެ އިތުރުން ފިލްމުގައި ދެން ފެންނާނެ ތަރިންނާ ބެހޭ މަޢުލޫމާތު ކުރިއަށްއޮތް ތަނުގައި ލިބޭނެކަމަށް ބެލެވެއެވެ. މިސިލްސިލާގެ ފުރަތަމަ ބައިން ދެކުނު ފިލްމު އިންޑަސްޓްރީގެ ބަތަލާ ކާޖަލް ފެނިފައިވާއިރު ދެވަނަ ބައިން ފެނިފައިވަނީ ބަތަލާ ކަރީނާ ކަޕޫރެވެ.

comment ކޮމެންޓް