ޕޯޗްގަލް ބަލިކޮށް، ހަނިގޮތަކަށް ކޮރެއާ ދެވަނަ ބުރަށް

ލިބުނު ކާމިޔާބީ ފާހަގަކޮށް ކޮރެއާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ --ފޮޓޯ/ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޯޗުގަލްގެ މައްޗަށް ހޯދި މޮޅާއެކު ސައުތު ކޮރެއާއިން މުބާރާތުގެ ދެވަނަ ބުރުގެ ޖާގަ ކަށަވަރު ކޮށްފިއެވެ.

މިއީ ސައުތު ކޮރެއާއިން ވޯލްޑް ކަޕުގެ ގުރޫޕު ސްޓޭޖު ފަހަނައަޅައި, ރައުންޑް އޮފް 16 ގައި ކުޅޭނެ ތިންވަނަ ފަހަރެވެ. މީގެކުރިން 2010 ވަނަ އަހަރު ސައުތު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕުގަައި އަދި 2002 ވަނަ އަހަރު ސައުތު ކޮރެއާއާއި ޖަޕާނުގައި ބޭއްވި ވޯލްޑް ކަޕުގައި އެޓީމުން ރައުންޑް އޮފް 16 ގައި ކުޅެފައިވެއެވެ. 2002 ވަނަ އަހަރު ސައުތު ކޮރެއާއިން ސެމީ ފައިނަލާއި ހަމައަށް ދަތުރު ކޮށްފައިވެއެވެ.

ގުރޫޕު ސްޓޭޖުގެ ފަހު މެޗުގައި ޕޯޗުގަލްއާ ދެކޮޅަށް ސައުރު ކޮރެއާ ނުކުންނަން ޖެހުނުއިރު، ރައުންޑް އޮފް 16ގެ ޖާގައެއް ހޯދުމަށް ކޮރެއާއަށް އޮތް ހަމައެކަނި ފުރުސަތަކީ ޕޯޗުގަލް ބަލިކޮށް، މި ގުރޫޕުގައި ދެން ކުޅޭ މެޗުގައި ގާނާގެ މައްޗަށް އުރުގުއާއި އިން ގިނަވެގެން ދެލަނޑުގެ ތަފާތަކުން މޮޅުވުމެވެ. އުރުގުއާއި އިން އެއަށްވުރެ ބޮޑު ތަފާތަކުން މޮޅުވިނަމަ ސައުތު ކޮރެއާ މުބާރާތުން ކަޓާނެއެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޯޗުގަލްގެ މައްޗަށް ކޮރެއާއިން ކުރިހޯދީ 1-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޕޯޗުގަލް އިންނެވެ. މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ރިކާޑޯ ހޯޓާއެވެ.

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ --ފޮޓޯ/ގެޓީ އިމޭޖަސް

ޕޯޗުގަލްއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް، ހާއްސަކޮށް އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލަނޑު ޖަހާނެ ހުސް ފުރުސަތުތަކެއް ލިބުނު މި މެޗުގައި، މި ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

ކޮރެއާގެ ކުޅުންތެރިންގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނުނު މި މެޗުގައި އެޓީމުން ފުރަތަމަ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކުރީ 27 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކިމް ޔޮންގް ގްވާން އެވެ.

ކަށިން ހިތްވަރުނެރެ ކޮރެއާގެ ކުޅުންތެރިން ދެވަނަ ހާފު ފެށިއިރު، މި ހާފުގައި ޕޯޗުގަލްއަށް ކޮރެއާގެ ގޯލާއި އަމާޒުވާގޮތަށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ.

މެޗުގައި ކޮރެއާ މޮޅުކޮށްދީ، އެޓީމަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްދިން ލަނޑު، މެޗުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ފުރަތަމަ މިނެޓުގެ ތެރޭގައި ކާމިޔާބު ކޮށްދިނީ ހްވަންގް ހީ ޗަން އެވެ. މިއީ ކައުންޓާ އެޓޭކެއްގައި ހިއުންގް މިން ސޮންގެ މޮޅު ކުޅުމަކާއިއެކު، އޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ހްވަންގް ހީ ޗަން ކާމިޔާބުކުރި ލަނޑެކެވެ.

ސައުތު ކޮރެއާގެ ކެޕްޓަން --ފޮޓޯ/ގެޓީ އިމޭޖަސް

މި މޮޅާއެކު ސައުތު ކޮރެއާ ދެވަނަ ބުރަށް ދަތުރުކުރީ ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެއީ ތިން މެޗުން ހަތަރު ޕޮއިންޓު ހޯދައިގެންނެވެ. ތިންވަނައިގައި އޮތް އުރުގުއާއި އަށްވެސް ހަތަރު ޕޮއިންޓު ލިބިފައިވާއިރު ކޮރެއާއަށް ކުރި ލިބެނީ ޖެހި ލަނޑުގެ ތަފާތުންނެވެ. މި ދެ ޓީމު ވަނީ ފައިދާ ލަނޑުގެ ތަފާތުންވެސް އެއްވަރުވެފައެވެ. ތާވަލުގެ ފުލުގައި އޮތީ ގާނާއެވެ.

މުބާރާތުގެ ރައުންޑް އޮފް 16 ގައި ޕޯޗުގަލް ވާދަކުރާނީ ގްރޫޕް ޖީގެ ދެވަނަ ޓީމާއެވެ. ސައުތު ކޮރެއާ ވާދަކުރާނީ އެ ގުރޫޕުގެ އެއްވަނަ ޓީމާއެވެ.

comment ކޮމެންޓް