މިދިޔަ އަހަރާ އަޅާބަލާއިރު، މިއަހަރުގެ މިހާތަނަށް ފަތުރުވެރިން އައި އަދަދު އިތުރު

ފަތުރުވެރިން ރާއްޖެ އައުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.49 މިލިއަން ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީއިން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ މަހު ރާއްޖެއަށް ޖުމްލަ 146,879 ފަތުރުވެރިން ވަނީ ޒިޔާރާތް ކޮށްފައެވެ. އެއާ އަޅާބަލާއިރު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭ ޒިޔާރާތް ކުރި ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 144،725އެވެ.

މި އަހަރުގެ މިހާތަނަށް ޖުމްލަ 1.49 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވާއިރު، މިދިޔަ އަހަރު އެ މުއްދަތުގައި ޒިޔާރާތް ކުރީ 1.15 މިލިއަން މީހުންނެވެ. ކޮވިޑުގެ ކުރިން، 2019 ވަނަ އަހަރުގެ މި މުއްދަތުގައި 1.53 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރިއެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތް ކޮށްފައިވަނީ އިންޑިއާއިންނެވެ. އެ ގައުމުން އައި ފަތުރުވެރިންގެ އަދަދު، ޖުމްލަ އަދަދުގެ 14 ޕަސެންޓު ހިއްސާކުރެއެވެ.

ރަޝިޔާއިން އަންނަ ފަތުރުވެރިންގެ މާކެޓުގެ ހިއްސާއަކީ މިހާރު 12.2 ޕަސެންޓެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި އިނގިރޭސިވިލާތުން ހިއްސާކުރަނީ 10.9 ޕަސެންޓެވެ.

މި މަހުގެ މިހާތަނަށް، ދުވާލަކު އެވްރެޖްކޮށް 4،465 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. އަދި އެވްރެޖްކޮށް ފަތުރުވެރިން ރާއްޖޭގައި 8.1 ދުވަހު މަޑުކޮށްފައިވެއެވެ.

މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަން ކަމުން ކުރިއަށްއޮތް ދުވަސްތަކުގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެއެވެ.

މިދިޔަ މަހުގެ 24ގައި ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމް ވަނީ، މިއަހަރު 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒު މި މަހުގެ ފަހުކޮޅު ހާސިލްވާނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް