ފޭސްބުކާއި އިންސްޓަގްރާމުގެ ސިޔާސަތުތަކާ ޚިލާފުވި 32 މިލިއަން ޕޯސްޓް ނަގައިފި

އިންޑިއާގައި މެޓާގެ ސިޔާސަތުތަކާ ޚިލާފަށް ފޭސްބުކާއި އިންސްޓަގްރާމްގައި ޕޯސްޓުކޮށްފައިވާ ކަމަށް ބެލެވޭ 32 މިލިއަން ޕޯސްޓެއް ނަގައިފިއެވެ.

މެޓާއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާގޮތުން، އެ ކުންފުނިން އިންޑިއާއަށް ކަނޑައަޅާފައިވާ ސިޔާސަތުތަކުގެ ތެރެއިން 13 ސިޔާސަތަކާ ޚިލާފަށް ފޭސްބުކްގައި ޕޯސްޓްކޮށްފައިވާ 29.2 މިލިއަނަށް ވުރެ ގިނަ ކޮންޓެންޓް ނަގާފައިވެއެވެ. އަދި އިންސްޓަގްރާމްގައި 12 ސިޔާސަތަކާ ޚިލާފަށް ޕޯސްޓުކޮށްފައިވާ 2.7 މިލިއަނަށް ވުރެ ގިނަ އެފަދަ ކޮންޓެންޓް ނަގާފައިވެއެވެ.

އެ ރިޕޯޓުގައިވާ ގޮތުން، އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް މެޓާއަށް އިންޑިއާއިން 703 ޝަކުވާ ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން 516 މައްސަލައެއް ހައްލުކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މެޓާގެ ރިޕޯޓްގައި ބުނެފައިވަނީ، އެ ކުންފުންޏަށް ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރެއިން ޚާއްސަ އިސްކަމެއް ދީގެން ރިވިއު ކުރަން ޖެހޭ 187 ރިޕޯޓުގެ ތެރެއިން ޖުމްލަ 120 ރިޕޯޓަކަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. ބާކީ 67 ރިޕޯޓް ރިވިއު ކުރި ނަމަވެސް ފިޔަވަޅު ނާޅާ ކަމަށް މެޓާގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން އެ ކުންފުނިން ވަނީ އިންސްޓަގްރާމްއާ ގުޅޭ 1،377 ރިޕޯޓް ލިބިފައިވާ ކަމަށް ބުނެފައެވެ. އޭގެ ތެރެއިން 982 މައްސަލައެއް ހައްލުކޮށްދީފައިވާނެ ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އެ މައްސަލަތައް ހައްލުކޮށްދިނުމަށް މެޓާއިން ފޯރުކޮށްދިން ވަސީލަތްތަކުގެ ތެރޭގައި ވަކި އުސޫލަކާ ޚިލާފުވާ ކޮންޓެންޓް، ރިޕޯޓް ކުރުމަށް ގާއިމްކޮށްފައިވާ ޗެނަލްތައް ފޯރުކޮށްދިނުމާއި އެކައުންޓް ހެކް ކުރުމުން އެޅޭނެ ފިޔަވަޅުތައް ބުނެދިނުން ހިމެނޭ ކަމަށް މެޓާގެ ރިޕޯޓްގައި ބުނެފައިވެއެވެ.

އިންސްޓާގްރާމްގެ ބާކީ 395 ޝަކުވާގެ ތެރެއިން 274 ޝަކުވާއަކާ ގުޅިގެން ފިޔަވަޅު އަޅާފައެވެ. ބާކީ 121 ރިޕޯޓް ރިވިއު ކުރި ނަމަވެސް އެމައްސަލަތަކާ ގުޅިގެން ފިޔަވަޅެއް އަޅަން ނުޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

އިންޑިއާގެ އާ އައިޓީ ގަވައިދު 2021ގައި ބުނާގޮތުން، ފަސް މިލިއަނަށް ވުރެ ގިނަ މީހުން ބޭނުންކުރާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އެ ގަވައިދުތަކަށް އަމަލުކުރާ މިންވަރު ދައްކުވައިދޭ ރިޕޯޓް މަހުންމަހަށް ނެރެން ޖެހެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު