ރަށު ބަހުރުވައިން ޚުތުބާކީ އިމާމުގެ ސަސްޕެންޝަން އުވާލައިފި

އައްޑޫ ބަހުން ހުކުރު ޚުތުބާ ކިޔައިގެން ސަސްޕެންޑު ކުރި، މުހައްމަދު ރަޝީދު -- ފޮޓޯ/ އައްޑޫ ލައިވް

އައްޑޫ ސިޓީ މީދޫގެ މިސްކިތެއްގައި މިދިޔަ ސެޕްޓެމްބަރު މަހުގެ ދޭއްވީ ހުކުރު ދުވަހު، ހުކުރު ނަމާދު ކުރެއްވި މުޙައްމަދު ރަޝީދުގެ ސަސްޕެންޝަން އުވާލާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއަދު 'ސަން'އަށް ވިދާޅުވީ މުޙައްމަދު ރަޝީދުގެ ސަސްޕެންޝަން އުވާލާފައިވާ ކަމަށާއި އޭނާއަށް މީގެ ފަހުން އިމާމުވެ ނަމާދު ކުރެވޭނެ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން އޭރު އޭނާއަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އޭނާ އެ ދުވަހު ޚުތުބާ ކިޔާފައިވަނީ "ރާއްޖޭގައި އިމާމުވެ ހުކުރުނަމާދާއި، އީދު ނަމާދާއި، ކޭތަ ނަމާދު ކުރުމުގެ ހުއްދަ ދިނުމުގެ އުސޫލު"ގެ ނުވަ ވަނަ މާއްދާގެ (ނ)އާ ޚިލާފަށް ކަމަށް އިސްލާމިކް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

ވުމާއެކު އިމާމުވެ ހުކުރު ނަމާދާއި، އީދު ނަމާދާއި، ކޭތަ ނަމާދު ކުރުން އޭނައާ ހަވާލު ކުރުން ހުއްޓާލުމަށް މިނިސްޓްރީން އަންގާފައިވާ ކަމަށް ވެސް ސިޓީގައިވެއެވެ. އަދި އެ މިނިސްޓްރީން މުޙައްމަދު ރަޝީދަށް ނަސޭހަތްތެރިވާނެ ކަމަށް އަންގާފައިވާ ކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.

ކައުންސިލުން ބުނީ އެފަދަ ކަމެއް ތަކުރާރު ކޮށްފިނަމަ ދޫކޮށްފައިވާ ހުއްދަ ބާތިލު ކުރާނެ ކަމަށް ވެސް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

އެ މައްސަލައިގައި އޭނާ މީގެ ކުރިން "ސަން"އަށް ބުނީ، އައްޑޫ ބަހުރުވައިން ހުކުރު ޚުތުބާކީ މިސްކިތުގައި ތިބި މީހުންގެ ތެރޭގައި މާލޭ ބަހުރުވަ ނޭނގޭ ބިދޭސީންނާއި އުމުރުން ދުވަސްވީ މީހުން ތިބުމުން ކަމަށެވެ.

މުހައްމަދު ގަބޫލު ކުރާގޮތުގައި ޚުތުބާ ކިޔާއިރު އިސްކަން ދޭންވީ އެންމެ ގިނަ މީހުންނަށް ފަސޭހައިން ފަހުމުވާ ގޮތަށް ކިޔުމަށެވެ. އެރަށު މިސްކިތްތަކަށް ގިނައިން އަރަނީ ބިދޭސީންނާއި އުމުރުން ދުވަސްވީ މީހުން ކަމަށާއި އެ މީހުންނަށް ފަހުމު ވަނީ އައްޑޫ ބަހުރުވައިން ވާހަކަ ދެއްކުމުން ކަމަށް ދިފާއުގައި ވާހަކަ ދައްކަމުން މުހައްމަދު ބުނެފައިވެއެވެ.

މުހައްމަދު ވަނީ އޭނާ، އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފުނުވާ ކަމަށާއި ޚުތުބާގެ ބަހުރުވަ ފިޔަވާ އިތުރު އެއްޗެއް ބަދަލު ނުކުރާ ކަމަށް ވެސް ބުނެފައެވެ.

comment ކޮމެންޓް