ބަތަލާ ސާރާ ޢަލީ ޚާންއާއި ޓައިގާ ޝްރޮފް އެކީގައި ފުރަތަމަ ފަހަރަށް

އެކްޓަރު ޓައިގާ ޝްރޮފްއާއި ބަތަލާ ސާރާ ޢަލީ ޚާން އެކްޝަން ތްރިލާއަކަށް ސޮއިކޮށްފިކަމަށް އިންޑިއާގެ މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ މަސްދަރުތަކުން ބުނެފިއެވެ.

މި ދެ ތަރިން ސޮއިކޮށްފައި ވަނީ ފިލްމު "ޑިއާ ޒިންދަގީ"، "މިޝަން މަންގަލް" އަދި "ހޮލިޑޭ: އަ ސޯލްޖާ އިޒް ނެވާ އޮފް ޑިއުޓީ"ފަދަ ފިލްމުތައް ގެނެސްދީފައިވާ ޑައިރެކްޓަރު ޖަގަން ޝަކްތީގެ ފިލްމަކަށެވެ. ރިޕޯޓުތައް ބުނާގޮތުން ބަތަލާ ސާރާ ޢަލީ ޚާން ފިލްމުގައި ފެނިގެންދާނީ ފިލްމުގެ ލީޑް ރޯލްއިންނެވެ. އަދި މި ފިލްމުގެ މަސައްކަތް ބަތަލާ ވަރަށް އަވަހަށް ފަށާނެކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޓައިގާ ޝްރޮފްގެ ވަރުގަދަ އެކްޝަން ސީންތަކާއެކު އުފައްދާ މިފިލްމުގެ ޕްރޮޑިއުސަރަކީ، ޖެކީ ބަގްނާނީއެވެ. މި ފިލްމުގައި އެކްޓަރު ޓައިގާއާއެކު ސާރާ ޢަލީ ޚާން ފެނިގެންދިއުމަކީ، ފިލްމުގެ އުފެއްދުންތެރިންނަށް ނުހަނު ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދިޔަ ކަމެކެވެ.

ސަބަބަކީ މިފިލްމުން މުޅީން އާ ޖޯޑެއް ފެނިގެންދިއުމަކީ ފިލްމުގެ އުފެއްދުންތެރިން ވަރަށް ބޮޑަށް ކުރި އުއްމީދެކެވެ. މި ފިލްމަކީ، ބަތަލާ ސާރާއާއި އެކްޓަރު ޓައިގާ ޝްރޮފް އެކީގައި ފެނިގެންދާނެ ފުރަތަމަ ފިލްމު ވެސް މެއެވެ. ސަރާ މީގެކުރިން މަސައްކަތްކޮށްފައިވާ އެކްޓަރުންގެތެރޭގައި ސުޝާންތް ސިންގް ރާޖްޕުތް، ވަރުން ދަވަން، ކާތިކް އާރްޔަން، އަކްޝޭ ކުމާރް އަދި ރަންވީރް ސިންގް ހިމެނެއެވެ.

މިޑިސެމްބަރު މަހުގެ 10ގައި ފިލްމުގެ މަސައްކަތް ފެށޭނެކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު ފިލްމުގެ ބޮޑު ބައި ޝޫޓްކުރުމަށް ނިންމާފައިވަނީ އިންޑިއާގެ އިތުރުން ޔޫރަޕްގެ ބައެއް ޤައުމުތަކުގައެވެ.

އެކްޓަރު ޓައިގާގެ ކުރިޔަށްހުރި ފިލްމީ މަސައްކަތްތަކަށް ބަލާއިރު ވަރަށް އުއްމީދީ ފިލްމުތަކެއްގައި ޓައިގާ މަސައްކަތްކުރާނެއެވެ. އޭގެތެރޭގައި، ބަތަލާ ކްރިތީ ސެނޮންއާއެކު ސޮއިކޮށްފައިވާ ފިލްމު "ގަންޕަތް"، އެކްޓަރު އަކްޝޭ ކުމާރްއާއެކު ކުޅޭ ސިގްނޭޗަރ ފިލްމު "ބަޅޭ މިޔާން ޗޯޓޭ މިޔާން" ހިމެނެއެވެ. ބަތަލާ ސާރާގެ ކުރިޔަށްހުރި ފިލްމީ މަސައްކަތްތަކުގެތެރޭގައި ވިކްރާންތް މެސޭއާއެކު ކުޅޭ ފިލްމު "ގޭސް ލައިޓް" އަދި އެކްޓަރު ވިކީ ކޯޝަލްއާއެކު ކުޅެން ސޮއިކޮށްފައިވާ ފިލްމެއް ހިމެނެއެވެ.

comment ކޮމެންޓް