ބެލްޖިއަމް ކެޓިތާ ގަޑިއިރެއް ނުވަނީސް އެ ޓީމުގެ ކޯޗު އިސްތިއުފާ ދީފި

ބެލްޖިއަމްގެ ކޯޗުގެ މަގާމުގައި ހުރި ރޮބާޓޯ މާޓިނޭޒް----

ފީފާ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުން ބެލްޖިއަމް ކެޓިތާ ގަޑިއިރެއްވެސް ނުވަނީސް، އެ ޓީމުގެ ކޯޗުކަމުގެ މަގާމުން ރޮބާޓޯ މާޓިނޭޒް އިސްތިއުފާ ދީފިއެވެ.

މެޗަށް ފަހު މީޑިއާއާ ވާހަކަދައްކަމުން މާޓިނޭޒް ބުނީ، މިރޭ މި ކުޅުނީ އޭނާގެ އިރުޝާދުގެ ދަށުން ބެލްޖިއަމް ކުޅުނު ފަހު މެޗު ކަމަށެވެ. އަދި މިއީ އޭނާއަށް ވަރަށް އަސަރު ކުރުވަނިވި ވަގުތުކޮޅެއް ކަމަށްވެސް މާޓިނޭޒް ބުންޏެވެ.

ބެލްޖިއަމަކީ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑްކަޕްގެ ތިންވަނަ މަގާމު ހޯދި ޓީމެވެ. އެ މުބާރާތުގައިވެސް ބެލްޖިއަމް ޓީމަށް އިރުޝާދު ދިނީ މާޓިނޭޒެވެ.

ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮވެ އަދި 2018 ވަނަ އަހަރުގެ ތިންވަނަ ޓީމުގެ ގޮތުގައި މިފަހަރުގެ މުބާރާތަށް ބެލްޖިއަމް ނުކުތީ ފޭވަރިޓެއްގެ ގޮތުގައި، ރަނގަޅު ނަތީޖާއެއް ނެރުމުގެ ވަރުގަދަ އަޒުމެއްގައެވެ.

ނަމަވެސް އެޓީމުން މުބާރާތް ފެށީވެސް ގިނަބަޔަކު އުންމީދުކުރި ގޮތާ މުޅިން ހިލާފަށެވެ. އެގޮތުން ފުރަތަމަ މެޗުގައި އެޓީމު ކުޅުނީ ދުނިޔޭގެ ރޭންކިންގެ 41 ވަނައިގައި އޮތް ކެނެޑާއާ ދެކޮޅަށް ކަމަށްވީއިރު، އެ މެޗުގައި ބެލްޖިއަމަށް ލިބުނީ ހަނި މޮޅެކެވެ. 36 އަހަރަށްފަހު ވޯލްޑް ކަޕުގައި ވާދަކުރި ކެނެޑާގެ މައްޗަށް، ތަރިންގެ ޓީމަކާއެކު ނުކުތް ބެލްޖިއަމަށް ކުރިހޯދުނީ 0-1 ގެ ނަތީޖާއަކުންނެވެ.

ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި އެ ޓީމު ވަނީ މޮރޮކޯ އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިރޭ ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

މާޓިނޭޒް ބެލްޖިއަމްގެ ހަޒާޑަށް އިރުޝާދު ދެނީ---

މިރޭގެ މެޗުން މޮޅުވެ، ތިން ޕޮއިންޓު ހޯދައިގެން ބެލްޖިއަމަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރެވެން އޮތެވެ. މި މެޗުގައި ބެލްޖިއަމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ލަނޑު ޖެހުމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފި، ކްރޮއޭޝިއާއާ އެއްވަރުވެ ބެލްޖިއަމް އަށް މުބާރާތުން ވަކިވާން ޖެހުއެވެ. ކުޅުނު ތިން މެޗުން ބެލްޖިއަމަށް ހަތަރު ޕޮއިންޓު ލިބިފައިވާއިރު، ތާވަލުގައި ލިބުނީ ތިންވަނައެވެ.

މާޓިނޭޒް އަކީ މިހާތަނަށް ބެލްޖިމުން ވޯލްޑް ކަޕެއްގައި ހޯދި އެންމެ ރަނގަޅު ނަތީޖާ އެ ޓީމަށް ހޯދައިދިން ކޯޗެވެ. އަދި 2016 ވަނަ އަހަރު މާޓިނޭޒް ބެލްޖިއަމް ޓީމާ ހަވާލުވިއިރު އެޓީމު ރޭންކިންގެ ފަސްވަނައިގައި އޮތްއިރު، އޭނާގެ އިރުޝާދުގެ ދަށުން ބެލްޖިއަމް ވަނީ ރޭންކިންގެ އެއްވަނައަށްވެސް އަރާފައެވެ. އެއީ 2018 ވަނަ އަހަރުއެވެ. ރޭންކިންގެ އެއްވަނައިގައި ބެލްޖިއަމް ތިން އަހަރު އޮތެވެ.

ފުޓުބޯޅަ ކުޅުންތެރިއެއްގެ ގޮތުގައިވެސް މާޓިނޭޒް ކާމިޔާބީތަކެއް ހޯދާފައިވާއިރު އޭނާ ކޯޗިންގް ކެރިއަރު ފެށީ 2007 ވަނަ އަހަރުއެވެ. އެއީ ސްވަންސީ ސިޓީންނެވެ. މާޓިނޭޒް ވަނީ 2013 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާއި ދެމެދު އިނގިރޭސި ޕްރިމިއާ ލީގުގެ އެވަޓަންއަށްވެސް އިރުޝާދު ދީފައެވެ.

comment ކޮމެންޓް