ފަނޑިޔާރަށް ފަރިއްކޮޅު ފޮނުއްވި މީހަކާ މެދު ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި: ޖޭއެސްސީ

ފަނޑިޔާރު މަހާޒު ޢަލީ ޒާހިރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު ޢަލީ ޒާހިރު، ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ދެއްވި ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަތް ކަމަށް ބުނާ މައްސަލައިގައި، ފަނޑިޔާރު މަސައްކަތްކުރައްވާ ސެކްޝަންގެ ބައެއް މުވައްޒަފުން ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކުރި ކުރުމުން ފަރިއްކޮޅު ފޮނުއްވި ފަރާތާމެދު ސުވާލު އުފެދޭ ކަންތައްތަކެއް ހުރިކަން ފާހަގަވެފައިވާކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފިއެވެ.

ޖޭއެސްސީއިން މިރޭ ނެރުނު ބަޔާނެއްގައި އެހެން ބުނީ، ކުރީގެ ރައީސް ޔާމީންގެ ފަރާތުން ދެއްވި ފަރިއްކޮޅެއްގައި ބައިވެރިވިކަމަށް މަހާޒްގެ މައްޗަށް ތުހުމަތުވާތީ އެކަން ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލަން ޖޭއެސްސީއިން ނިންމާފައި ވަނިކޮށެވެ. އަދި އެ ފަރިއްކޮޅަށް ޚަރަދު ކުރެއްވީ އަމިއްލައަށް ކަމަށް މަހާޒު ވިދާޅުވި ފަހުންނެވެ.

މަހާޒު ނެރުއްވި ބަޔާނާ ގުޅިގެން ޖޭއެސްސީއިން ބުނީ، އެއީ ކަމުގެ ހަގީގަތް އޮޅޭފަދަ ގޮތަކަށް އޭނާ ނެރެއްވި ބަޔާނެއް ކަމަށެވެ. އަދި މަހާޒާ ގުޅޭގޮތުން އެ ކޮމިޝަނަށް ހުށަހެޅި ޝަކުވާއަކީ، އޭނާ ބެންޗުގައި ހިމެނޭ ގޮތުން ސުޕްރީމް ކޯޓުން ބެލި މައްސަލައެއްގައި ވަކި ގޮތަކަށް ހުކުމް ކުރުމުން އެ ކަމުގެ އުފަލުގައި އެ މައްސަލައިގައި ހިމެނޭ ޚަސްމެއްގެ ސަޕޯޓަރަކު ފޮނުވި ޖާފަތަކާ ހަވާލުވެ، ފަރީއްކުޅުއްވައި އެ އުފަލުގައި ބައިވެރިވެވަޑައިގެންނެވި ކަމުގެ ޝަކުވާ ކަމަށެވެ.

މި ޝަކުވާއާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ޖޭއެސްސީއިން ތަކުރާރުކޮށް ސުޕްރީމް ކޯޓަށް ސިޓީ ފޮނުވުމުން އެ ދުވަހުގެ ފަރީއްކޮޅެއް އޮތްކަމަށް ވިދާޅުވުން ފިޔަވައި، އެ ފަރީއްކޮޅާ ގުޅޭ މައުލޫމާތު ސާފުކޮށްދެއްވުމަށް މަހާޒު ތަކުރާރުކޮށް އިއުތިރާޒުކުރެއްވި ކަމަށް ޖޭއެސްސީއިން ބުންޏެވެ. އަދި ފަރީއްކޮޅު އިންތިޒާމުވި ގޮތާއި އެކަމަށް ޚަރަދުކުރި ގޮތުގެ ތަފުސީލު ހޯދުމަށް ޖޭއެސްސީއިން ކުރި މަސައްކަތަށް މަހާޒު ގަސްތުގައި އިޖާބަދެއްވާފައި ނުވާކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ނަމަވެސް އެއިރު މަހާޒު އެ މައުލޫމާތު ހާމަނުކުރެއްވީ އެވަގުތު އެމައުލޫމާތާއި ލިޔެކިޔުން އޭނާގެ އަތްޕުޅުގައި އޮވެމެކަން ނުވަތަ ނޫންކަން އިތުރަށް ސާފުވާނީ ކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގު ނިމުމުންކަމަށް ޖޭއެސްސީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ޖޭއެސްސީއިން އިތުރަށް ބުނީ އެ މައްސަލައިގައި، މަހާޒު މަސައްކަތްކުރައްވާ ސެކްޝަންގެ ބައެއް މުވައްޒަފުން ކޮމިޝަނަށް ހާޒިރުކޮށް އެ ފަރީއްކޮޅާ ގުޅޭ މައުލޫމާތު ސާފުކުރި ކަމަށެވެ. އެގޮތުން ލިބުނު މައުލޫމާތުން މި ފަރީއްކޮޅާ މެދު ޝަކުވާގައި ފާހަގަކޮށްފައިވާ ކަންކަމަށް ބާރުދޭ ބައެއް ކަންކަން ހާމަވެފައިވާކަމަށް ޖޭއެސްސީއިން ބުނެއެވެ.

އެހެންކަމުން އެފަދަ ތުހުމަތުތަކުގެ ހަގީގަތް ހޯދުމަކީ ހުރިހާ ގޮތަކުން ވެސް ބޭނުންތެރި ކަމެއްކަމަށް ފެންނާތީ މި މައްސަލަ ތަހުގީގުކުރަން ނިންމީ ކަމަށް ޖޭއެސްސީއިން ބުންޏެވެ.

ޖޭއެސްސީން ބުނީ ކުރިން ބުނި މައުލޫމާތު ސާފުކުރި މަރުހަލާގައި މަހާޒަށް ޝަކުވާއާ ގުޅުންހުރި މައުލޫމާތު ހާމަ ކުރުމުގެ ފުރުސަތު ދިން ކަމަށާއި ނަމަވެސް އެ މައުލޫމާތު ކޮމިޝަނަށް އެއްވެސް މިންވަރަކަށް ހާމަކޮށްފައިނުވާކަމަށެވެ. އަދި އެޝަކުވާއާ ގުޅިގެން އޭނާގެ ބަސް އިއްވަވައި ލިޔެކިޔުން ހިއްސާކުރައްވަން އިޚްތިޔާރުކުރައްވާފައި ވަނީ މީޑިއާ މެދުވެރިކޮށްކަން ޖޭއެސްސީން ވަނީ ފާހަގަކޮށްފައެވެ.

ޖޭއެސްސީއިން ބުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ މުޅި ޖުޑިޝަރީ ނަމޫނާއަކަށް ބަލާ ބޭފުޅުންކަމަށްވީއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ އެންމެ މަތީ ދަރަޖައިގެ އަޚްލާޤީ މިންގަނޑު ނަގަހައްޓައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ދަމަހައްޓަވަންވާނޭ ބައެއް ކަމަށެވެ. އަދި އެ ކޮމިޝަނަށް ހުށަހަޅާ ޝަކުވާތަކާ ގުޅިގެން ގޮތް ނިންމަމުން ދަނީ ކޮންމެ ދަރަޖައެއް ނުވަތަ ގިންތިއެއްގެ ފަނޑިޔާރެއްކަމުގައި ވިޔަސް އެއް ހަމަ އުސޫލަކުން ތަފާތުކުރުމެއްނެތި ކަމަށްވެސް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

ކުރީގެ ރައީސް ޔާމީނުގެ ހުކުމަށްފަހު ފަނޑިޔާރު މަހާޒު ފަރިއްކުޅުއްވި ތަކެތި ފޮނުވި މީހަކާ މެދު ޖޭއެސްސީއިން ސުވާލު އުފައްދާފައިވާއިރު، ޖޭއެސްސީއަކީ ސިޔާސީ ތަނެއްކަމަށް މަޖިލީހަށް ނިސްބަތްވާ އިދިކޮޅު ޕާޓީގެ މެމްބަރުން ގެންދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. މިގޮތުން ޖޭއެސްސީގައި މިހާރު މުޅިންވެސް ތިބީ ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންކަމަށް އެ މެމްބަރުން ފާހަގަކުރައްވައެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ބަލާއިރު، ކޮމިޝަނުގެ ރައީސް ޙިސާން ޙުސައިން އަކީ ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ މެމްބަރެކެވެ. ކޮމިޝަނުގެ ނައިބު ރައީސް މަސްތޫރު ޙުސްނީ އަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އައްޔަނު ކުރެއްވި މެމްބަރެކެވެ.

ކޮމިޝަނުގެ މެމްބަރުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ދެން ކޮމިޝަނުގައި ހިމެނިވަޑައިގަންނަވަނީ ބަންޑާރަނައިބު އަލްއުސްތާޛު އިބްރާހީމް ރިފްޢަތެވެ.

ޖޭއެސްސީ މިހާރު އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ ރައީސް ޞާލިޙުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް އެ ބަދަލު ގެނައުމަށް އަދި މި ސަރުކާރުން ފިޔަވަޅެއް އަޅާފައިނުވެއެވެ.

comment ކޮމެންޓް